ކޮލަމް

ޖޭއެސްސީގެ މަސައްކަތް: ރިޕީޓް ޓެލެކާސްޓެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިވެހި ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ތަގުރީރުގައި އެންމެ ބޮޑަށް ފޯކަސް ކޮށްފައި އޮތީ ދިވެހި ރައްޔިތުން އެކަމަކަށް އެދިއެދި ތިބޭތާ އެތަކެއް އަހަރެއްވީ، އަދުލުވެރި ފަނޑިޔާރުގެއެއް ހޯދަވައި ދެއްވާނެ ކަމުގެ ވާހަކަ އަށެވެ.

އެވާހަކައިގެ ތެރެއިން މި ސަރުކާރުގައި ފަނޑިޔާރުގެ މިނިވަން ކުރެވި، ރައްޔިތުން ބޭނުންވާ އަދުލު އިންސާފު އެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ސަރުކާރާއި އެމަނިކުފާނުގެ އެ މަސައްކަތައް އެންމެ ބޮޑު ބާރެއް ލިބިގެން ދިޔައީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ދިއުމުންނެވެ.

އެ އަޣުލަބިއްޔަތާއެކު ޝަރުއީ ދާއިރާގައި ހާއްސަކޮށް، ފަނޑިޔާރުންނާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ފަޓާސް ބަރިއެއްހެން ގެންގޮސް، އެއްބަޔަކު ގެއަށް ފޮނުވާލައި، އަނެއް ބަޔަކަށް ނަސޭހަތްދީ، ތަފާތު ފިޔަވަޅުތައް އަޅަމުން އެބަ ގެންދެއެވެ.

މި ސަރުކާރު ބާރުވެރިކަަމަށް އައުމުގެ ކުރިންވެސް ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ މައިގަނޑު އެއް ސްޓޭންޑެއް އޮވެ އެވެ. އެ ސްޓޭންޑަކީ ރާއްޖޭގެ ޖުޑިޝަރީ ހަލާކު ކޮށްލުމުގައި ޖޭއެސްސީގެ ދައުރު ބޮޑު ކަމާއި، އެތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަން ޖެހޭ ތަނަކަށް ވާންޖެހޭ ކަމެވެ. އަދި އެތަނަށް ސިޔާސީ ނުފޫޒު ފޯރާހާ ހިނދަކު އަދުލު އިންސާފު ގާއިމް ނުކުރެވޭނެ ކަމެވެ. އެހެން ނަމަވެސް ދުނިޔޭގައި އާންމުކޮށް ކަން ހިނގާ އުސޫލުން އެ ވާހަކަ އިއްޔެ ދެއްކެވި ބޭފުޅުންނަށް އެ ކޮމިޝަންގެ އަޣުލަބިއްޔަތު ލިބުމުން އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.

އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަނީ ކޮން އިރަކުންތޯ އެހުމުން މަޖިލިހުގެ ރައީސްގެ ޖަވާބަކަށްވީ އެއީ އެއްރޭ މަތިން ވާން އޮތް ކަމެއް ނޫނޭ އެވެ. އެކަމަކު އޭގެ ފަހުން މިހާރު 365 ރޭވެސް ވެއްޖެ އެވެ. އެވާހަކަ ވެސް އެކަމަށް ބާރު ލިބޭ ކަމެއްވެސް ކުރުމުގެ ނިޔަތެއްވެސް ނެތެވެ. އޭގެ ފަހުން ޖޭއެސްސީގެ ގާނޫނަށް ބަދަލުވެސް ގެނެސްފި އެވެ.

މަޖިލީހުގެ ތެރެއިން އެ ގެނައި ބަދަލަކީ، ދުނިޔޭގެ ޑެމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ހިލާފަށް ސްޕްރީމްކޯޓަށް ލިބިގެންވާ ބާރުތަކެއް ދުއްވާލާ، މިހާރު ތިއްބެވި ބައެއް ފަނޑިޔާރުން ވަކި ކުރުމަށް "ޓާގެޓެޑް" ބަދަލު ތަކެކެވެ. ޖޭއެސްސީގެ ކޮންޓްރޯލް އަތައް އެރުމުން ވާން އޮތް ގޮތަކަށް އެކަން ކުރުމަށް މަގު ކޮށައިދިނުމަށް ގެނައި ބަދަލުތަކެކެވެ. އެހެން ނަމަވެސް، އެ ބަދަލު ތަކަކީ އިހުލާސްތެރި ބަދަލެކޭ ބުނުމުގެ ޖާގަ ކުޑަ އެވެ.

ޖޭއެސްސީގެ ނިޔަތަކީ އިސްލާހު ކަމުގައިވާ ނަމަ، އެންމެ ފުރަތަމަވެސް ކޯޓުތަކުން ބޭރު ކުރާނީ ބަޔަކަށް ނުހައްގު އަނިޔާތަކަކާއި، ބޭއިންސާފު ހުކުމްތަކެއްކޮށް، ގާބިލިއްޔަތުކަމެއް ނެތި ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކަށް "ޖަމްޕު" ޖެއްސެވި "ސިޔާސީ" ފަނޑިޔާރުންނެވެ.

އަދި އެ ފަނޑިޔާރުންނަކީ ކޮން ބައެއް ކަމާއި، އެބަޔަކު ހުކުމް އިއްވަމުން އައިގޮތް ޖޭއެސްސީގައި މިހާރު ތިއްބެވި ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރު އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތަކީ ގާނޫނު އަސާސީގެ ވެރިކަމެއް ހިނގާ ތަނެއްގައި، އަދި ހާއްސަކޮށް ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއްގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަށް ދީފައިވާ ބާރުތައް ނިގުޅައިގަނެ އެ ބާރާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި، ނަފްރަތު އުފެއްދުމެވެ.

ކޯޓެއްގައި ތިއްބަވާ ފަނޑިޔާރުން ދެކެ ސިޔާސީ ޕާޓީއަކުން ނުރުހުމަކީ، ނުވަތަ ސިޔާސީ ފިކުރަކުން ނުރުހުމަކީ އެ ކޯޓެއްގެ ޒަމާން ދުއްވާލަންޖެހޭ ސަބަބެއް ނޫނެވެ. ގާނޫނު އަސާސީން އެކޯޓަށް ދީފައިވާ ބާރުވެރިކަމެއް ދީފައިވަނީ ވަރަށް ވެސް މާތް މަގުސަދެއްގަ އެވެ. ބާރު ދީފައިވަނީވެސް ކޯޓަށެވެ. އެތަނުގައި ތިބޭ ވަކި ވަކި ބަޔަކަށް ނޫނެވެ. އެހެން ކަމުން "އިންސްޓިޓިއުޝަން" އާއި ކުޅުމުގެ ބަދަލުގައި، ބޭރު ކުރަންޖެހޭ ބަޔަކު ތިބި ނަމަ އެކަން ކުރަންވީ އެވެ. އެކަމަކު އޮންނަ އުސޫލުގެ ތެރެއިންނެވެ. އެހެން ނޫންނަމަ އެ ހެދެނީ ވަރަށް ބޮޑު ގޯހެކެވެ.

ޖޭއެސްސީން އަމަލު ކުރަމުންދާ ގޮތާއި މެދު ހިތްހަމަޖެހި އެޔަށް އަތްޖަހާ ބަޔަކުވެސް އެބަތިއްބެވެ. އެހެން ނަމަވެސް "ސުލޫކީ" އަކީ ކޮބައި ކަމާއި، ޖޭއެސްސީއަކީ "ޖުުޑީޝަލް" ބޮޑީ އެއް ނޫން ކަމާއި، އެތަނަކީ ފަނޑިޔާރަކު އިއްވާ ހުކުމެއްގެ މައްސަލަ ރިވިއުކޮށް، އެއަށް ފާޑު ކިއުމުގެ އެއްވެސް ބާރެއް ގާނޫނީ ގޮތުން ލިބިދީފައިވާ ތަނެއް ނޫނެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އެބާރުތައް އޮތީ ކޯޓުތަކަށެވެ. ދަށުކޯޓުން ނިންމާ ނިންމުމެއް ރިވިއު ކުރާނީ ހައިކޯޓުންނެވެ. އޭގެވެސް އެންމެ ފަހުބަސް ބުނާނީ ސްޕްރީމް ކޯޓުންނެވެ.

މިހާ ސާފުކޮށް މިކަން އޮއްވައި، ރައްޔިތުންގެ މަޖިލީހުގައި ވެސް ޖުޑިޝަރީ ކޮމިޓީއެއް ހަދައި، ކޯޓުތަކުން އިއްވާ ހުކުމްތަކާއި، ގުޅޭ ގޮތުން ބަސް ބުނެ ނުވަތަ އެ ނިންމުމަކީ ގޯސް ނިންމުމެއް ކަނޑައަޅާ ޖުޑިޝަރީއަތް އަތް ބާނަމުން ދެއެވެ. ޝަރުއީ ދާއިރާގެ ކަންކަމަށް އަތް ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށްވެސް ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް ނޫނެވެ. ގާނޫނު އަސާސީން ނުލިބޭ ބާރެއް އެ މަޖިލީހަށް އެތަނުގައި ހަދާ ކޮމިޓީއަކަށް ދެވޭނެ ގޮތެއް އޮންނާނެތޯ މިއީވެސް ސުވާލެކެވެ. ޑެމޮކްރަޓިކް މުޖުތަމައުއެއްގައި މިފަދަ ގޮތަކަށް އަމަލު ކުރަނީ ކޮން ގައުމެއްގައިތޯވެސް ބަލާލުން މުހިންމެވެ.

ޖޭއެސްސީން އަމަލު ކުރަމުންދާ ގޮތުންނާއި، އެތަން އެކުލެވިފައިވާ ގޮތުން ދިވެހި ރައްޔިތުން ޝަރުއީ ދާއިރާއަށް ދޭން ބޭނުންވާ ފަރުވާ އެ ތަނަށް ދެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ކޮންޓްރޯލް އޭރު އޮތް ޖޭއެސްސީއަށް އޮވެގެން، ޝަރުއީ ދާއިރާ އޮތީ އަދުލު އިންސާފުން ބޭރުވެފައި ކަމަށް އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް ގަބޫލު ކުރެވުނެވެ. އެގޮތުގެ މަތިން މިހާރުގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިއްވި ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމާއި، އެއީ އަދުލު އިންސާފުން ބޭރުން އިއްވާފައިވާ ހުކުމެއް ކަމަށް އެބަޔަކު ގަބޫލުކޮށް، އެވާހަކަ ނިކަން ހަރުއަޑުން ދައްކައި، ޝަރުއީ ދާއިރާއާއި ދެކޮޅަށް އަޑު އުފުލާ، މަގުމައްޗަށްވެސް ނިކުތެވެ. މިއަދު މިއޮތީ ހާލަތު ބަދަލުވެފަ އެވެ. މިއަދު ޖޭއެސްސީގެ ކޮންޓްރޯލް އޮތީ މިހާރުގެ ސަރުކާރަށެވެ. އެކަން އެހެން އޮއްވައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާއެއްގެ މައްސަލަ މިވަނީ ނިމުމަކާއި ގާތައް އައިސްފައެވެ. އެ މައްސަލައިގައި ޔާމީނަށް ހުކުމް ކޮށްފި ނަމަ، ޔާމީންގެ ސަޕޯޓަރުންނާއި، މިނިވަންކޮށް ތިބި ބަޔަކުވެސް ގަބޫލު ކުރާނީ އެއީ ސިޔާސީ ހުކުމެއް ކަމަށެވެ. އެހެން ކަމުން މި ސިސްސިލާއަށް ނިމުމެއް އަންނަން އެބަޖެހެއެވެ.

މިކަމަށް ނިމުމެއް ގެނެވި، ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ލިބޭނީ، އެއްވެސް ކޮޅަކަށް ބުރަނުވާ މިމިވަން ޖޭއެސްސީއަކާއި، ފަނޑިޔާރުގެއެއް ގާއިމް ކުރެވިގެންނެވެ. ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްފި ނަމަ މިހާރު ތިއްބެވި ފަނޑިޔާރުންނަށް ފިޔަވަޅެެއް ނޭޭޅޭނެ އެވެ. އެކަން އެގޮތަށް ގަބޫލުކޮށް އެވާހަަަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ. އެކަމަކު މިނިވަން ކަމާއިއެކު އޮތް ޖޭއެސްސީއަކުން ނިންމާ ނިންމުމެެއް މިހާރު އޮތް ޖޭއެސްސީން ނިންމާ ނިންމުމަކަށްވުރެ އެތައް ގުނައެއް ފަސޭހައި ރައްޔިތުންނަށް ބަލައިގަނެވޭނެ އެވެ. އަދި މިހާރު ތިއްބެވި ފަނޑިޔާރުންނަށް މިނިވަން ޖޭއެސްސީއަކުން ފިޔަވަޅެއް ނޭޅޭނެ ކަމަށް ގަބޫލު ކުރުމަކީ އެ ފަނޑިޔާރުންގެ މައްސަލައެއް ނެތް ކަމަށް ގަބޫލު ކުރުން ކަމުގައި ނޫނީ ނުވާނެ އެވެ. މައްސަލައެއް އޮވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ އެވެ.

ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަދި އެކަމަކީ ޖޭއެސްސީން ކުރަން ލާޒިމުވެސް ކަމެކެވެ. އެހެން ނަމަވެސް ޖޭއެސްސީގެ އަމަލުތައް ހުރި ގޮތުން ޝަރުއީދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު މިދަނީ ހައްތާ ދައްވަމުންނެވެ. ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، އެކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރާއްޖޭގައި ވަނީ ގިނަ ދިރާސާތަކެއް ހަދާފަ އެވެ. އަދި ޝަރުއީ ދާއިރާއިން ބޭއްވި މަހާސިންތާތަކުގައިވެސް ވަނީ އެކަން ކުރާނެ ގޮތެއް އެކުލަވާލައި، ޑޮކިއުމެންޓްވެސް ކުރެވިފަ އެވެ. އެއްރޭ މަތިން ގާނޫނަށް ބަދަލު ގެނެވޭއިރު، އެ ޑޮކިއުމަންޓްތަކާއި އެކު އިތުރަށް ދިރާސާކޮށް، މިނިވަން ޖޭއެސްސީއެއް އަވަސް މުސްތަގުބަލެއްގައި އެކުލަވާނުލެވެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަން ނުކުރެވިގެން މިއުޅެނީ ހަމަ އިހުލާސްތެރިކަން ނެތުމުގެ ސަބަބުންނެވެ. ނުވަތަ ތިމާމެނަށް ބާރު ލިބުނު ދުވަހު، އޭގެ ކުރިން ތިމާމެން ނިކަމެތި ކުރި މީހުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހު ބޮޑުވެގެންނެވެ.

މިކުޅޭ ކުޅިވަރަށް ނިމުމެއް ގެނެސް، ދިވެހި ރައްޔިތުން އުންމީދު ކުރާ ބަދަލު ޖުޑިޝަރީއަށް ގެނައުމަށްޓަކައި މިނިވަން މުސްތަގިއްލު ޖޭއެސްސީއެއް ސަރުކާރުން ވީ އެންމެ އަވަހަކަށް އެކުލަވާލަން އެބަޖެހެއެވެ. އެހެން ނޫންނަމަ، ދެންވެސް ފެންނާނީ ނިމިދިޔަ ފަސް އަހަރުގެ "ރިޕީޓް ޓެލެކާސްޓް" އެކެވެ.