އެމްޑީޕީ

މީޑިއާ ކޮމިޝަން ހަދަނީ މިނިވަންކަން ކަފުންކުރަން: އެމްޑީޕީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށްފަހު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާ އާއި ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް އޮތް އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމަށް ކޮމިޝަނެއް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިހާބުވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.

މިބިލާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ހަންނާން ވަނީ ބިލް އަނބުރާ ނުގެންދާނެ ކަމަށް މީޑިއާގައި ވިދާޅުވެފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަނައިބު ހާމަކޮށްފައި ވަނިކޮށް އަމިއްލަ މެމްބަރެއް ލައްވައި އެކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެކެވެ،" ބަޔާނުގައިވެ އެވެ.

އަލަށް އުފައްދަން ހުށަހަޅާފައިވާ ކޮމިޝަން އެކުލަވާލުމަށް ބިލްގައި ހިމަނާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންނާ އެކު ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ.

މީގެއިތުރުން މި ބިލްގައި ބަޔާންކުރާ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ބިލްގައި ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެމްޑީޕީން ބުނީ ބިލް ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އޮތް މަގު ބަންދުވެ ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް ހައްދެއް ނެތި ހިންގުމަށް ފަހިކުރާ ފުރުސަތަކީ އެ ޕާޓީން ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.

މީގެއިތުރުން މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދާތަކަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމަށް ހުރަސް އަޅައި، ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ހިމަނާފައިވާ މާއްދާތަކެއް ކަމަށް ދެކޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން އިތުރަށް ބުނީ ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށްވާއިރު މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް އެމްޑީޕީން ތާއިދު ނުކުރާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.