ކްރިމިނަލް ކޯޓުގައި ނުނިމެ ދިގު ދެމެމުންދާ މައްސަލަތަކާ ގުޅޭ ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ލަފައަށް އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފު ފޮނުއްވި ސިޓީއެއްގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ތިން މެންބަރުންގެ ކޮމިޓީއަކުން ކުރި ދިރާސާތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ސިޓީއާއެކު ފޮނުވާފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް އެދިފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އެކުލަވައިލި ރިޕޯޓުގެ މަސައްކަތް ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންނަކީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި، ފަނޑިޔާރު އަބްދުއް ރައޫފު އިބްރާހިމްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގައި ވެސް އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ އަމާޒަކީ ކޯޓުތަކުގައި ދިގު ދެމެމުންދާ މައްސަލަތައް ނިމިގެން ދިއުމެވެ. އެހެންކަމުން ކޮމިޝަނުން އެދެނީ ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިގެން ނަމަވެސް ދިރާސާކޮށް އެކަމުގައި މަޖިލީހުން ޖޭއެސްސީއަށް ދެވެން އޮތް މަޝްވަރާއެއް ނުވަތަ ލަފައެއް ދިނުމަށެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލައެކެވެ. އޭގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، 5 އަހަރަށްވުރެ ގިނަ ދުވަސްވެ 10 އަހަރު ހަމަނުވާ 126 މައްސަލައެއް ހިމެނެ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖުލައި 2، 2017 ގައި އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ކޯޓަށް ހުށަހެޅީ 181 މައްސަލައެކެވެ.
ޖޭއެސްސީގެ އެ ރިޕޯޓުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ބަލަން ފެށި މައްސަލަތަކުގެ ތެރެއިން އެކިއެކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.