ރައްޔިތުންގެ މަޖިލިސް

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސް ފަށައިފި

ނޫސްވެރިންގެ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.

އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު އެވެ.

ބިލު ހުށަހަޅަމުން ވިސާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުމުގެ ބޭނުމަކީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތް ގޮތުން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއަކާ ގުޅޭ ޝަރީއަތެއްގައި ނޫސްވެރިޔަކަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ މައުލޫމާތެއް ހާމަކުރުމަށް ނޫސްވެރިޔާއަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް މަޖުބޫރުކުރަން ޖެހޭ ހާލަތެއްގައި އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ އެވެ.

އެ ހާލަތުގައި ހައިކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ މެދު ގިނަވަގެން 14 ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް ވަނީ ހިމަނާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނެ އެވެ.

މަސްދަރު ހާމަކުރުމަށް ކޯޓު އަމުރު ނެރެވިދާނެ ހާލަތްތަކުގެ ތެރޭގައި އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް ނިސްބަތްވާ ދައުވާއާ ސީދާ ގުޅުންހުރި އަދި އެ ދައުވާއަށް ކޮންމެހެން މުހިންމު މައުލޫމާތެއް ކަމުގައިވުން ހިމެނެ އެވެ. އެ މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ދަށު ކޯޓުގައި ކުރިއަށްދާ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު އޮތް ހާލަތުގައިވެސް މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅިއިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން [އެމްޖޭއޭ] އިން ދެކޮޅު ކަމަށް އެ ޖަމިއްޔާ އިން މީގެ ކުރިން ބުނެފައިވެ އެވެ. މިކަންބޮޑުވުމަށް އަދިވެސް ހައްލު ނުލިބެ އެވެ. .