ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.
އާ ދައުރު ފަށާއިރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔައީ ޖޫން 22 ވަނަ ދުވަހު އެވެ.
މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް
- މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
- މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ
- ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ
- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި އެމްޑީޕީގެ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތަށް ބަދަލު ގެންނަން ޖެހުނެވެ.
އެކަމުގައިވެސް ގޮތެއް ނުނިމެނީސް މަޖިލިސް ޗުއްޓީއަށް ދިއުމުން އެމްޑީޕިން ވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރުން ބޭރުގައި ޖަލްސާ ބާއްވައިދިނުމަށް އެދިފަ އެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ނިސްބަތް ފާސްކުރި ނަމަވެސް ބައެއް މެންބަރުން ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގަތުމުން ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތަށް ވަނީ އަލުން ބަދަލު ގެންނަން ޖެހިފަ އެވެ.