ހަބަރު

މަޖިލިސް ކޮމިޓީން ބަޔާން ނެރުމުން އިދިކޮޅުގެ ފާޑުކިޔުން

Nov 10, 2019
6

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނެރުނު ބަޔާނަށް އިދިކޮޅުގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ ވަނީ ބުނެފަ އެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ހައިލަމް ފޮނުއްވި ތަހުނިޔާ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ. އެކަމާއި ގުޅިގެން އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ނިންމާފައެވެ.

ހައިލަމްގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހައިލަމް ކުރައްވާފައިވަނީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާވެސް ޚިލާފް އަމަލެއް ކަމަށެވެ. އަދި އެއީ އެފަދަ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ކިބައިން ފެނިގެންވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ.

ހައިލަމްގެ އެ އަމަލަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށާ ހައިލަމް ކުރެއްވީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް އެ ކޮމެޓީގެ މެންބަރުން އިއްތިފާގުވާ ކަމަށެވެ.

އެ ބަޔާނާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަކީ ސަރުކާރުގެ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި މަޖިލީހުގެ ރައީސްގެ މިލްކެއް ނޫން ކަމަށެވެ.

"ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވޭ. ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތައް ބޭނުންކުރަނީ ބަދަލުހިފަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަނީ ލޯންޑަރިންގް ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ހައިލަމްގެ ސަސްޕެންޝަނާ ގުޅިގެން ޖަމީލް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކޮމިޓީތަކުން ބަޔާން ނެރުމަކީ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާ ދެކޮޅަށް އެހެން ކޮމިޓީތަކުންވެސް ބަޔާންތައް ނެރެން ފަށައިފިނަމަ މުޅި މަޖިލީސް ބޮޑު ކޯޅުމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފް އިތުރަށް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުގައި ވެސް "އާއިލީ ސިއްކަ" ޖެހި ނިމިއްޖެ ކަމަށެވެ.

"ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް މުޅި ނިޒާމަށްް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތްމިންވަރު ހާމަވޭ،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި އެވެ.

ނަސްރުގެ ތަހުނިޔާ ފޮނުއްވި ގޮތުން މައްސަލަ ހޫނުވުމުން ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ފޮޓޯ ބޭނުން ކުރީ އޭގައި ބާޣީ ލުތުފީ ހުރުމުން ކަމަށެވެ. ބާޣީ ލުތުފީގެ އިތުރަށް ދެން އެ ކުރެހުމުގައި ތިބީ ކޮންބައެއްތޯ ބެލުމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވާ ކަމަށެވެ.

"ގުރޫޕަށް އެ ފޮޓޯ ލީއިރު ރައީސް އާއި ރައީސް ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރި ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވޭ، އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް އަޅުގަނޑަށް ވިސްނާލެވިފައެއް ވެސް ނުވޭ، އެކަމަށްޓަކައި ރައީސް އާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމްގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން އޭނާ ސަސްޕެންޑްކުރުމުން ހައިލަމް ވަނީ އިތުރު ބަޔާނެއްވެސް ނެރުއްވާފައެވެ. އެ ބަޔާނުގައި ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.

އެ ބަޔާނުގައި ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.