ރައީސް މުހައްމަދު ނަޝީދު

ގާޒީ ހައިލަމަށް ނުފޫޒު އޮތްނަމަ އަމުދުން ފަނޑިޔާރު ކަމުގައި ހުރެގެން ނުވާނެ: ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމަށް ސިޔާސީ ނުފޫޒު ފޯރާފައިވާނަމަ އަދުމުން ސިޔާސީ ބޭފުޅެއްގެ ޝަރީއަތް ބައްލަވަން އިނދެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމުގެ މައްސަލައަށް ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ހައިލަމް ވަކި ކުރި މައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީގެ އެކުލެވިގެން ވަނީ މަޖިލީހުގެ ރައީސް ވެސް ހިމެނޭ ގޮތަށް ކަމަށް ބުނެފައި އޮތް ނަމަވެސް، ގާޒީ ހައިލަމްގެ މައްސަލާގައި ދިމާވެފައި ވަނީ މުޅިން ތަފާތު ހާލަތެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތެއް ގާޒީ ހައިލަމް ބައްލަވަމުން ދަނިކޮށް އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް ނަޝީދު އިންނެވި ޖޭއެސްސީން ސަސްޕެންޑް ކުރުމުން ކަމަށެވެ.

"ރައީސް ނަޝީދަކީ ސީދާ ރައީސް ޔާމީންގެ ވާދަވެރިއެއް. ރިއްފަތް އަކީ އެމަނިކުފާނުގެ ކުރީގެ ލޯޔަރެއް. ހިސާން އަކީ ވެސް މަނިކުފާނުގެ ލޯޔަރެއް، ދެން ހުންނެވީ ސީދާ ރައީސް ނަޝީދު، މި ހާލަތު ވަރަށް ބޮޑަށް ތަފާތުވޭ، ރައީސް ޔާމީންގެ ޝަރީއަތް ބަލަން ތިން ގަޑިއިރަކަށް ވެފައި އޮތްވާ ހައިލަމް ވަކިކޮށް މައްސަލަ ބަލާ ބެންޗް ތި ބަދަލުކޮށްލީ،" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ފާހަގަ ކުރެއްވީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާ ނުރެއްވި ބަޔާނެވެ. އެ ބަޔާނަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އޭނާއަށް ސަރުކާރުގެ ސިޔާސީ ބޭފުޅުންގެ ފަރާތުން ނުފޫޒު ފޯރާފައިވާ ކަމަށެވެ. އަދި ޖޭއެސްސީ މިނިވަން ނޫން ކަން އެ ކަންކަމުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދުގެ ވާހަކަތާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅޭ ފަނޑިޔާރުންގެ ސުލޫކީ ހުރިހާ މައްސަލައެއް ވެސް ބަލާ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ފިޔަވަޅު އަޅަން ނިންމަނީ އެ އޮންނަ އިމެއްގެ ތެރެއިން ކަމަށެވެ. އެ ގޮތުން ގާޒީ ހައިލަމަށް ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމިއިރު، އޭނާއަށް ސިޔާސީ ނުފޫޒު އޮތްނަމަ އަމުދުން އޭނާ ފަނޑިޔާރު ކަމުގައި ހުންނަވާގެން ނުވާނެ ކަމަށާއި އެ މައްސަލައެއް ބެލުމުން އަމިއްލައަށް ދުރުވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"އެފަދަ ނުފޫޒެއް، އެފަދަ ބޭފުޅެއްގެ މައްޗަށް ފޯރާފައި ހުއްޓައި އަދި އަމުދުން އެފަދަ ނިންމުމެއް ނިންމަވައިގެން އިނދެގެން ނުވާނެ، ފަނޑިޔާރު ހައިލަމްއާއި ސިޔާސީ ބައެއް ބޭފުޅުންނާ ފޯނުގެ ތެރެއިން ގުޅާލައިގެން ތިއްބެވީ، އެއީ އަޅުގަނޑުމެނަށް، ޖޭއެސްސީއަށް ފެނުނު ފެނުމުގައި އަނެއް މައްސަލަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެން ފާހަގަ ކުރެއްވީ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައަށެވެ. އެ މައްސަލައަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއްވެސް ފަނޑިޔާރަކު މީޑިއާއާ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އެހެންވިޔަސް ޖޭއެސްސީން ނިންމުމެއް ނިންމާނީ ކޮންމެ މައްސަލައެއްގެ ވެސް ބުރަދަނަށް ބަލައި ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.

ސުލޫކީ ކޮންމެ މައްސަލައަކީ ޖޭއެސްސީން ބަލާ މައްސަލައެއް، ނަމަވެސް ކޮންމެ މައްސަލައަކީ އެ މައްސަލައެއްގެ ބުރަ ދަނަަށް ބަލައި އެ މައްސަލަ ދިމާވި ގޮތް ބަލައި ރަނގަޅަށް ތަހުގީގުކޮށް ދެން ޖޭއެސްސީން ނިންމުމެއް ނިންމަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.