ރައީސް އޮފީސް

އިންޓެލިޖެންސްގެ އޮޑިޓް ހަދަނީ ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓް ހަދަމުން ދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިންގަމުން ގެންދާ އޮފީހެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މި މަހުގެ އަށްވަަނަ ދުވަހު ބޭއްވުނު ގައުމީ ސަލަމާތާބެހޭ މަޖިލީހުގެ ހަތް ވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ހަތަރު މެންބަރުންގެ ކޮމިޓީއެއް މި މަހުގެ 11 ވަނަ ދުވަހު އުފައްދަވާފައިވާ ކަމަށެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮމިޓީގެ މައިގަނޑު މަގްސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި އަދި މި ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ހިމެނޭ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮމީޓީއަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ފޯރުކޮށް ދެމުންދާ ކަމަށެވެ.