ބިލުތައް އަބަދު އިސްލާހުކުރަންޖެހޭ ޖެހުމަށް ސަރުކާރުން ގޮތެއް ނިންމަން ޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ހަސަން ލަތީފު ވިދާޅުވީ ހެއްކާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅުމުން ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާތަކެއް ކުރުމަށްފަހު އެ ބިލު މަޖިލީހުން ފާސްކުރީ ޖޫން 30 ވަނަ ދުވަހު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގުކުރެއްވީ ޖުލައި މަހުގެ 18 ވަނަ ދުވަހު ކަމަށް ވިދާޅުވި އެވެ.
އެ ބިލަށް ތިން މަސް ދުވަހުގެ ތެރޭގައި އިސްލާހު ހުށަހެޅުމުން އެކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ މިހާރު އަމަލުކުރާ ހެއްކާ ބެހޭ ގާނޫނު ފާސްކުރީ ބަންޑާރަނައިބުގެ އޮފީހުގެ މަޝްވަރާއާ އެކު ކަމަށެވެ.
"ބަންޑާރަ ނައިބު އޮފީހުން ސަރުކާރުން ވިދާޅުވަމުން ގެންދެވީ އެ ބިލް އޭރު އޮތީ ވަަރަށް ފުރިހަމަކޮން ކަމަށް. އަދި ހަމައެއާއެކީގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެޑްރެސްކުރެވިފަ ހުންނާނެ ކަމަށްވެސް ވިދާޅުވަމުން ގެންދެވި،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުގައި ހެއްކާ ބެހޭ ކަންކަންކަމުގައި ނޫސްވެރިން އަމަލުކުރަން ޖެހޭ ގޮތް ކަމަށް ބަޔާންކުރާ ޕްރޮޓޮކޯލްތަކަށް ރިއާޔަތްކޮށްގެން އޭރު ބިލުގެ މާއްދާތައް އެކުލަވާލި ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން ނޫސްވެރިން ރައީސް އޮފީހަށް ދިޔަކަން ފާހަގަކޮށް ވިދާޅުވީ އަނެއްކާވެސް ގާނޫނު ބަދަލުކުރަންޖެހިފައިވާ ކަމަށެވެ.
ގާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހުވެސް އޮތީ ނޫސްވެރިން ބޭނުންވާ ގޮތަށް ނޫން ކަމަށް ނޫސްވެރިން ބުނަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ. އެކަމަށް ނިމުމެއް އަންނާނެ ގޮތަށް ސަރުކާރުން އަމަލުކުރުމުން ނޫނީ ހައްލެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އަނެއްކާ ނޫސްވެރިންވީ މި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ވަޑައިގެން އެވާހަކަތައް ދައްކަވަން. އަނެއްކާ ރައީސް އޮފީހަށް ވަޑައިގަންނަވަންވީ. އަނެއްކާ ބައްދަލުކުރައްވަންވީ ރައީސް އޮފީހުގެ ބޭފުޅުންނާ. އަނެއްކާ އެއީ ރަނގަޅު ކަމެއްކަމަށް ވިސްނިވަޑައިގެން އަނެއްކާ ބަންޑާރަ ނައިބު އިސްލާހު ހުށަހަޅުއްވަންވީ. ދެން ކޮންއިރަކުންތޯ މި ނިމެނީ؟" ވިދާޅުވި އެވެ.
ހެއްކާ ބެހޭ ގާނޫނަކީ މުހިންމު ގާނޫނެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެންމެ މާއްދާއެއްގެ ސަބަބުން ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ. މިހާރު ހުށަހެޅިފައިވާ އިސްލާހުތައް ފާސްކުރުމުން އަނެއްކާވެސް އިސްލާހު ނާންނާނެތޯ ވަނީ ސުވާލުކުރައްވާފައެވެ.