ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ ބައެއް ވަޒީރުންގެ ބޮލަށް ޖަހައި ސަރުކާރުގެ އަތެއް އެކަމުގައިވާ ކަމަށް ރައްޔިތުންނަށް ސިފަކޮށްދޭން ޖަހަން އުޅުނު ސަކަރާތުގައި ބައިވެރި ނުވީ އޭގެ އަސްލަށް ވާސިލުވުމުގެ މުހިއްމު ކަން ސާފު ވާތީ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މެންބަރު އިސްމާއީލް މިހެން ވިދާޅުވީ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރަން ކުރި މަސައްކަތަށް ސަރުކާރުގެ ތެރެއިންނާއި ބައެއް ވަޒީރުން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.
އިންތިއަށް ކެމްޕެއިން ކޮށްދޭން ރަށްރަށަށް ކުރަމުންދާ ދަތުރުގެ ތެރެއިން ހުވަދޫގެ ބައެއް ރައްޔިތުންނާއި ވާހަކަދައްކަވަމުން ވަހީދު ވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން އަޔަ ނުދޭން މަސައްކަތް ކުރި މީހުންނާއި އެކަމަށް ހުރަސް އެޅި މީހުން އަދި ބައްދަލްވުމަށް ނައިސް ތިބި މެންބަރުން ސާފު ކަމަށް ވިދާޅުވެ ވަކި ބޭފުޅުންތަކަކަށް ތުހުމަތުގެ އިނގި ދިއްކުރައްވާފައެވެ. އަދި އިންތިއާ ވާދަކުރައްވާ މިނިސްޓަރު ފައްޔާޒުގެ ޓީމުން މަސައްކަތް ކުރަނީ ރައީސް ނަޝީދު އެއް ފަރާތްކޮށް ބާކީކޮށް އަދި ޖެއްސުމާއި ފުރައްސާރަ ކުރަން ކަމަށް ވިދާޅުވެ ވަހީދު ވަނީ ވާހަކަ ދައްކަވާފައެވެ.
ވަހީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ ބައެއް ވަޒީރުންގެ ބޮލަށް ޖަހައި ސަރުކާރުގެ އަތެއް އެކަމުގައިވާ ކަމަށް ރައްޔިތުންނަށް ސިފަކޮށްދޭން ޖަހަން އުޅުނު ސަކަރާތުގައި ބައިވެރި ނުވީ އޭގެ އަސްލަށް ވާސިލުވުމުގެ މުހިއްމު ކަން ސާފު ވާތީ ކަމަށެވެ.
"އެ އަނިޔާވެރި ހަމަލާ އެކި ފަހަރު އެކިގޮތަށް ރައީސުލްޖުމުހޫރިއްޔާ އާއި އެކި ވަޒީރުންގެ ބޮލަށް ޖަހައި ޖުމުލަކޮށް ސަރުކާރުގެ އަތެއް އެ ކަމުގައި ވާ ކަމަށް ރައްޔިތުންނަށް ސިފަކޮށް ދޭން ޖަހަން އުޅުނު ސަކަރާތުގައި ބައިވެރި ނުވީ އޭގެ އަސްލަށް ވާސިލްވުމުގެ މުހިއްމު ކަން އަޅުގަނޑަށް ސާފުވާތީ. ވަރަށް ވެދުން،" މިނިސްޓަރު ފައްޔާޒާއެކު ހުންނެވި މެންބަރު އިސްމާއީލް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގައި އިމްތިޔާޒުގެ ޓީމުން ގެންދަނީ ފައްޔާޒު ނިކުމެ ހުންނެވީ ރަައީސް ނަޝީދު އެމްޑީޕީން ބޭރުކޮށް އެކަހެރި ކުރުމަށް ކަމަށް ބުނެ ފައްޔާޒާ ދެކޮޅަށް އެންޓިކެމްޕެއިން ކުރައްވަމުންނެވެ. އަދި ރަައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ ހަގީގަތް ނެތް ވާހަކަތައް ފަތުރާ އެކަންކަމާއި މިނިސްޓަރު ފައްޔާޒުގެ ޓީމުގެ ބޭފުޅުންގެ ބޮލުގައި އެޅުވުމަށް ދަނީ މަަަސައްކަތް ކުރަމުންނެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިކޮށް ބޭރުކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވާއިރު އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގައި އިސްކޮށް ހުންނެވި ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ގެންދަވަނީ އިމްތިޔާޒުގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ. އިންތިއާއެކު ހުރިހާ ރަށްރަށަށް އޭނާ ވަޑައިގަންނަވައެވެ. އަދި މެންބަރު އިމްތިޔާޒު ފަހުމީއަކީވެސް އެ ކޮމެޓީގެ މެންބަރެކެވެ.
މިނިސްޓަރު ފައްޔާޒު އަދި އެ ޓީމުންވެސް ވަނީ ވަކި ބޭފުޅަކު ޕާޓީން ބާކީކޮށް ވަކިކޮށްލުމުގެ އެޖެންޑާއެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެމްޑީޕީ "ހިންގާލާ" އިތުރަށް ވަރުގަދަ ކުރެއްވުމަށް ކަމަށެވެ.