ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލް އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެންގެވީ މެއި މަހުގެ 11 ވަނަ ދުވަހު އޮތް ކެބިނެޓް ބައްދަލްވުމުގައެވެ.
ރައީސްގެ އެ އެންގެވުން އައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.
ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ އެމްއެންއެންޑީފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) އިންނެވެ. އެބޭފުޅުން ކޮންމެ ތަނަކަށް ވަޑައިގެންނެވި ނަމަވެސް އަރިހުގައި ސިފައިން ތިއްބަވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ދައުލަތުން ރަސްމީ ގެކޮޅެއް ހަމަޖައްސައިދީފައި ހުރި ނަމަވެސް މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެބޭފުޅުންގެ އަމިއްލަ ގެކޮޅުގަ އެވެ. އެއީ އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ތަޖުރިބާކާރު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.