ރައީސް މުހައްމަދު ނަޝީދު

ހުކުމް ވިއްކައިފިނަމަ އަޅުގަނޑަށް އެނގޭނެ: ނަޝީދު

މިހާރު ހުކުމެއް ނުވިއްކޭނެ ކަމަށާ ހުކުމެއް ވިއްކައިފިނަމަ އެކަން އެނގިވަޑައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަރީ މިނިވަންކޮށް އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުން މި ސަރުކާރު ވެރިކަމަށް އައިސް ބަދަލު ކޮށްފައިވާ ކަަމަށާ މިހާރު ކޯޓްތަކުން ހުކުމް ނުވިއްކޭނެ ކަމަށެވެ. ހުކުމް ނުވިއްކޭނެ ކަމަށް ތަކުރާރު ކުރައްވާ ވިދާޅުވީ ހުކުމް ވިއްކައިފިނަމަ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭގެ ފަހުން ވިދާޅުވީ އެފަދަ ކަމެއް ފަނޑިޔާރަކު ކުރައްވައިފިނަމަ މިހާރު ހުރިހާ އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

އެފަދަ ކަމެއް ކުރައްވައިފިނަމަ މަޖިލީހުން ވެސް ޖޭއެސްސީން ވެސް ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންޒާރު ކުރެއްވިއެވެ.

"ހުކުމެއް ނުވިއްކޭނެ މިހާރަކު. ނުވިއްކޭނެ މިހާރަކު. ވިއްކައިފިނަމަ އަޅުގަނޑަށް އެނގޭނެ. ވިއްކައިފިއްޔާ އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭނެ. ބަލާނަން، ހޯދާނަން، ފިޔަވަޅު އަޅާނަން. ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ރައްޔިތުންގެ މަޖިލީހުން ވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ޖޭއެސްސީގެ މެންބަރެކެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމަކީ ބޮޑު ގޯހެއް ކަމަށް އެންމެ ހަރުއަޑުން ބުނި ބަޔަކީ އެމްޑީޕީ އެވެ. ނަމަވެސް މިހާރު އެ ވާހަކަ ދައްކަން އެ ބޭފުޅުން ދެކޮޅު ހައްދަވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވަނީ ޖޭއެސްސީގައި އެމަނިކުފާނު ކޮންމެހެން ވެސް އިންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބޭނުންފުޅު ވަނީ އެގޮތް ކަމަށެވެ.

ނަމަވެސް އިދިކޮޅުން ދަނީ ޖޭއެސްސީއަކީ މިނިވަން ކަމެއް ނެތް ސިޔާސީ ތަނެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ. އަދި ޖޭއެސްސީން ކޯޓްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެ އެވެ.

މިހާރު އޮތް ގޮތަށް ޖޭއެސްސީ ބަދަލުވި ފަހުން ރެކޯޑް އަދަދަކަށް ފަނޑިޔާރުންގެ މައްސަަލަތައް ބަލާފައިވެއެވެ. އަދި ގިނަ ފަނޑިޔާރުންތަކެއް ވަކިކުރުމަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ފޮނުވާފައި ވެއެވެ. މަގާމުން ވަކި ކުރާނެ ކަން ޔަގީންވާތީ ގިނަ ފަނޑިޔާރުން އިސްތިއުފާ ދެއްވަނީ މަޖިލީހުން ގޮތެއް ނިންމަން ވަގުތު ކުޑަތަންވުމުންނެވެ. ބައެއް ފަނޑިޔާރުން ވަކިކޮށްފައިވަނީ މަޖިލީހުންނެވެ.

ރައީސް ނަޝީދު އިއްޔެ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުރިހާ މެންބަރުންވެސް ބަދަލު ކުރެވިފައިވާ ކަމަށް ވިދާޅުވެ އެކަން ފާހަގަ ކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ސިވިލްސާވިސް ކޮމިޝަނާއި ޕީޖީ އޮފީހާއި އޮޑިޓަރު އޮފީހުގެ ގާނޫނަށް މުހިންމު ބަދަލެއް ގެނެސް އެ ތަންތަނުގެ މިނިވަންކަން އިތުރަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.