އެމްޑީޕީ

މެއި ހައެއް ކޮމެޓީން މުޝީރާއި ބައްދަލުކޮށްފި

Jul 6, 2022

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ކުރިއަށް ދާގޮތް މޮނިޓާ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހާއްސަ މުޝީރު އައްބާސް ފާއިޒާއި އެމްޑީޕީގެ "މެއި 6 ކޮމެޓީ" އިން މިއަދު ބައްދަލު ކުރައްވައިފި އެވެ.

ނަމަވެސް އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މި ބައްދަލްވުމުގެ ތަފްސީލެއް އެ ޕާޓީން ނުދެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގާއި ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ހަމަޖެއްސި ހާއްސަ މަންދޫބެކެވެ. ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއް ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވާނެ އެވެ. ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރުކުރައްވާނެ އެވެ.

އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަދި މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބައެއްގެ މައްޗަށް ދައުވާ އުފުލި ފަހުން މަސްތަކެއް ފާއިތުވެފައިވާއިރު ޝަރީއަތް ކުރިއަށް ގެންދެވިފައިވަނީ އެންމެ މީހެއް ކަމުން އަދި މައްސަލައިގެ ވަށައިގެންވާ އެންމެންގެ ޝަރީއަތް ލަސްވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާއިޒު ވަނީ ވިދާޅުވެފައެވެ.

މެއި ހައެއް ކޮމެޓީއަކީ މޭ ހައެއް ގެ ހަމަލާޔާގުޅޭ އެންމެހައި ކަންކަން ބެލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އުފެއްދި ކޮމެޓީ އެކެވެ.