ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށައެޅޭ މިންވަރު ރަނގަޅު ކަމަށާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ކަނޑައެޅިފައިވާ ތާރީހުތަކަށް ބިލްތައް ފޮނުވަމުން ގެންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ބިލްތައް އެ މަޖިލީހަށް ނުލިބޭތީ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"މަޖިލީހުގެ މެމްބަރުންނާއި ކޮމެޓީތަކުގެ އިސް ނެގުމުގެ ދަށުން ބައެއް ބިލްގެ ތަސައްވަރުތައް އެކުލަވާލެވި އަދި ސިޔާސީ ޕާޓީތަކުން ވެސް ބިލްތަކުގެ ތަސައްވަރުތައް އެކުލަވާލެވި އެ މަސައްކަތްތައް ހިނގަމުން އެބަދޭ. ނަަމަވެސް ގިނައިން ބޭނުންވެފައިވާ ބިލަކީ ފައިސާއާ ވެސް ގުޅޭ ބިލް ކަަމަށް ވާތީވެ ސަރުކާރުން މަޖިލީހަށް އެ ބިލްތައް ލިބުމަކީ ބޭނުންތެރި ކަމެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކަމާއި ގުޅޭގޮތުން އަވަސްއިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާމެދު ސަރުކާރުން ވަރަށް ހިތްހަމަ ޖެހޭ ކަމަަށާ މަޖިލީހުގެ ހަލުއި ސްޕީޑް ފާހަގަ ކުރައްވާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވަން ޖެހޭ ބިލްތައް ވެސް ކަނޑައެޅިފައިވާ ތާރީހުތަކުގައި ފޮނުވަމުން ގެންދާ ކަމަށާ އެ މަސައްކަތް ހިނގަނީ ހަމަޖެހިފައިވާ ތާރީހުތަކާއި އެއްގޮތަށް ކަމަށެވެ.
ސަރުކާރުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އަށް ގެންނަ ހަތަރު އިސްލާހަކާއެކު 201 ބިލް ހުށައެޅުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން 76 ބިލެއް މިހާތަނަށް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އަދި 61 ބިލެއްގެ މަސައްކަތް ނިންމާ ފާސް ކުރުމުން ރައީސް ސޯލިހު ވަނީ ތަސްދީގު ކުރައްވާފަ އެވެ. މަބުރޫކް ވިދާޅުވީ މިހާރު ވެސް 15 ބިލެއްގެ މަސައްކަތް ކޮމެޓީ މަރުހަލާގައިވާއިރު ފަސް ބިލެއް މިހާރު ވެސް މަޖިލީހަށް ފޮނުވާފައިވާ ކަމަަށެވެ.
"އެހެންވީމަ ސަރުކާރުގެ ދެ އަހަރު ނިމި މިހާތަނަށް އައިއިރު 81 ބިލެއް މި ވަނީ މަޖިލީހަށް ފޮނުވާފައި. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ 40 ޕަސެންޓް. އަޅުގަނޑުމެންގެ ދެކެނީ މިހާރު އެ ހުރީ ރަނގަޅު ސްޕީޑްގައި ކަމަށް. ޖުމްލަކޮށް މި މަސައްކަތް ކުރެވޭ ގޮތާމެދު ސަރުކާރުގެ ހިތްހަމަޖެހުން އެބައޮތް. އަދި މަޖިލީހުގެ މަސައްކަތްތަކާމެދު ވެސް އެ ހިތްހަމަޖެހުން އެބައޮތް،" މަބުރޫކް ވިދާޅުވިއެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ފެށުނު ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ސަރުކާރުގެ ފަރާތުން 33 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
މި ދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތައް
- ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލް،
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- އެކިއެކި ލިޔުންތަކުގައި ރެނެވިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލް،
- މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލް،
- އެއްގަމުދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ކާބޯތަަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ބިލް،
- ވިހެއުމާއި މަރުވުން ރަޖިސްޓްރީ ކުރުމުގެ ބިލް،
- ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް،
- އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް،
- ގިންތި ކުރުމުގެ ބިލް،
- ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ހެއްކާބެހޭ ބިލް،
- ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް،
- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- އިންތިގާލީ އިންސާފުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް،
- ފޮރިން އިންވެސްޓްމަންޓްގެ ބިލް،
- ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ބިލް،
- ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލް،
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގާނޫނުގެ ބިލް،
- ނަފްސާނީ ސިއްހަތުގެ ބިލް،
- ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް،
- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް،