ހަބަރު

ގާޒީ ނަޖީބުގެ މައްސަލަ ބަލަން ކޮމިޓީއަށް ފޮނުވަން ނަޝީދު ނިންމަވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހަސަން ނަޖީބުގެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ގާޒީ ނަޖީބު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާ ކަން އިއުލާން ކުރުން ހިމަނާފައިވެސް ވެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ޖޭއެސްސީއަށް ލިބިގެން، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ މައްސަލައެއް ބާތިލްވެގެން ދާނެ އެވެ. ނަމަވެސް ޖޭއެސްސީން ތަހުގީގު ނިންމާފައިވާތީ ދެން މަޖިލީހުން އަމަލު ކުރަމުންދާ ގޮތަކާ މެދު ބަހުސެއް ކުރެއްވި އެވެ.

ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ ނަޖީބު އިސްތިއުފާ ދީފައިވީ ނަމަވެސް މައްސަލަ ދިރާސާ ކުރަން ފޮނުވުމަށެވެ. މެންބަރުން ވިދާޅުވަމުން ގެންދެވީ ސުލޫކީ ގިނަ މައްސަލަތައް އޮވެ، އިސްތިއުފާ ދިނުމުން ނުނިމޭ ކަމަށެވެ. މި ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅަން ކޮމިޓީއަށް ފޮނުވައި މައްސަލަ ދިރާސާ ކުރުމަށެވެ.

މެންބަރުންގެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޖޭއެސްސީގައި ވެސް އިންނަވާ ރައީސް ނަޝީދު ވިދާޅުވީ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ފޮނުވާފައިވާ ކަން ނަޝީދު އިއުލާން ކުރެއްވި އެވެ.

މީގެ ކުރިން މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން ވަކިކުރަން ފޮނުވާފައިވަނިކޮށް އިސްތިއުފާ ދީފައިވެ އެވެ. ނަމަވެސް ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން މަގާމުން އިސްތިއުފާ ދެއްވި މިއީ ފުރަތަމަ ފަހަރެވެ. އިސްތިއުފާ ދެއްވުމުން ވެސް މައްސަލައަށް ކޮންމެ ވެސް ގޮތެއް ކަނޑައަޅަން ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ވެސް ނިންމި ފުރަތަމަ ފަހަރެވެ.