ހަބަރު

ގާޒީ ނަޖީބު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓް ނިސްބަތްވާ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ގާޒީ ނަޖީބު ބައިވެރިވި ކަމާއި، އެ އިންތިހާބުގައި ބައިވެރިވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރުމަށް އޭނާ މަސައްކަތް ކުރެއްވި ކަން ފާހަގަވާ ކަމަށެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ނަޖީބު ވާހަކަ ދައްކަވާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެއްވެސް ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގެ އަސާސްތަކާއި ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް ގާޒީ ނަޖީބު އަމުރު ނެރެފައިވާ ކަން ފަހަގަވެ ސާބިތު ވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކުރާ ފަނޑިޔާރުންގެ ސުލޫކާ ކަނޑައެޅިގެން ހިލާފު ކަމަކަށް ވާތީ، ގާޒީ ނަޖީބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.

ގާޒީ ނަޖީބު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާފައިވާއިރު، އޭނާގެ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އެ ކޮމިޝަން ސަސްޕެންޑްކޮށްފައިވާތާ ތިން މަސް ދުވަސް ވެގެން ދިޔައީ އެވެ. އޭނާ ސަސްޕެންޑް ކުރީ 2013 އިން ފެށިގެން ޖޭއެސްސީއަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ.