ޑރ. އަހުމަދު އަބްދުﷲ ދީދީ

ސުލޫކީގެ ނަމުގައި ކުރަނީ ޣައިރު ދުސްތޫރީ ކަންކަން: ޑރ. ޑީޑީ

ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތެރެއިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކަކީ ޣައިރު ދުސްތޫރީ ކަންކަން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްގެން ފަނޑިޔާރު ކަމުން ވަކިކުރި ޑީޑީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގައި ވެސް އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުގެ އަމާޒަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފެހެއްޓުމަށް ޖޭއެސްސީން ކުރާ މަސައްކަތަށް އެހީތެރިވުން ކަމަށެވެ. ވަކި ފަނޑިޔާރަކަށް އަމާޒުކޮށްގެން ވަކި ގޮތަކަށް އަމަލު ކުރެއްވުމުގެ ނިޔަޒެއް މަޖިލީހުގެ މެންބަރުންގެ ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު ޝާއިއު ކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން ޑރ. ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޭއެސްސީން ކަންތައްތައް ކުރަނީ ރަނގަޅަށް ކަމަށް ބުންޏަށް އެ ކޮމިޝަނުން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރު ދުސްތޫރީ ކަންތައް ސައްހަ ނުވާނެ ކަމަށެވެ.

ފަހަކަށް އައިސް ޓްވީޓާގައި ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑީޑީ ވިދާޅުވާ ގޮތުގައި، ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކަމަށް ބުނެ ބަލަމުންދާ މައްސަލަތަކުގައި ހިމެނީ ޝަރުއީ ހުކުމްތަކާއި ޝަރުއީ ދާއިރާގެ އިދާރީ ކަންކަމެވެ.

"ދުވާލަކު ފަސް ފަހަރު ތަސްބީހަ ކިޔާހެން ތިމަންނަމެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ޖޭއެސްސީން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރު ދުސްތޫރީ ބާތިލު ކަންތައް ސައްހަ ނުވާނެ. ސުލޫކީގެ ނަމުގަ ތި ތަނުން ބަލާ 90 ޕަސެންޓް ކޭސްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތައް،" ޑީޑީ ވިދާޅުވި އެވެ.

ޖޭއެސްސީގައި ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން އާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އިންނަވަ އެވެ. ޖޭއެސްސީ ބަދަލުވި ފަހުން ވަރަށް ގިނަ ފަނޑިޔާރުން މިހާތަނަށް މަގާމުން ވަކި ކޮށްފައިވެ އެވެ.

ވަކި ފަނޑިޔާރަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމުގެ ނިޔަތެއް ނެތް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއިރު، ޖޭއެސްސީގައި އެމަނިކުފާނާއި އެމްޑީޕީގެ ބައެއް މެންބަރުން ތިއްބަވައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ވެސް ކުރެވެ އެވެ.