ހަބަރު

އިސްތިއުފާ ދިނުމުން މައްސަލަ ނުބެލޭތީ ކަންބޮޑުވޭ: ނަޝީދު

Oct 28, 2020
4
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފައިލް ފޮޓޯ
0%
0%
0%

ސުލޫކީ މައްސަލަތައް ސާބިތުވެ، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ފޮނުވުމާއެކު އިސްތިއުފާ ދިނުމުން، އެ މައްސަލަތައް ބަލައި ނިންމުމުގެ ފުރުސަތު ނޯންނާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ބޮޑެތި ތުހުމަތު ތަކާއެކު ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަނިކޮށް އިސްތިއުފާ ދެއްވާކަން މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ފަނޑިޔާރުންގެ ސުލޫކާ ހިލާފުވެގެން މަގާމުން ވަކި ކުރަން ހުށަހެޅުމުން، އިސްތިއުފާ ދީފައިވާ މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އަދި އިސްތިއުފާ ދިނުމުން ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބަލައި ނިންމޭނެ ގޮތެއް ނޯންނާތީ، ފަނޑިޔާރުކަމުގެ މަގާމަށް އަނބުރާ އައުމުގެ ފުރުސަތުވެސް އޮންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރެވި، މަޖިލީހަށް ފޮނުވި ފިޔަވަޅު އެޅުމުގެ ތުންފަތްމަތީގައި ވަނިކޮށް އިސްތިއުފާ ދެއްވީމާ ސުލޫކީ މައްސަލަ ބަލައި ނިންމާފައި ނޯންނަކަމުން އެފަދަ ފަނޑިޔާރުންނަށް އަލުން އަނބުރާ ފަނޑިޔާރުކަމަށްވެސް ވަޑައިގަތުމުގެ ފުރުސަތު އޮވޭ،" އެއީ ގިނަ މެންބަރުންގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝުކޫރު މެޖިސްޓްރޭޓެއް ގޮތުގައި ހުންނަވައި ހައްޔަރު ކުރެވިފައިވާ ފަރާތެއްގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލު ކުރައްވާ އޭނާާ ދިން ސިޓީ އުރައަކާއި ހަވާލު ވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުންވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވާކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނާޅި

މަނިކުފާނު ޖުޑިޝަރި އިސްލާހު ކުރަނީ މަކުނު ވާފުރާ ބިދައިން ނުންތޯ ނިކަން ބައްލަވާ މަނިކުފާނު ތިއިންނަވާ ޖޭއެސްސީން ޤާބިލް ނޫންކަމަށް ނިންމި ފަޑިޔާރު ހަމަ މަނިކުފާނު ތުޔަ ރައީސުކަން ކުރާ މަޖިލިހުން ވަކި ކޮށްފައި ވަނިކޮށް ހަމަ މަނިކުފާނު އެފަޑިޔާރު އަންބުރާގެނެސް ފަޑިޔާރުގޭގެ އެންމެ މަތީ ފަޑިޔަށް ލީވެސް ހަމަ މޮޅުކަންތޯ ؟

ސަމްސިއްޔާ

ކޮބައިތަ ބޮޑަތި ތުހުމަތު ތަކަކީ؟؟ ސިޓީއުރައަކާ ހަވާލުވިކަމުގެ ތުހުމަތު؟؟ ޔާމީނަށް ތާއީދު ކޮށް ވާހަކަ ދެއްކިކަމުގެ ތުހުމަތު؟؟ މިގައުމުގައި އަޅެ މިމީހުން ކުރާނެ ކަމެއް ނެތިގެންތަ މިއުޅެނީ. ރައްޔިތުން އަތާ އަނގައާ ދިމާނުވެގެން އުޅޭއިރު މިމީހުން އިދިކޮޅުމީހުންގެ ފަހަތުން ކޮންމެވެސް ގޮޅިއަކަށް ފެއްތުމުގައި.

ލަކޫ

އަޅުގަޑުމެން ރައްޔިތުން އެންމެ ކަންބޮޑުވަނީ ތިމާގެ ނާޤާބިލު ކަމުން މަޤާމުން އިސްތިއުފާ ދީ އަދީ މަޤާމުން ވަކިކޮށްފައި ތިބޭ މީހުނަށްވެސް ދެވަނަފަހަރަށް ދައުލަތުގެ އިސް މަޤާމުތަކަށް އާދެވޭގޮތަށް އޮންނާތީ !

ވސނ

ރަނގަޅުވާހަކައެކެވެ. ދައުލަތުން އުޖޫރަލިބޭމަޤާމެއްގައިހުރި އެއްވެސްމީހަކާއިދޭތެރޭގައި ތުހުމަތެއްކުރެވިފައިވަނިކޮށް އިސްތިޣުފާދިނުމުން އެމައްސަލައެއް ނުބެލޭގޮތްވެގެނެއްނުވާނެއެވެ. އެމައްސަލައެއް ބަލައި، އަޅަންޖެހޭފިޔަވަޅެއް އަޅަންޖެހޭނެއެވެ. ކުށްވެރިވާނަމަ، އަދަބުވެސް ދެވެންޖެހޭނެއެވެ. މިހާރުތިކުރެއްވެވެނީ ބިނާކުރަނިވިމަސައްކަތްކަމުގައި ބެލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކި ތިޔައީއެވެ. ރައްޔިތުންގެމަޖިލީހަކީ ސަރުކާރުހިންގާތަނަކަށް ވެގެނެއްނުވާނެއެވެ. ސަރުކާރުންވެސް އަދި އެނޫންދާއިރާއަކުންވެސް ތިފަދަކަންތައް ފެންނަނަމަ، މަޖިލީހަށް އެކަމުގެކަންބޮޑުވުން ފާޅުކުރެވެންޖެހޭނެއެވެ. ތިފަދަކަންތަކަށް ގޮތްކިޔައި ހަދާނެގޮތް ނިންމާބަޔަކަށްވެސް ވެގެނެއްނުވާނެއެވެ. މަޖިލީހުގެމެންބަރެއްގެ ތިފަދަކަންތައްއުޅޭނަމަ، އެކަމަކާއިމެދު މަޖިލީހަށް ގޮތެއް ނިންމިދާނެއެވެ. މިސާލަކަށްބަލާނަމަ، ބ. ބޮޑުފިނޮޅު ނުވަތަ ހައްދުންމަތީމީހެއްގެއަތުން ކާށިދޫދާއިރާގެ މެންބަރުގަތްދޯނީގެމައްސަލަ ފުދޭނެކަމުގައި ބެލެވެއެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345