ޖުޑީޝަލް ސާސިވް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ކުރަމުންދަނީ ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކަމަށާއި އެ ކޮމިޝަނުގެ މަސައްކަތްތަކާ މެދު ހިތް ހަމަނު ޖެހުން ތަކެއް ފެންނަނީ މީގެ ކުރިން ފަނޑިޔާރުންނާ ބޭއްވުނު ގުޅުންތައް މިހާރު ނުބޭއްވޭތީ ކަމަށް އެ ކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކަ އެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.
މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.
ޖޭއެސްސީން ގިނަ ފަނޑިޔާރުތަކެއް މައްސަލަ ބަލައި، ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަމުންދާއިރު، އެއީ ވަކި ފަނޑިޔާރުންތަކެއް ވަކި ކުރުމުގެ މަސައްކަތެއްގެ ތުހުމަތު އެ ކޮމިޝަނަށް ވަނީ އަމާޒުވެފައި އެވެ.
ނަމަވެސް، މިއަދުގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ފާޑުކިޔަނީ ޖޭއެސްސީ އިސްވެ ޖުޑީޝަރީ މިނިވަން ކުރަމުންދާތީ ކަމަށެވެ.
"ބައެއް ބޭފުޅުން ފަނޑިޔާރުންނާ މީގެ ކުރިން ބެހެއްޓެވި ގުޅުންތައް، ނުބެހެއްޓެވޭތީވެ، ނުވަތަ އެ ގުޅުންތައް ގެއްލި ދިޔާއިމަ، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަންނާނެ އުފެދިގެން. އެކަމާ ކުރެވޭނެ ކަމެއް ނޫން އެއީ،" ޖޭއެސްސީއަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ވައުދު ނުފުއްދާނެކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިއުންތައް ވެސް އެ މަނިކުފާނު މިއަދު ވަނީ ދިފާއު ކުރައްވައިފަ އެވެ.
މިގޮތުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އަދި ލަސްނުވާ ކަމަށާއި، ސަރުކާރުގެ ވައުދާ އެއްގޮތަށް، ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން އެކަން ކުރާނެކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.
"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުން އަޅުގަނޑަށް ފެންނަ ގޮތުގައި ލަހެއް ނުވޭ. އެއީ އެމްޑީޕީގެ ވައުދެއް. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ފަސްއަހަރު ތެރޭ އަކަން ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.