އެޓާނީ ޖެނެރަލް

ރައީސްގެ މަންދޫބަށް މައުލޫމާތު ދެއްވައިފި

Mar 14, 2022

ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް، ބަންޑާރަނައިބް އިބްރާހީމް ރިފްއަތާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ބަންޑާރަނައިބް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގެ މައުލޫމާތު އައްބާސްއާ ހިއްސާކުރައްވާފައިވެ އެެވެ.

މީގެއިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް އެކުލަވާލާފައިވާ އިންޓެލިޖެންސް އޮޑިޓް ރިޕޯޓްގައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ ގޮތުގެ މައުލޫމާތު ވެސް ބަންޑާރަނައިބް ރިފްއަތު ވަނީ ހިއްސާކުރައްވާފަ އެވެ.

އައްބާސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖުލައި ދެވަނަ ދުވަހު އެވެ. އޭނާ ވަނީ ރާއްޖެ ވަޑައިގެން ރައީސް ނަޝީދާއި ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާ ހަމަލާއާ ގުޅޭ މައުލޫމާތު ގެންދަވަނީ ހޯއްދަވަމުންނެވެ. އައްބާސް ފާއިޒު ގެންދަވަނީ އޭނާއަށް ލިބިވަޑައިގަންނަވާ މައުލޫމާތު ދޭތެރެދޭތެރެއިން ރައީސް ސޯލިހާ ބައްދަލުކުރައްވާ ހިއްސާވެސް ކުރައްވަމުންނެވެ.

އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެކަމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ އެންމެންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާ، ޝަރީއަތް ވެސް ފަށާފަ އެވެ. ރައީސް ނަޝީދަށް ހަމަލާ ދިން އެންމެ އިސް މީހާ ކަމަށް ބުނާ އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.