ރައީސް މުހައްމަދު ނަޝީދު

ޖޭއެސްސީގައި އިންނަ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން: ނަޝީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބަވަން ޖެހޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ރައީސްއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް އެ ކޮމިޝަންގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވިއިރު މަޖިލީހުން ވަކި ގޮތެއް ނުނިންމަނީސް ގާޒީ ނަޖީބު ވަނީ ރޭ އިސްތިއުފާ ދެއްވައިފަ އެވެ. ދެން މަޖިލީހުން އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމުގައި ބަހުސެއް ކުރެވެމުން އެބަ ދެ އެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބަވާ ކަމަށެވެ.

ޖޭއެސްސީގައި އިންނަވާ ރައީސް ނަޝީދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް ކަނޑައަޅާފައިވާ މެންބަރު މަސްތޫރު ހުސްނީއަކީ ސިޔާސީ ބޭފުޅުން ކަމަށް ޓޮމް ވިދާޅުވި އެވެ. ޖޭއެސްސީ މެދުވެރިކޮށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ޓޮމް ވިދާޅުވި އެވެ.

ޓޮމް އެހެން ވިދާާޅުވުމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، ހިސާންގެ ފިރިކަލުން އިބްރާހިމް ނާޒިލް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ވެސް އިޮތީ ޖޭއެސްސީ މި އެކުލެވުން ކަމަށެވެ. ޖޭއެސްސީގެ އެކުލެވުން ރައީސް ނަޝީދު ވިދާޅުވެދެއްވުމަށް މެންބަރު ނާޒިލް އެދިވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ދެން ވިދާޅުވީ، މިހާރު ޖޭއެސްސީގެ އެކުލެވުމަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އެކުލެވުން ކަމަށެވެ. އެ އެކުލެވުމުގެ މަތިން ކޮމިޝަނުގައި އިންނަވާ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޖުޑިޝަލް ސާވިސް ކޮމިޝަން އުފެއްދުނީއްސުރެން ވެސް ފެށިގެން އެ ކޮމިޝަންގައި ތިއްބަވަނީ ގާނޫނު އަސާސީގައި އެ ކޮމިޝަންގައި ތިއްބަވަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ބޭފުޅުން. އަދި ކޮމިޝަންގައި އިންނަވަން ޖެހޭ މަޖިލީހުގެ ރައީސްއަކީ އެއް ގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫން. ކުޑަކޮށް ވެސް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމަށް ފަހު ޓޮމްއަށް އަލުން ފުރުސަތު ދެއްވި އެވެ. ދެން ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ، ރައީސް ނަޝީދަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބެއްގައި ވާދަކުރައްވައި ރާއްޖޭގައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. ރައީސް ނަޝީދަށްވުރެ ސިޔާސީ ބޭފުޅެއް ރާއްޖޭގައި ނުހުންނަވާނެ ކަމަށެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ރައީސް ކަނޑައަޅުއްވާ ބޭފުޅަކާއި، ބަންޑާރަ ނައިބުގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުން ތިއްބަވަ އެވެ. ކޮމިޝަންގެ އެކުލެވުމަށް ބަދަލެއް ގެނައުމަކީ އެމްޑީޕީގެ ވައުދެކެވެ. ނަމަވެސް އެ ކޮމިޝަންގެ އެކުލެވުމާ އެކުު ކުރިއަށްދާތީ ސަރުކާރަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު އެ ކޮމިޝަނުން ދުރުވުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު "ބޮނޑި" ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އެ ކޮމިޝަނުގައި އެމަނިކުފާނު އިންނަވަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.