ރައީސް މުހައްމަދު ނަޝީދު

ބުއްދިވެރީ ހުރިހާ ޕާޓީތަކެއް ގުޅިގެން ގާނުނު އަސާސީ އިސްލާހުކުރުން: ނަޝީދު

ގާނޫނުއަސާސީއަށް އިސްލާހު ގެންނަނަަމަ އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެ އިސްލާހުތައް ގެނައުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް އެކިއެކި ފަރާތްތަކުން މަޖިލީހަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް އިސްލާހު ގެނައުމަށް މިހާރުވެސް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމަނިކުފާނު މިހާރު ދަނީ މަޖިލީހުގައި ތިއްބަވާ އެކިއެކި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަމުންނެވެ.

"ހުރިހާ ޕާޓީތަކާ މަޝްވަރާކުރީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރެވޭ މަސައްކަތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެކުގައި ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެން އެންމެ ހެޔޮ ނަތީޖާ ނުކުންނަ އޮތް ކަމަށް އަޅުގަނޑަށް ދެކެވޭތީ،" ރައީސް ނަޝީދު ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ 2008 ވަަނަ އަހަރު ގާނޫނުއަސާސީއަށް އިސްލާހު ގެނައިތާ 13 އަހަރު ވެފައިވާއިރު މިހާރު ދިމާވާ ދަތިތަކާ އަދި ހުރި އުނި ކަންތައްތަކާއި ރަނގަޅުކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން އެންމެނަށް ވެސް ސާފުވާ ކަމަށެވެ.

"އުއްމީދަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުންވެސް ގުޅިގެން ސިޔާސީ މަޝްރަހު އަދި ރާއްޖޭގެ ސިޔާސީ ހަގީގަތް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަަކަށް އެތުރިގެން ދިއުން." ރައީސް ނަޝީދު ވިދާޅުވި އެވެ.