މުހައްމަދު ނާޒިމް

ޖޭއެސްސީ އިސްލާހު ކުރަން އެމްއެންޕީން ތާއީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި ބިލަށް އެމްއެންޕީން ތާއީދު ކުރާކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ބިލާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޖޭއެސްސީއާއި ގުޅޭގޮތުން އެކުލަވާލާފައިވާ އިލްމީ ދިރާސާތަކުން ފެންނަން އޮތް ހަގީގަތަކީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން އެ ކޮމިޝަނަށާއި ޖުޑިޝަރީ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާކަން ކަމަށެވެ.

ޖޭއެސްސީގެ އެކުލެވުމަކީ ބަދަލު ކުރަން ޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މެންބަރު އަހްމަދު ތޯރިގް ހުށަހަޅުއްވާފައިވާ ބިލް ތަޅުމަށް ބަލައިގަނެ ކޮމިޓީއަކަށް ގެންދަން އެމްއެންޕީން ނިންމާފައިވާ ކަމަށެވެ.

ރިޓަޔަޑް ފަނޑިޔާރަކާއި ވަކީލުން އިންތިހާބު ކުރާ ވަކީލަކާއި އަންހެން ވަކީލަކާއި ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ބޭފުޅަކާއި، ގާނޫނު ކިޔަވައިދޭ ބޭފުޅަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކާއި، ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކާއި، އެހެން ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅަކު ޖޭއެސްސީގައި ހިމަނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ނާޒިމް ވަނީ ވާހަކަފުޅުދައްކަވާފަ އެވެ

ނާޒިމް ވިދާޅުވީ އެ ބޭފުޅުން ހިމެނުމާއި އެއިން ބަޔަކު އުނި ކުރަން ޖެހުމާއި މެދު އިތުރަށް ވިސްނާލަން ޖެހޭ ކަމަށާއި އިލްމީ އަދި ދިރާސާ ކުރާ އެކަޑަމިކް ދާއިރާތަކުގެ ބޭފުޅުން ހިމެނުމަކީ އެމްއެންޕީން ތާއީދު ކުރާނެ ކަމެއް ކަމަށެވެ.

ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އިތުރަށް ކޮމިޓީއަކަށް ގެންގޮސް ދިރާސާ ކުރަން ޖެހޭ ކަމަށާއި ބިލު ތަޅުމަށް ބަލައިގަންނަން މަޖިލީހުގެ މެންބަރުން ތާއީދު ކުރައްވަން ނާޒިމް ވަނީ ގޮވާލައްވާފަ އެވެ.

ޖޭއެސްސީ އިސްލާހު ކުރަން ހުށަހަޅާ ގޮތް

  • ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ އަންހެން ވަކީލެއް
  • ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް

ޖޭއެސްސީގައި އިސްލާހުކޮށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޖޭއެސްސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން މިހާތަނަށް މަޖިލީހަށް އެއްވެސް ހުށަހެޅުމެއް އަދި އެއްވެސް ބިލެއް ހުށަހަޅާފައެއް ނުވެ އެވެ.