ހަބަރު

ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑުކޮށްފި

Jul 19, 2020
3

ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑުކުރަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިިފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ މިދިއަ އަންގާރަ ދުވަހެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ޖޭއެސްސީން މިއަދު ބުނީ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމީ، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަށް ރިއާއަތްކޮށް، މަގާމުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީ ކަމަށެވެ.

އަދި ގާޒީ އިސްމާއިލްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު، އެކަމުގެ ތަފްސީލުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހާމަކުރާނެކަމަށް ޖޭއެސްސީން އިތުރަށް ބުންޏެވެ.

އެ ކޮމިޝަނުން ބަލަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަޑާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ.