އާދަމް ޝަރީފު އުމަރު

ޖޭއެސްސީ އެކުލެވިގެންވާ ގޮތް މި ސަރުކާރުން ބަދަލެއް ނުކުރާނެ: ޝަރީފް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ގޮތް މި ސަރުކާރުން ބަދަލު ނުކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ އިންސާފު ލިބުމަށް އޮތް ހުރަހަކީ މިހާރުގެ ސަރުކާރު ކަމަށެވެ. ޖުޑީޝަރީ އިސްލާހު ކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަަވެސް ދެ އަހަރު ވެެގެންދާއިރު އިސްލާހަށް ކުރެވުނު އެއްވެސް މަަަސައްކަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ބަދަލުގައި ޖުޑިޝަރީއަށް ނުފޫޒުފޯރުވުމުގެ އެތައް އަމަލުތަކެއް ތަކުރާރުކޮށް ހިންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުން އިންސާފަށް ކިތަންމެ ވަރަށް ބޭނުން ވިއަސް ސަރުކާރު ކަންކަން ހިނގަމުންދާ މަގަށް ބަލާއިރު އިންސާފު ހޯދައި ދެވޭނެ ކަމަށް ގަބޫލެއް ނުކުރޭ. އަދި ސަރުކާރުން ވީ ވައުދު ވެސް ޖުޑީޝަރީ އިސްލާހު ކުރުން ވެސް ފެއިލްވެ ފަހަތު ފަޔަށް ވަރަށް ބޮޑަށް ބުރަވެފައިވާ މިންވަރު މި ފެންނަނީ،"

ޖޭއެސްސީ މިހާރު އެކުލަވާލެވިފައިވާ ބަދަލު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ވެސް ޝަރީފް ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ އެ އިސްލާހު އެޖެންޑާ ކުރި ނަމަވެސް އެ މަަސައްކަތް މަޖިލީސް ތެރެއިން ކުރިއަށް ނުގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މަޖިލިސްގެ ތެރޭގައި ރޫހު ހުރި ގޮތަށް ބަލާއިރު އެޖެންޑާ ކުރި ކަމުގައި ވިޔަސް އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެ ކަަމަކަށެއް. އަޅުގަނޑުމެންނަށް އަދިވެސް ފެންނަނީ ޖޭއެސްސީއަކީ ފިލްމު ކުޅޭ ބައެއްގެ ގޮތުގައި،"

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށް ވައުދުވީ ނަމަވެސް އެކަން ކުރަން ދެކޮޅު ހަދަމުން ދަނީ ރައީސް އަބްދުﷲ ޔާމީންނަށް އިންސާފުވެރި ހުކުމެއް އަތުވެދާނެތީ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް ވަކާލާތުކޮށް ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރާނެ ކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް އައިސް ޖޭއެސްސީ ބަދަލު ކުރުމުގެ ވާހަކަ ހުއްޓަވާލެއްވި އެވެ.

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ނަމަވެސް، ތޯރިގު ހުށައެޅުއްވި އިސްލާހުގައި ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނުމަށް ވަނީ ނިންމާފައެވެ.

އޭގެ ބަދަލުގައި އޭނާ ހުށަހަޅުއްވާފައިވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ހިމެނުމަށެވެ.