އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ހުންނަވަނިކޮށް ބޮމެއް ގޮއްވާލާ ރައީސް މުހައްމަދު ނަޝީދު "ތޮރުފާލު"މަކީ ބޮޑު ކާމިޔާބެއްތޯ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސުވާލު ކުރައްވައިފި އެވެ.
އިންތިގެ މި ސުވާލު އައީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ކުރެވޭ ބަހުސްގެ ތެރެއިންނެވެ.
އިއްޔެގެ އިންތިހާބުން ރައީސް ނަޝީދުގެ ފެކްޝަން ބަލިކޮށް ރައީސް ސޯލިހު ބޮޑު ކާމިޔާބީއެއް ހޯއްދަވާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ހަބަރަކާއެކު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިކަން އަޅުވެތިވުމުގެ އެއް ވައްތަރަކީ "ވޮލަންޓްރީ އަޅުވެތި"ވުން ކަަމަށެވެ.
އަދި ކެންޑިޑޭޓުންނަކީ ކޮން ބައެއްކަންވެސް ނޭންގި އެފަދަ ގޮތަކަށް ވަކި ބަޔަކު ރުއްސަން ރިޕޯޓްކުރުމަކީ "ވޮލަންޓްރީ އަޅުވެތި"ވުމެއްގެ ގޮތުގައި އިންތި ވަނީ ސިފަކުރައްވާފައެވެ.
އޭގެ ފަހުން އިންތި ވަނީ މިވެރިކަން އޮއްވާ ބޮންގޮއްވާލާ ރައީސް ނަޝީދު "ތޮރުފާލު"މަކީވެސް ބޮޑު ކާމިޔާބީއެއްތޯ ސުވާލު ކުރައްވާފައެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ނަޝީދަށް ވަނީ ފުން ޒަހަމުތަކެއް ލިބިވަޑައިގެންފައެވެ. އަދިވެސް އެ ޒަހަމުތަކުން މުޅީން އަރައިގަނެވިފައިނުވާއިރު އެމަނިކުފާނަށް ދާއިމީ ގޮތެއްގައި ބައެއް ނުކުޅެދުންތެރިކަމުގައި ހޭދަކުރަން ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއީ އެމަނިކުފާނުގެ ބައެއް އިނގިލިތައް އަދިވެސް މުޅީން އައްސިވެފައި ހުރުމެވެ. އެކަން މުޅީން ފަސޭހަަވެދާނެ ކަމުގެ އުންމީދު ނެތް ކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ޓެރަރިސްޓް ހަމަލާއާ ގުޅިގެެން ދައުލަތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް އިންތި ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެފަދަ ނުރައްކާތެރި ހަމަލާއަކަށް ފަހު ސަރުކާރުގެ ތެރެއިން ފެންނަން ޖެހޭ އެއްވެސް ސީރިއަސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް އިންތި ވިދާޅުވެއެވެ. މި ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންމެ ބައްދަލުވުމެއްގައި އިންތި ގެންދެވީ އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުންނެވެ.
ގައުމީ މަޖިލީހުގެ ގިނަ ބައްދަލްވުންތައް ފަހުން ހާއްސަކުރީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަށް ކަމަށްވީއިރު އެ ބައްދަލްވުންތަކުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން އެއްގޮތަކަށްވެސް ބައިވެރިވެފައިނުވާތީވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.