ޖޭއެސްސީ

އަދީބަށް ދައުވާ ނުކުރަނީސް ހުކުމް އޮތީ ލިޔެފައި: ޖޭއެސްސީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވިއިރު އެ ދައުވާތައް ހުށައެޅުމުގެ ކުރީންވެސް އެ ނިންމެވުން ގާޒީ ރަޝީދު ލިޔެ ޕެންޑްރައިވެއްގައި ސޭވްކޮށްފައި އޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިހެން ބުނެފައިވަނީ ގާޒީ އިސްމާއީލް ރަޝީދާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލައަށް ފަހު އެވެ. އެ ކޮމިޝަނުން ވަނީ ފަނޑިޔާރުކަމުން އިސްލާއީލް ރަޝީދު ވަކިކުރުމަށް ފެންނަ ކަމަށް ނިންމާ އެކަން މަޖިލީހަށް ހުށައަޅާފައެވެ.

ޖޭއެސްސީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖްރާއަތްތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ޖުލައި 12، 2020 ގައި އަޑުއެހުމެއް ބޭއްވުމަށް ފަހު ޖުލައި 12، 20020 ގައި އެ ދައުވާތަކާއި ގުޅިގެން ހުކުމްކޮށްފައިވާއިރު އެ ދުވަހު ކުރި ހުކުމަކީ ފެބްރުއަރީ 22، 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރުވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯޯދުމުގެ ޕެންޑްރައިވްގައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

ޖޭއެސްސީން ބުނީ ތަހުގީގަށް ހޯދުނު ޕެންޑްރައިވްގައި "އިޖްރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ހުކުމްގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. ޕެންޑްރައިވްގައި އެ ނިންމުން ލިޔެ ސޭވްކޮށްފައި ވަނީ ފެބްރުއަރީ 22 ގައެވެ. އަދި ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖްރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "trip finale v2" ކަމަށާ މި ނަމަކީ އާންމު ގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށެވެ.

މި ނަމަކީ އެ މައްސަލައާ ގުޅުން ނެތް އާދަޔާ ހިލާފު ނަމެއް ކަން ފާހަގަވާތީ އާއި ގާޒީ އިސްމާއީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރު ސިސްޓަމް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓްގައި ހިނގާ މައްސަލަތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވްއެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި މައްސަލަތަކެއްގެ ލިޔެކިޔުންތައް އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި މައްސަލަތަކެއްގެ ދައުވާ ހުށައެޅުމާ ހަމައަށްވެސް ނުދަނީސް އެ މައްސަލަތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުން ދިއުމަކީ ފަނޑިޔާރުގެ އަމަލުުތަކާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެހެން ކަމުން އަދީބުގެ މައްސަލަތަކުގައި ގާޒީ އިސްމާއީލް ރަޝީދު ހުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ މުސްތަގިއްލު ކަމާއެކު ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ގާޒީ އިސްމާއީލް ރަޝީދުގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރާއި ގާނޫނުގެ 33 ވަނަ މާއްދާގެ ށ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަަނަ އަދި 3.2 ވަނަ ނަންބަރާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށްވާތީ އިސްމާއީލް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

އޭނާ މަގާމުން ވަކިކުރެވޭނީ އެކަމަށްޓަކައި މަޖިލީހުގައި ނެގޭ ވޯޓްގައި މެންބަރުންނަށް ފެނިއްޖެނަމަ އެވެ.