ޖޭއެސްސީ

ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން އެންގި ކްރިމިނިލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްމާއިލް ރަޝީދާ ގުޅޭގޮތުން ބެލި މައްސަލައަށް ފަހު ޖޭއެސްސީން ބުނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ އިޖްރާއަތްތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ޖުލައި 12، 2020 ގައި އަޑުއެހުމެއް ބޭއްވުމަށް ފަހު ޖުލައި 12، 2020 ގައި އެ ދައުވާތަކާއި ގުޅިގެން ހުކުމް ކޮށްފައިވާއިރު އެ ދުވަހު ކުރި ހުކުމަކީ ފެބްރުއަރީ 22، 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރުވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯޯދުމުގެ ޕެންޑްރައިވްގައިވާ މައުލޫމާތުން އެނގޭ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ތަހުގީގަށް ހޯދުނު ޕެންޑްރައިވްގައި "އިޖްރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރު ކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ހުކުމްގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. ޕެންޑްރައިވްގައި އެ ނިންމުން ލިޔެ ސޭވްކޮށްފައި ވަނީ ފެބްރުއަރީ 22 ގައެވެ. އަދި ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖްރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮ ށްފައިވާ ނަމަކީ "trip finale v2" ކަމަށާ މި ނަމަކީ އާންމު ގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވް ކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށެވެ.

މި ނަމަކީ އެ މައްސަލައާ ގުޅުން ނެތް އާދަޔާ ހިލާފު ނަމެއް ކަން ފާހަގަވާތީ އާއި ގާޒީ އިސްމާއީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރު ސިސްޓަމް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓްގައި ހިނގާ މައްސަލަތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވްއެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި މައްސަލަތަކެއްގެ ލިޔެކިޔުންތައް އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި މައްސަލަތަކެއްގެ ދައުވާ ހުށައެޅުމާ ހަމައަށްވެސް ނުދަނީސް އެ މައްސަލަތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުން ދިއުމަކީ ފަނޑިޔާރުގެ އަމަލުުތަކާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އަދީބުގެ މައްސަލަތަކުގައި ގާޒީ އިސްމާއީލް ރަޝީދު ހުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ މުސްތަގިއްލު ކަމާއެކު ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ރަޝީދު ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފުވެފައި ވާތީ އިސްމާއީލް ރަޝީދު މަގާމުން ވަކިކުރަން ހުށަޙެޅީ ކަމަށް ޖޭއެސްސީން ބުނެއެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އިސްމާއީލް ރަޝީދު ފޮނުއްވެވި ސިޓީގައި ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ފޮނުވާފަައިވަނީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"... ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އަޅުގަނޑު ވަކިކުރަން ނިންމިއިރު އެ ޕެންޑްރައިވް އަކީ އަޅުގަނޑުގެ ޕެންޑްރައިވް އެއް ނޫން. ޕެންޑްރައިވްއާ ގުޅޭ ގޮތުން އަޅުގަނޑާއި ސުވާލެއްވެސް ކުރެވިފައެއް ނުވޭ. ގައިރު ހާޒިރުގައި ފެނުނު ޕެންޑްރައިވް އަކުން ފެންނަ ފައިލްއަކާއި މެދު އަޅުގަނޑު ޒިންމާވުމަކީ ހަމަ ބުއްދި ގަބޫލުކުރާނެ ހަމައެއް ނޫން،"

އިސްތިއުފާގެ ސިޓީގައި ޖޭއެސްސީގެ ނިންމުން ސިފަކޮށްފައިވަނީ އިންސާފެއް ނެތް ޒާތީ ނިންމުމެއްގެ ގޮތުގައެވެ. އަދި ވިދާޅުވެފައިވަނީ މިހާތަނަަށް މަސައްކަތް ކޮށްފައިވާނީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތަކީ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަ ގޮތުގައި ކަމަަށެވެ. އަދި ވަކި ފަރުދަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާ އެއް ހޯދާދީ އިންސާފުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަަށެވެ.