ހަބަރު

ގާޒީ ޗޭނު ޖަހާ މަންޒަރާ އެކީ ނުކުތީމަ ނިޒާމު ޖާގައެއް ނުދޭނެ: ނަޝީދު

ގާޒީއަކު ބައެއްގެ ކަރުގައި ޗޭނު ޖަހާ މަންޒަރާއެކު ނުކުތުމަކީ ރާއްޖޭގެ ނިޒާމް ޖާގަ ދޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހުގެ ތަހުނިޔާ، ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފޮނުއްވި ގޮތުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ލީކްވެފައިވާ އެ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

އެ މެސެޖް ލީކްވުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމިއިރު މާދަމާ، ގާޒީ ހައިލަމް ބައްލަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ވަނީ ތާވަލުކޮށްފަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ވާހަކަ ވަނީ ގޮސްފަ އެވެ. އެމްޑީޕީ މެންބަރުން ވަނީ ގާޒީ ހައިލަމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތަށް ފާޑުވިދާޅުވީ ކުރިމިނަލް ކޯޓުގައި ނުނިމި ލަސްވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީއިން ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުންނެވެ. އެ ވާހަކަ ދެއްކެވުމަށް މެންބަރުންނަށް ފުރުސަތު ދޭތީ އިދިކޮޅު މެންބަރުން ނުރުހުން ފާޅުކޮށް މަޖިލީހުގައި އަޑުގަދަކުރި އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިއްޒަތްތެރި ފަނޑިޔާރަކު ބައެއްގެ ކަރުގައި ޗޭނު ޖަހަންޖެހޭ ކަމަށް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ފޮޓޯގަ ތިބީ ކޮން ބައެއްތޯއެއް އެއީ މުހިންމު ކަމެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް ހަމަހަމަކޮށް ޝަރީއަތް ހިނގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޗޭނު ޖަހާ މަންޒަރާ އެކީގަ އިއްޒަތްތެރި ފަނޑިޔާރަކު ނުކުންނެވީމަ އަޅުގަނޑުމެންގެ ރާއްޖޭގެ ނިޒާމް ޖާގައެއް ނުދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރެއް ކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޖޭއެސްސީއަކީ އެމްޑީޕީގެ ގޮއްޕަކަށް ހަދައިގެން ޝަރުއީ ނިޒާމަށް މަޖިލީހުގެ ރައީސް ހަތަރެއް ފައި ބާނަމުންދާ ކަމަށެވެ. ޖޭއެސްސީގައި ހެނދުނު ގޮތެއް ނިންމަވާ، މަޖިލީހަށް ވަޑައިގެން އަނެއްކާވެސް އެ ގާޒީގެ ވާހަކަ ދެއްކެވުމަށް ފުރުސަަތު ދެއްވަނީ ނުފޫޒު ފޯރުވުމަށް ނިޒާމްގެ ބޭރުން ކަމަށެވެ.

ބަހުސް ހޫނުވެފައިވަނިކޮށް، މެންބަރު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ކުރިމިނަލް ކޯޓުގެ ހައިލަމް އެ ވަނީ ދެ މިލިއަން ޑޮލަރު ނަގާފަ، ހުކުމް ނުޖެހުމަށް،" ކަމަށެވެ. ނިހާދު ވިދާޅުވީ އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.