ހަބަރު

"އަޅުގަނޑު ޖޭއެސްސީގައި އިންނަން ރައީސް ޔާމީން ބޭނުންވާނެ"

Oct 14, 2020
1

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގައި ނަޝީދު އިންނަވައިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް އިންސާފެއް ނުލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން ވަނީ އެ ކަންބޮޑުވުން ތަކުރާރު ކުރައްވައިފަ އެވެ.

މި ގޮތުން، މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ރައީސް ޔާމީނަށް ލިބޭނެ އިންސާފެއް ނޯންނާނެ ކަމަށެވެ.

"ކާމިޔާބުކަމާ އެކީގައި ފަސް އަހަރު ރައްޔިތުންނަށް ހިދުމަތްކޮށް ދިނީމާ އިންނަންޖެހޭ ތަނެއް ނޫން ޖަލަކީ. އަޅުގަނޑު މި ގޮވާލަނީ އިންސާފު ގާއިމުކޮށްދިނުމަށްޓަކައި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް. މަނިކުފާނު ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް،" ޖޭއެސްސީގައި މިހާރު ތިބީ ރައީސް ނަޝީދުގެ "ލީގަލް ޓީމް"ކަމަށް ތުހުމަތު ކުރައްވަމުން ސައީދު ގޮވާލެއްވި އެވެ.

ސައީދުގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އަދުލު އިންސާފުން ރާއްޖޭގައި ޝަރީއަތް ނުކުރެވޭނަމަ، ކުރީގެ ލީޑަރުންނަށް ލިބޭ އަނިޔާތަކަކީ އެމަނިކުފާނު ވަރަށް ގާތުން ތަހައްމަލު ކުރައްވާފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މި ދަންނަވަނީ. ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކުރީގެ ރައީސެއް ނަމަވެސް، ކޮށްފައިވާ ނުރަނގަޅުކަމަށް އިންސާފުވެރިކަމާއެކު އަދަބު ލިބުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށެވެ.

އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވައިގެން ކުރައްވާ ހުރިހާ މަސައްކަތެއްވެސް ކުރައްވާނީ އިންސާފުވެރިކަމާއި، މަދަދުވެރިކަމާއެކު ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.

"އަނިޔާވެރިކަން ކުޑަކޮށްވެސް އިސްނުކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ މިހާރު އޮތް ގޮތުން، ޖޭއެސްސީން އިސްތިއުފާ ދެއްވުމަކީ، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ޖޭއެސްސީ މިހާރު އެކުލަވާލެވިފައިވާ ބަދަލުކުރަން ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވާފައިވާ އިސްލާހު މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.