ރިޕޯޓް

މުޅިން އާދަޔާ ހިލާފޭ މި ބުނަނީ މިހެންވެ!

"ގާޒީގެ ނިންމުމަކީ ހެއްވާ ނިންމުމެއް!، އެނގުނީ ގާޒީގެ ގަމާރުކަން!،" ކުރިން ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ އަހުމަދު އަދީބު ސަލާމަތްވި، ހުކުމް ކުރިމިނަލް ކޯޓުން ނެރުނުތަނާ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް އަމާޒު ވެގެން ދިޔައީ މި ފާޑުކިޔުންތަކެވެ. ކޯޓުގައި އިންނެވި ގާޒީއެއްގެ ނިންމެވުމަކަށް މިފަދަ ގޮތަކަށް ފާޑުކިޔުންތަކެއް މި އައީ ކީއްވެ ހެއްޔެވެ؟ އަދީބާ ގުޅޭ އާދަޔާ ހިލާފު މި ނިންމުން މިހާ އާދަޔަ ހިލާފީ ކީއްވެ ހެއްޔެވެ؟

މަނީ ލޯންޑްރިންގެ ދައުވާއާއެކު އަދީބަށް ސީރިއަސް ހަތް ދައުވާއެއް އުފުލީ އޭނާގެ މައްޗަށް ކުރިން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފައެވެ. އެ ދައުވާތައް އަނބުރާ ގެންދިޔައީ ދައުލަތާއެެކު އަދީބުވީ އެއްބަސްވުމުގެ ދަށުންނެވެ. އާ ދައުވާތައް ކުރީ ވެސް އެ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ. އެއީ އަދީބަށް ދެވެން އޮތް އެންމެ ކުޑަ މިންވަރުގެ ލުއީގެ ގޮތުގައެވެ. ރާއްޖެ ދުށް ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޝާމިލްވާ ކަމަށް އަދީބު އިއުތިރާފުވެ ސޮއި ކުރައްވާފައި ވާއިރު އޭނާ ވަނީ އެކަމަށް އިއުތިރާފުވެ، ކުށް ގަބޫލު ކުރައްވާކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ވެސް ވިދާޅުވެފައެވެ.

އަމިއްލަ އިއުތިރާފާއި ލޮލަށް ފެނުނު މަންޒަރުތަކުން އަދީބުގެ ބައިވެރިވުން އެމްއެމްޕީއާރްސީގެ މައްސަލާގައި އޮތްކަން ބުއްދީގެ ހަމައިން ކޮންމެ މީހަކު ވެސް ގަބޫލު ކުރެވެއެވެ. އެ ކުށަށް އަދީބަށް އަދަބު ލިބެން އޮތް ހަމައެކަނި ދޮރަކަށް ވެފައި އޮތީ ހަތް ދައުވާއެވެ. ނަމަވެސް އެ ހަތް ދައުވާގެ ޝަރީއަތް ވެސް ކުރިއަށް ނުދިޔައެވެ. އަދީބާއެކު ވެފައިވާ އެއްބަސްވުމާމެދު ސުވާލު އުފައްދައި ގާޒީ އިސްމާއީލް ރަޝީދު، މުޅި މައްސަލަ ބޭރުކޮށް، ދެން އެމްއެމްޕީއާރްސީ މައްސަލާގައި އަދީބަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ނިންމެވީއެވެ. މީގައި ސުވާލު އުފެދޭ ލައްކަ މައްސަލަތައް އެބަ ހުއްޓެވެ.

ފުރަތަމަ ކަމަކަށް ވަރަށް ފަހުން ކުރިމިނަލް ކޯޓަށް އައްޔަން ކުރެވުނު ގާޒީ އިސްމާއިލް ރަޝީދުގެ އާދަޔާ ހިލާފު ނިންމެވުމުން ފާހަގަވީ އަދީބުގެ ބަންދު މުއްދަތެވެ. ބަންދުގައި ތިބޭ މީހުންގެ މައްޗަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނެއެވެ. އިސްމާއިލް ރަޝީދުގެ ނިންމެވުމަކީ އަދީބުގެ މައްޗަށް ހަތް ދައުވާ އުފުލީ އެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އަދީބު އެންމެ ފުރަތަމަ ހައްޔަރު ކުރީ 2015 ވަނަ އަހަރުއެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގޮވުމާއެކު އެކަމުގައި ތުހުމަތުގައެވެ.

ގާޒީގެ ނިންމެވުމުގައިވާ ގޮތުން ބަންދުގައި ތިބޭ މީހުންގެ މައްޗަށް 30 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހޭއިރު، އަދީބުގެ މައްޗަށް ހަތް ދައުވާ ކުރެވުނީ ޖިނާއީ އިޖުރާއަތު ގާނޫނަށް އަމަލު ކުރަން ފެށިތާ 30 ދުވަސްވެ، އޭގެ ދެ އަހަރު ވެސް ފަހުންނެވެ. އެހެން ކަމުން އަދީބުގެ މައްޗަށް މިއީ އެންމެ ފުރަތަމަ ކަމަކަށް އުފުލިގެންވާނެ ދައުވާތަކެއް ނޫން ކަމަށް ވެސް އެ ނިންމެވުމުގައިވެއެވެ. ގާޒީ މިކަންކަން ނިންމެވުމުގައި ލިޔުއްވައި ވިދާޅުވިއިރު އަދީބުގެ ބަންދާމެދު އަދި ހައްޔަރު ކުރުމާމެދު ވެސް ދައުލަތާ އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ. އާންމު އުސޫލަކީ ކޮންމެ ފަނޑިޔާރަކު ވެސް މިފަދަ ކަންކަން ދައުލަތުން ސާފު ކުރުމެވެ. ނަމަވެސް އަދީބު ހައްޔަރުކުރި ދުވަހާއި ދެ އަހަރުވީ ތާރީހު ގާޒީ އިސްމާއިލް ރަޝީދު ހޯއްދެވީ އަމިއްލައަށެވެ.

މައްސަލާގައި ހިމެނޭ އަނެއް ފަރާތް، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ފާހަގަކުރެއްވި އެންމެ މުހިންމު ނުކުތާއަކީ މިއީއެވެ. ގާޒީ އެ މައުލޫމާތުތައް ސާފު ކުރެއްވި ގޮތެކެވެ. ހުށަ ނާޅާ ލިޔުންތަކަކަށް ރިއާޔަތްކޮށް ގޮތްތަކެއް ނިންމެވި ގޮތެވެ. ޝަމީމް ވަނީ އަދީބު ހައްޔަރު ކުރުމުގައި އަމަލު ކޮށްފައިވާ ގޮތް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ.

ޝަމީމްގެ ދެއްވި މައުލޫމާތަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު އަދީބު ހައްޔަރުކޮށްފައި ހުރީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައެއްގަ ނޫނެވެ. އޭރު ހައްޔަރު ކޮށްފައިހުރީ ލޯންޗުކޮޅު މައްސަލާގައެވެ. އަދީބަށް މީގެ ކުރިން ހިޔާނާތުގެ ކުށެއް ސާބިތުވެފައި އޮތް ނަމަވެސް އެ ކުށުގައި އޭނާ ހައްޔަރު ކޮށްފައި ނެތެވެ. އަދީބު، އެމްއެމްޕީއާރްސީ މައްސަލާގައި ފުރަތަމަ ފަހަރަށް ހައްޔަރު ކުރެވުނީ ފިލައިގެން އިންޑިއާއަށް ގޮސް ހުއްޓައި އަނބުރާ ގެނެސް މިދިޔަ އަހަރުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. ހަތް ދައުވާ އުފުލީ އޭގެ އަނެއް މަހު އެވެ. އޭރު 30 ހަމަވާން ގާތް ވެސް ނުވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ މި އުސޫލުން ބަލާނަމަ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ކިތަންމެ ބޮޑު ތަހުގީގެއް ކުރަމުން ދިޔަ ނަމަވެސް އަދީބުގެ މައްޗަށް ދައުވާއެއް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ޝަމީމް 800 އަހަރަށް ޖަލަށްލެވޭ މިންވަރަށް ހެކި އެބަހުރި ކަމަށް ވިދާޅުވި ނަމަވެސް ކޯޓާ ހަމައަށް މައްސަލަ ފޯރާނެ ގޮތެއް ނޯންނާނެއެވެ. ދެން ވެސް ގާޒީ އިސްމާއީލް ނެންގެވި ނުކުތާއަކީ ހަމަ މިފަދަ ބޮޑު ނުކުތާއެކެވެ. އަދީބު އެމްއެމްޕީއާރްސީ މައްސަލައިިން މުޅިން މިންޖުވާން ދޫކޮށްލެވޭ ނުކުތާއެކެވެ.

މި ނުކުތާ އާއި މާބިންހުރާ މައްސަލަ ވަށާލާފަ އެވެ. މާބިންހުރާ ހިޔާނާތުގެ މައްސަލާގައި އަދީބަށް 10 އަހަރުގެ ޖަލު ހުކުމެއް އައެވެ. ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށް ފަހުއެވެ. އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އެ މައްސަލަ ޕީޖީ އެއްބަސްވީއެވެ. ކުރިމިނަލް ކޯޓުން މައްސަލަ އަލުން ނުބަލަން ނިންމުމާއެކު މާބިންހުރާ މައްސަލައިން އަދީބު ވަނީ އެއްކޮށް ސަލާމަތް ވެސް ވެފައެވެ.

ގާޒީ އިސްމާއިލްގެ ނުކުތާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން އަދީބާމެދު ކޯޓުތަކުން ގޮތްތަކެއް ކަނޑައަޅާފައިވުމެވެ. މާބިންހުރާއަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ބޮޑު ހާލީގެ ތެރެއިން އެންމެ "ބިހެއް" ކަމަށްވިޔަސް އިސްމާއީލް ސިފަ ކުރެއްވީ އެ ބިހަކީ މުޅި ހާލީގެ ގޮތުގައެވެ. އެމްއެމްޕީއާރްސީގެ މުޅި މައްސަލައިގެ ގޮތުގައެވެ. މިކަން ގާޒީގެ ސަމާލު ކަމަށް އެތައް ފަހަރަކު ދައުލަތުގެ ވަކީލް ގެންނަން ވެސް ގެންނެވި އެވެ. އެކަމަކު އެކަމަށް ރިއާޔަތް ނުކުރައްވައި، ގާޒީ އިސްމާއިލް ފާހަގަ ކުރެއްވީ އެއް މައްސަލައެއްގައި ދެ ފަހަރަށް އަދަބު ނުދިނުމަކީ ގާނޫނު އަސާސީއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ކަށަވަރުކޮށްދީފައި އޮތް އަސާސީ ހައްގެއް ކަމެވެ. އެހެންވެ، އެމްއެމްޕީއާރްސީ މައްސަލާގައި އަދީބުގެ މައްޗަށް ދެ ފަހަރަށް ތަހުގީގު ހިންގައި ދައުވާ ކޮށްފައިވަނީ އެ ހައްގު ގެއްލޭ ގޮތަށް، އަދުލުގެ ނިޒާމްގައި ކަށަވަރުކޮށްދީފައިވާ އެއް ކުށަކަށް ދެ އަދަބު ނުލިބުމުގެ އުސޫލާ މުޅިން ހިލާފަށް ކަމަށް ގާޒީ ވިދާޅުވެ އެވެ. ޑަބަލް ޖެޕަޑީގެ އުސޫލު ގާޒީ ފެއްތެވީއެވެ.

ގާޒީގެ މި އުސޫލާއެކު، އަދީބަށް ހިންދެމިލެވޭނެ އެވެ. އޭނާގެ ބޯމަތީގައި އޮތް އެމްއެމްޕީއާރްސީގެ ކަޅު ވިލާގަނޑު ސާފުވީ އެވެ. އެކަމަކު، މިކަމުގައި ގާނޫނީ އިމަކީ މިއީ ހެއްޔެވެ؟

އަދީބުގެ ގާނޫނީ ވަކީލަކަށް ވެސް އިހުގައި އުޅުއްވި ޝަމީމް ވިދާޅުވީ ގޮތުގައި އެހެނެއް ނޫނެވެ. ޝަމީމް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅޭ ހަތް ދައުވާގައި މާބިންހުރާ ނުހިމެނެއެވެ. އެއީ މުޅިން އެހެން 39 ރަށަކާ ގުޅޭ ހަތް ދައުވާއެވެ. މާބިންހުރާ ހިމެނުމުން 40 ހަމަވާނެއެވެ. އެހެންވީއިރު މާބިންހުރާ މައްސަލާގައި ގޮތެއް ނިންމާފައި އޮތް ކަމަކު، އަނެއް 39 ރަށުގެ ކޮރަޕްޝަންގެ މައްސަލައިން އަދީބަށް މިންޖުވެވެން ނޯންނާނެ ކަމަށް ޝަމީމް ފާހަގަ ކުރައްވައެވެ.

ދެން އޮތީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުރީގެ ތަހުގީގުގައި ބައިވެރިވި ފުލުހުން ދެވަނަ ފަހަރަށް ތަހުގީގު ކުރުމުގައި ބައިވެރިވުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނާ ބުނުމެވެ. ގާޒީ އިސްމާއިލް މިތަނުގައި ރަނގަޅު ނުކުތާއެއް ފާހަގަ ކުރެއްވިއެވެ.

އެއީ އިޖުރާއަތްތަކާ ސީދާ ކަނޑައެޅިގެން ހިލާފުވި ފުލުހުންގެ އޮފިސަރުންތަކަކަށް އަނެއްކާވެސް ހަމަ އެ ތަހުގީގު ހިންގަން ދިނުމުގެ ގޯސް ކަމެވެ. އެމްއެމްޕީއާރްސީގެ ފުރަތަމަ ތަހުގީގު ގޯސް ކަމަށް ކަނޑައަޅާފައިވާ އޮތީ މައްސަލަ ބޮޑު، ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީ އަމުރުގައެވެ.

ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ ނަން ފާހަގަ ކުރައްވައި އޭނާ ސީދާ ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ގާޒީ އިސްމާއިލް ރަޝީދު ކަނޑައަޅުއްވާފައިވެއެވެ. ރިޔާޒުގެ އިތުރަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވެސް ކުށްވެރިވެފައިވާ ކަމަށް ހުކުމްގައި ކަނޑައަޅާފައި އޮތެވެ. އަދީބަށް ބިޝާމާއި ރިޔާޒު، ޓޯޗާކޮށްފައިވާ ކަމަށް ބުނެ އެވެ. ޓޯޗާ، އެ ބަސް ވެސް އަދީބު ޝަރީއަތުގައި ގެންނަވާފައެއް ނުވެއެވެ. ނަމަވެސް، އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ ބޭސް ފަރުވާއަށް ދެވޭނެ ޝަރުތަކެއް އެ އެއްބަސްވުމުގައި ލިޔުމުން ކަމަށް އޭނާ ވިދާޅުވެއެވެ. ބޭސް ފަރުވާއަކީ އަސާސީ ހައްގަކަށްވާއިރު ކުށަށް އިއުތިރާފުވުމުން ނޫންނަމަ، ބޭސް ފަރުވާ ނުދިނުމަކީ ޓޯޗާގެ ސިފަ ލިބިގެންވާ އަމަލެކެވެ. އެކަން ގާޒީ އިސްމާއިލް ގާނޫނުތަކާއި މުއާހަދާތަކުން ހެކި ދައްކަވައިގެން ނިންމެވުމުގައި ވަށާ ވެސް ޖައްސަވާފައިވެއެވެ. މި ނިންމެވުމުގައި ގާނޫނީ ހެކިތަކެއް މި ނުކުތާގައެވެ.

ބޭސްފަރުވާގެ ވާހަކަ ލިޔުނު އެއްބާރުލުންދިނުމުގެ އެއްބަސްވުމަކީ އިއުތިރާފު އެއްބަސްވުމަށް ވާސިލްވުމަށް ދައުލަތުން ހެދި އެއްބަސްވުމެކެވެ. ދައުވާ އުފުލީ އެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށަކުން ނޫނެވެ. ނަމަވެސް ގާޒީ އިސްމާއިލް ރަޝީދު ކަނޑައެޅުއްވީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ ގާނޫނު ނުދަންނަ އެއްބަސްވުމަކަށް ވާތީ، އެއީ މުޅިން ގޯހެއް ކަމަށެވެ. އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ޝަރުތެއް ލިޔެ، އިއުތިރާފު އެއްބަސްވުމަކަށް ދިޔުމުން އެއީ މަޖުބޫރު ކޮށްގެން ބަޔާން ހޯދުން ކަމަށް ވިދާޅުވެ އެވެ. އެގޮތަށް ކަނޑައެޅުއްވީ، ދައުލަތުގެ ވަކީލް އެކި ގޮތްގޮތަށް އެކަން ތަފްސީލްކޮށް ވިދާޅުވާން މަސައްކަތް ކުރައްވަމުން ދަނިކޮށެވެ. އެގޮތުން ދައުލަތުގެ ވަކީލް ޝަރީއަތުގައި ވިދާޅުވެފައިިވާ ގޮތުގައި، އެއްބާރުލުންދިނުމުގެ އެއްބަސްވުމަކީ އިއުތިރާފު އެއްބަސްވުމަށް ވާސިލްވުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން ހިމެނޭ ކަމަކަށްވާއިރު އެ މަޝްވަރާތައް އޮންނަން ޖެހޭ ވަކި ގޮތެއް ނުވަތަ އިޖުރާއަތެއް ގާނޫނުގައި ނެތެވެ. އެހެންކަމުން އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ އިހްތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.

ކަންހިނގި ގޮތަށް ބަލާއިރު، އެއްބާރުލުންދިނުމުގެ އެއްބަސްވުމުގެ ދަށުން އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ދިޔައެވެ. އިއުތިރާފު އެއްބަސްވުމުގައި ސޮއިކުރީ ބޭސްފަރުވާއިން އެނބުރި ރާއްޖެ އައިހެވެ. އެހެންކަމުން ޝަމީމް ފާހަގަ ކުރައްވާ ނުކުތާއަކީ، ބޭސް ފަރުވާގެ މުޖުބޫރުވުން އޮތް ކަމަށް ބެލިޔަސް ގާނޫނުގައި ބުނާ އިއުތިރާފު އެއްބަސްވުމުގައި އަދީބު ސޮއި ކުރިއިރު އެ މަޖުބޫރެއް ނެތެވެ. ބޭސްފަރުވާ އޮތީ ލިބިފައެވެ. އެހެންކަމުން ގާޒީ އިސްމާއިލް ބައްލަވަން ޖެހޭ، އިއުތިރާފު އެއްބަސްވުމަކީ ޓޯޗާއެއް ކަމަށް ވަށާ ޖެއްސި ގާނޫނީ ހެކިތަކާމެދު މިހާ ހިސާބުން ސުވާލު އުފައްދައެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ބޭސްފަރުވާގެ ވާހަކަ ހިމެނީ ވެސް އަދީބު އެގޮތަށް އެދިގެންނެވެ. އަދި އެ އެދުމުގެ މަތިން އަދީބަށް ބޭސްފަރުވާ ފަހިކޮށްދިނުމުގެ މަސައްކަތް ބިޝާމް ކުރައްވާފައި ވަނީ ގާނޫނީ ނިޒާމްގެ ތެރެއިންކަން ވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ. އެއާ ޖެހިގެން ގާޒީ އިސްމާއިލް ދެން ކަނޑައެޅުއްވީ ވަރަށް ބޮޑު ކަނޑައެޅުއްވުމެކެވެ. ގައިދީން ނުވަތަ ބަންދުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ހަމަޖެއްސުމުގައި ޕްރޮސިކިއުޓާ ޖެނަރަލް ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޝަމީމް ވިދާޅުވީ ގާޒީ އިސްމާއީލް ވެސް އަދި އެހެން ހުރިހާ ގާޒީއިން ވެސް ގައިދީންގެ ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްއާ ސުވާލުކޮށް ކަންކަން އޮޅުންފިލުވާ ކަމަށެވެ. ޝަމީމް ވިދާޅުވީ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ކޮންމެ ހައްގަކާ ގުޅޭ ކަމެއްގައި ވެސް ޕީޖީގެ ދައުރު އޮންނާނެ ކަމަށެވެ. އެކަމަކު، ގާޒީ އިސްމާއިލް ރަޝީދު މިތަނުގައި ފާހަގަ ކުރެއްވި ކަމާއި ޝަމީމްގެ ވާހަކައާ ފުށުއަރާ ގޮތްވެއެވެ. ގާޒީ އިސްމާއިލްގެ ނިންމުމުގައި އޮތް ގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ ދައުރު ނެތީ ގައިދީއަކު ބޭހަށް ފޮނުވުމުގައިކަން ސާފުވެއެވެ. އެއީ އެ އިންތިޒާމް ހަމަޖެއްސުމަކީ ޕެރޯލް ގާނޫނުގެ ދަށުން ހޯމް މިނިސްޓަރު، ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ދީފައިވާ އޮންނަ ބާރެއް ކަމަށް ފާހަގަކޮށްފައި އޮތަތީއެވެ.

މި އަދާޔާ ހިލާފު ބޮޑު ނިންމެވުމުން ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައެވެ. މައުޟޫއީ ގޮތެއްގައި ގޮތް ކަނޑައަޅަން ޝަރީއަތަށް ދާން ކައިރި ވެސްވެފަ ނެތެވެ. މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީއެއް ވެސް ނޫނެވެ. އިޖުރާއީ މައްސަލަތަކެއް ފާހަގަކޮށް ދައުވާތައް ބާތިލުކުރީއެވެ. މިއީ އާ ކަމެއް ނޫނެވެ. ކޯޓުގައި އެހެން ބައެއް މައްސަލަތައް ވެސް މިގޮތަށް ބޭރު ކުރެއެވެ. އާ ވެފައިވަނީ ގާޒީ އިސްމާއިލް ރަޝީދު އަމަލު ކުރެއްވި ގޮތެވެ. ގާޒީ ފާހަގަ ކުރެއްވި އެއްވެސް އިޖުރާއީ ކަމަކީ އަދީބު އަދި އަދީބުގެ ވަކީލް ވެސް ޝަރީއަތުގައި ސުރުހީ ވެސް އެޅި ކަންކަމެއް ނޫނެވެ. ގާޒީގެ އަމިއްލަ އިސްނެގުމެވެ. މިއީ އާންމު އުސޫލެއް ނޫނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާ އިއުތިރާފު އެއްބަސްވުމުގެ ދަށުން ޝަރީއަތްތައް ހިނގާނެ ގޮތް ވެސް ގާނޫނުގައި އެބަ އޮތެވެ. ކުށަށް އިއުތިރާފުވެފައިވާ އެއްބަސްވުމަށް ބެލުމަކީ ކޮންމެހެން ޝަރީއަތަށް ލާޒިމް ކަމެއް ނޫނެވެ. އަދި، އެ އެއްބަސްވުމަށް އިންކާރު ކުރުމުގެ ހައްގު ވެސް ދައުވާ ލިބޭ މީހާއަށް ޝަރީއަތުގައި އޮވެއެވެ. މި މައްސަލާގައި އަދީބު، އިއުތިރާފަށް އިންކާރެއް އަދިވެސް ނުކުރެއެވެ.

ޝަރީއަތުގައި ވިދާޅުވެފައިވަނީ ވެސް އެއްބާރުލުންދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ގާނޫނާ ހިލާފު އެއްބަސްވުމަކަށް ގާޒީއަށް ފެނިވަޑައިގެން އެއްބަސްވުން އެއް ފަރާތް ކުރައްވާނަމަ ދެން އަމަލު ކުރާނެ ގޮތެއް ވެސް އެބަ އޮތެވެ. މައްސަލަ، އިއުތިރާފު ހިމެނޭ މައްސަލައެއްގެ ގޮތުގައި ނުބަލާ ކުރިއަށް ގެންދިޔުމެވެ. އޭރަށް ދައުވާ ސާބިތުކުރުމަށް ދައުލަތަށް ޖެހޭނީ ހެކި ހުށަހަޅާފައެވެ. މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ހެއްކަށް ބެލުމަށް ގާޒީއަށް ނިންމަވަން ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. ޝަރީއަތަށް ދާނީ އެއަށްފަހުއެވެ. އެ މަރުހަލާއަށް ވެސް ގާޒީ އިސްމާއިލް ވަޑައިނުގެންނެވީއެވެ.

ދައުލަތުން މި މައްސަލާގައި ކޯޓަށް ވަޑައިގެންނެވީ ހަތް ދައުވާ ފޯމާއި އިއުތިރާފު އެއްބަސްވުން އެކަނި ހިފައިގެނެއް ނޫނެވެ. އަދީބު އިންކާރުކޮށްފިނަމަ ނުވަތަ އެއްބަސްވުން ކަމުނުގޮސްފިނަމަ ދައުވާ ސާބިތު ކުރުމަށް ހުށަހަޅަން 700 ކިތާބީ ހެކި ހިފައިގެންނެވެ. އެއީ ކޮން ހެކިތަކެއް ކަމެއް ވެސް ގާޒީ ނުބައްލަވައެވެ. މައްސަލަ ކޯޓުން ބޭރުކޮށްލުމުގައި އެ ލިޔެކިޔުންތަކަށް ބަލައި އެ ހުށަހަޅަން ފުރުސަތު ދެއްވަންވާނެ ކަމަށް ޝަމީމް ގަބޫލު ކުރައްވައެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ ލިޔެކިޔުންތަކުން ކޮންމެ ރަށަކާ ގުޅިގެން ވެސް ހިނގާފައިވަނީ ކިހާވަރެއްގެ ވައްކަމެއްކަން އެނގިގެންދާނެއެވެ. އަދީބު ކުށްވެރި ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އިއުތިރާފު ކޮންމެހެން މުހިންމު ނުވާކަން ވެސް ޝަމީމް ފާހަގަ ކުރައްވައެވެ.

ދެން އޮތް އެންމެ ބޮޑު ސުވާލަކީ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ގާޒީ އިސްމާއިލްގެ ނިންމެވުމަކީ އިޖުރާއީ ގޮތުން ނިންމެވި ނިންމެވުން ދައުލަތުން އެ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުން މި މައްސަލާގައި ނިންމަން އޮންނާނީ ދެ ގޮތެކެވެ. ނިންމުމަށް ތާއީދު ނުކޮށްފިނަމަ، ކުރިމިނަލް ކޯޓަށް މައްސަލަ އަލުން ބަލަން އަންގާނެއެވެ. އޭރަށް މައްސަލަ ކުރިމިނަލް ކޯޓުގައި ބަލަން ޖެހޭނީ އެހެން ގާޒީއަކަށެވެ. މައްސަލަ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ އެ ގާޒީ ނިންމަވަން ޖެހޭނެއެވެ. ހައިކޯޓުން ގާޒީ އިސްމާއީލްގެ ނިންމެވުމަށް ތާއީދުކޮށްފިނަމަ، އަދީބު، އެމްއެމްޕީއާރްސީ މައްސަލައިން ސަލާމަތްވީއެވެ.

އެކަމަކު، ޝަމީމް ގަބޫލު ކުރައްވާ ގޮތުގައި ހައިކޯޓުން ގާޒީ އިސްމާއިލްގެ ނިންމުން ބާތިލް ކުރާނެއެވެ. އެއީ، މައްސަލަ ނިންމާފައި އޮތް ގޮތް، ގާނޫނީ ގޮތަކުން ވެސް މައުޟޫއީ ގޮތަކުން ވެސް އަދި އާދައިގެ ވިސްނުމުން ވިސްނާ ނަމަވެސް ހަމަނުޖެހޭތީއެވެ.

ލައިވްކޮށް މުޅި ރާއްޖެއަށް ދައްކަމުންދިޔަ ޝަރީއަތެއްގައި އަދީބު ވަނީ ސާފު ބަހުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޝާމިލްވާ ކަމަށް ވިދާޅުވެފައެވެ. އެހެންވީއިރު ހަނި ގޯޅިއަކުން މި މައްސަލައިގެ ތެރެއިން އަދީބު ސަލާމަތްވެގެން ދިޔުމަކީ އާންމުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މައްސަލާގެ ތަހުގީގާއި ދައުވާ ކުރުމުގައި އެތައް ބުރަ މަސައްކަތެއް ކުރާ މީހުންނަށް ވެސް ފަސޭހަކަމެއް ނޫނެވެ. ދައުލަތުގެ ވަކީލުން ރައީސްގެ އަރިހަށް ބޮޑު ސިޓީއަކާއެކު ވަޑައިގެންނެވީ ވެސް އެހެންވެއެވެ. މުޅި ގައުމަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ ބޮޑު ކޮރަޕްޝަންގައި އާދައިގެ ގޮތަކަށް އެއްވެސް ބަޔަކަށް އަމަލު ނުކުރެވޭނެއެވެ. ހަރުކަށިވާން ވެސް ހަރުދަނާ ވެސް ވާން ޖެހެއެވެ.

ގާޒީ އިސްމާއިލްގެ މި އާދަޔާ ހިލާފު ނިންމެވުމުގެ ސަބަބުން އަދީބު ސަލާމަތްވާތީ މީހުން ރުޅިގަދަވެފައިވާއިރު ޖުޑީޝަޮލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ހަމައަށް ވެސް މައްސަލަ ވަނީ ގޮސްފައެވެ. ޖޭއެސްސީއިން ގާޒީ އިސްމާއިލް މިހާރު އެ ވަނީ ދެ މަހަށް ސަސްޕެންޑްކޮށްފައެވެ. އެހެން ފިޔަވަޅު އެޅީ ލިބިފައިވާ ހެކިތަކަށް ބެލުމަށްފަހު ކަމަށް ބުނެއެވެ. ޖޭއެސްސީއިން ބަލަމުން ދަނީ ގާޒީ އިސްމާއިލް، އަދީބާ އެއްކޮޅަށް ނިންމެވި ނިންމެވުމެއްގެ މައްސަލައެއް ނޫނެވެ. ނަމަވެސް އޭގެ ވަށައިން އެނބުރޭ ގާޒީ އިސްމާއިލްގެ ސުލޫކީ މައްސަލަތަކެވެ. އެކަންކަން ތަހުގީގަށްފަހު އާންމު ކުރާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ގާޒީގެ ބޮޑު ނިންމުމަށްފަހު ދެން ފަތިފުށް ވެސް ފެނިގެންދާނެއެވެ.

ކޮންމެއަކަސް ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުން ހަމަ މުޅިން ވެސް އާދަޔާ ހިލާފެވެ. އެ ނިންމުމަކީ އެތައް ގޮތަކުން ދިރާސާ ކުރެވި، ބަހުސް ކުރެވިދާނެ ނިންމެވުމެކެވެ. ހައިކޯޓުން އެ ނިންމުމާ ގުޅޭ ގޮތުން ފާޅުކުރާ ރައުޔުތައް އަދި އެއަށްފަހު ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ.