ރައީސް މުހައްމަދު ނަޝީދު

އިގްތިސާދު ބިނާކުރަން ފުރިހަމަ ސިއްހަތެއް ބޭނުންވޭ: ނަޝީދު

އިގްތިސާދު ބިނާކުރަން ފުރިހަމަ ސިއްހަތެއް ބޭނުންވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޖޭގެ 463 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހިންނަށް ފޮނުއްވާފަ އެވެ. ގައުމީ ދުވަހާއި ކުރިމަތިލާއިރު ލިބޭ އެންމެ އުފާވެރި ހަބަރަކީ މެލޭރިޔާއަށް ވެކްސިނެއް ހޯދުނު ހަބަރު ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނުގުޑާފަދަ ގައުމިއްޔަތައްކާއި ފުރިހަމަ ސިއްހަތެއް، އިންސާފުވެރި ޑިމޮކްރަސީ އަދި ހަރުދަނާ އިގްތިސާދެއް ބިނާކުރުން ކޮންމެހެން ވެސް ބޭނުންތެރި ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ވަނީ އިއްޔެ ޔޫއޭއީ އަށް ވަޑައިގެންފަ އެވެ.

ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގައި ނެތުމުން ކަމަށް ނަޝީދު ވިދާޅުވެ އެވެ.