ކޯޓްތަކުން އަމިއްލަ ފަރާތްތަކަށް ދޭން ހުކުމްކުރާ ފައިސާތައް އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ ހަމަސް ދުވަސް ތެރޭގައި އާދަޔާހިލާފަށް ގިނަ ފައިސާތަކެއް އަމިއްލަ ފަރާތްތަކަށް ދޭން ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ތަކަކީ ދޭން ޖެހޭ ފައިސާތޯ ކަށަވަރު ކުރުމާއި، ސަރުކާރަށް އެންމެ ރަނގަޅު ގޮތް ހޯދައި ދިނުމަކީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ވާޖިބެއް ކަމަށެވެ.
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ތަޖުރިބާތަކަށް ބަލާއިރު ރިފްއަތު ކޮރަޕްޝަންގެ އެއްވެސް އަމެލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށްވެސް މިރޭ ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ބެލެވޭ ގޮތުގައި ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކައިފައި މިވަނީ އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެންނެވެ.
އެ މައްސަލަ ކޯޓުން ބޭރުން ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެ އޭޖީ ރިފްއަތު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކޯޓުން ބޭރުން މައްސަލަ ނިންމަން އުޅުނީ ކޮރަޕްޝަން ހިންގަން ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި މައްސަލަ ބާތިލް ކުރަން ކޯޓުގައި އެދުނީ ހުކުމް ތަންފީޒުކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.
ނަމަވެސް ދީބާޖާ ކުންފުނިން ބުނެފައިވަނީ، ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ ތަންފީޒީ މަރުހަލާއާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ހަދަނީ ދޮގު ކަމަށެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ.
ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.