ދިވެހި މީޑިއާ

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ނޫސްވެރިންގެ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާ ބެހޭ ގާނޫނުގައި ލާޒިމުކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން ގާނޫނު އިސްލާހުކުރަން ނިންމާފައިވާކަން އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

އިސްލާހުގެ ތެރޭގައި ގާނޫނު 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކުރުން ހިމެނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނެ އެވެ.

މަސްދަރު ހާމަކުރުމަށް ކޯޓު އަމުރު ނެރެވިދާނެ ހާލަތްތަކުގެ ތެރޭގައި އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް ނިސްބަތްވާ ދައުވާއާ ސީދާ ގުޅުންހުރި އަދި އެ ދައުވާއަށް ކޮންމެހެން މުހިންމު މައުލޫމާތެއް ކަމުގައިވުން ހިމެނެއެވެ.

އެ މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ދަށު ކޯޓުގައި ކުރިއަށްދާ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު އޮތް ހާލަތުގައިވެސް މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅިއިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން [އެމްޖޭއޭ] އިން ދެކޮޅު ކަމަށް އެ ޖަމިއްޔާ އިން މީގެ ކުރިން ބުނެފައިވެ އެވެ. މިކަންބޮޑުވުމަށް އަދިވެސް ހައްލު ނުލިބެ އެވެ.