ހަބަރު

ދީބާޖާ މައްސަލަ: 3 ދުވަސް ތެރޭ 58 މިލިއަން ދޭން އަންގައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ 348.10 މިލިއަން ރުފިޔާގެ ތެރެއިން 58 މިލިއަން ރުފިޔާ ތިން ދުވަސް ތެރޭގައި ދޭން ބަންޑާރަ ނައިބު އޮފީހަށް ފުރުސަތު ދީފި އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ބަދަލުގެ ފައިސާ ދީބާޖާއަށް ދޭން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރިތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެހެންކަމުން އެ ހުކުމަށް މިހާރު ވަނީ އަށް މަސް ދުވަސްވެފަ އެވެ. ނަމަވެސް އަދިވެސް ދައުލަތުން ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ބަދަލުގެ މައްސަލާގައި ދީބާޖާ އިން އިސްނަގައިގެން ރައީސް ސޯލިހަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމެންޓް ކޮމެޓީއާއެކު މަޝްވަރާކުރުމަށް ހުށަހަޅާފައިވާކަން ބަންޑާރަ ނައިބުގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މިހާތަނަށް ވެސް ލަފާއާ ގުޅޭ ގޮތުން ރައީސް ގޮތެއް ނިންމަވައި އެކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިނުވާ ކަމަށެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ސިވިލް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް ސަރުކާރަށް އަންގައިފަ އެވެ. ނަމަވެސް މިއަދުގެ ދައުލަތުގެ ވަކީލް ވަނީ އެކަމަށް ދަތިވާ ކަމަށް ވިދާޅުވެ އިތުރު މުއްދަތަށް އެދިފަ އެވެ. އެގޮތުން 30 ދުވަހުގެ މުއްދަތަކަށް އެދުނެވެ.

ނަމަވެސް ދީބާޖާގެ ޗެއާމަން އިބްރާހިމް ރަޝީދު ވިދާޅުވީ އެހާ ގިނަ މުއްދަތަށް ދެން އެއްބަސްވެވެން ނެތް ކަމަށެވެ. މިހާރު ވެސް ވަރަށް ގިނަ ވަގުތު ދެވިއްޖެ ކަމަށާއި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އެހެންވެ، އިބްރާހިމް ރަޝީދު ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ސިވިލް ކޯޓުން އެންމެ ފަހުގެ އަޑުއެހުމުގައި ދޭން އެންގި އަދަދުގެ ދެބައިކޮށްފަ އެއްބައި ދޭން އަމުރުކޮށްދިނުމަށް އެދިފަ އެވެ. އެއީ 58 މިލިއަން ރުފިޔާ އެވެ.

ނަމަވެސް އެއީ ދައުލަތަށް ފަސޭހަ މުއްދަތެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ އިބްރާހިމް ރަޝީދު ވަނީ ހަތް ދުވަހަށް މުއްދަތު އިތުރުކޮށްދޭން އެއްބަސްވެފަ އެވެ. ދެން ވެސް ދައުލަތުގެ ވަކީލް ބޭނުންވީ 30 ދުވަހަށް ދަންމާލާށެވެ. ނަމަވެސް ދީބާޖާ އެކަމަށް އެއްބަހެއް ނުވި އެވެ. ހަތް ދުވަހަށް އެއްބަސްވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަކަށް ވަޑައިގަންނަވާކަން ހާމަ ކުރެއްވި އެވެ. އެހެންވެ ދެން އަޑުއެހުމެއް އެންމެ އަވަހަށް ވެސް ތާވަލު ކުރެވެނީ އަންނަ މަހުގެ 10 ވަނަ ދުވަހަށް ކަމަށް ގާޒީ ވިދާޅުވި އެވެ. އިބްރާހިމް ރަޝީދު ވަނީ އެއީ މާ ދިގު މުއްދަތެއް ކަމަށް ވިދާޅުވެ ތިން ދުވަހަށް މުއްދަތު ބަދަލު ކުރައްވާފަ އެވެ.

އިބްރާހިމް ރަޝީދު ހުށަހެޅުއްވީ ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި 58 މިލިއަން ރުފިޔާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ. މިފަދަ ހާލަތްތަކުގައި މައްސަލަ ބައްލަވާ ގާޒީ ބަލަނީ ދެ ފަރާތުން އެއްބަސްވާ ގޮތަކަށެވެ. އެފަދަ އެއްބަސްވުމެއް ނެތްނަމަ، ގާޒީ ވަކި އަދަދެއް ދޭން އަންގަވަ އެވެ. މި ހާލަތުގައި ދައުލަތުން ތިން ދުވަހަށް އެއްބަސް ނުވިޔަސް ގާޒީ ނިންމެވީ 58 މިލިއަން ރުފިޔާ ދިނުމަށް ތިން ދުވަހުގެ މުއްދަތެއް ދައުލަތަށް ދިނުމަށެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވަނީ މިއަދުގެ އަޑުއެހުމުގައި ސެޓެލްމެންޓް ކޮމިޓީއިން ރައީސް ސޯލިހަށް ލަފާ ދީފައިވާ އަދަދަށް އެ ކުންފުނިން އެއްބަސްވާ ކަމަށް ވެސް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ވަނީ ބަދަލު 174 މިލިއަން ރުފިޔާއަށް ކުޑަ ކުރަން ލަފާ ދީފަ ކަމަށެވެ. މިހާރު 58 މިލިއަން ރުފިޔާ ދައުލަތުން ދެއްކުމަށްފަހު ރައީސް ލަފާއާ މެދު ގޮތެއް ނިންމެވުމުން 174 މިލިއަން ރުފިޔާގެ ތެރެއިން އެ 58 މިލިއަން އުނި ކުރުމަށް ވެސް މައްސަލައެއް ނެތް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.