ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ނިންމާ ކަމާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެޓާނީ ޖެނެެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެންގެވީ މެއި މަހުގެ 11 ވަނަ ދުވަހު އޮތް ކެބިނެޓް ބައްދަލްވުމުގައެވެ. ރައީސްގެ އެ އެންގެވުން އައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާދިން މީހުންނަށް ހިތްވަރު ލިބުނީ އެމަނިކުފާނާމެދު ތަފާތު އެކި ގޮތްގޮތުން ބަޔަކު މީހުން ނަފުރަތު އުފެއްދުމަށް ކުރި މަސައްކަތްތަކާއި ގުޅިގެން ކަމަށް އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުން ގަބޫލު ކުރެއެވެ.
ރާއްޖެއަށް ޕާޓީ ސިސްޓަމް ތައާރަފުވެ މިދިޔަ އަހަރުތަކުގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ގުޅޭގޮތުން އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރާ އެ ބޭފުޅުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ވާދަވެރިން އެކި ވާހަކަތައް ފަތުރާފައިވެއެވެ. ބައެއް ފަހަރު އެ ފަދަ ވާހަކަތައް އާންމުންގެ ތެރެއަށް ގެނެސް އެ ވާހަކަތައް ފެތުރުމުގައި ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ އިސްވެރިން އަދާކުރާ ދައުރުވެސް ކުޑައެއް ނޫނެވެ.