ހަބަރު

ދީބާޖާއިން ސަރުކާރަށް ދިން ލުއި މޭޒުކޮޅު މަތީގައި!

Nov 13, 2019
4

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާމެދު، ސަރުކާރާއެކު މަޝްވަރާކޮށް އެ އަދަދަށް ލުއިތަކެއް ދޭން އެއްބަސްވި ނަމަވެސް، އެކަމާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދިވެސް ގޮތެއް ނިންމަވާފައިނުވާކަން ހާމަވެއްޖެ އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ބަދަލުގެ ފައިސާ ދީބާޖާއަށް ދޭން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރިތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެހެންކަމުން އެ ހުކުމަށް މިހާރު ވަނީ އަށް މަސް ދުވަސްވެފަ އެވެ. ނަމަވެސް އަދިވެސް ދައުލަތުން ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ބަދަލުގެ މައްސަލާގައި ދީބާޖާ އިން އިސްނަގައިގެން ރައީސް ސޯލިހަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމެންޓް ކޮމެޓީއާއެކު މަޝްވަރާކުރުމަށް ހުށަހަޅާފައިވާކަން ބަންޑާރަ ނައިބުގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ދީބާޖާގެ ޑިރެކްޓަރަކު އަވަސް އަށް މައުލޫމާތު ދެއްވި ގޮތުގައި، ސުޕްރީމް ކޯޓުން 348.10 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފައިވީ ނަމަވެސް، އެ އަދަދަށް ބޮޑެތި ލުއިތަކެއް އެ ކުންފުނީގެ ފަރާތުން ސެޓްލްމެންޓް ކޮމެޓީއާއެކު ބޭއްވުނު ބައްދަލުވުމެއްގައި ހުށަހެޅި ކަމަށެވެ. އަދި އެ ހުށަހެޅުމަށް ސެޓްލްމެންޓް ކޮމެޓީން އެއްބަސްވެ، އެ ގޮތަށް މައްސަލަ ނިންމަން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ.

"އެކަމަކު ސެޓެލްމަންޓް ކޮމިޓީން ސޮއިކޮށް ރައީސަށް ދިން ރެކޮމަންޑޭޝަން އަދިވެސް އޮތީ ރައީސްގެ މޭޒުކޮޅު މަތީގައި. އެއަށް އެއްވެސް ގޮތެއް ނުނިންމަވާ. އަޅުގަނޑުމެން ބޮޑު ލުޔެއް ދޭން ބުނީމަވެސް، މިކަން ހަމަ ދިގުލައިގެން މި ދަނީ،" ނަން ނުޖެހުމަށް އެދިވަޑައިގެން އޭނާ ވިދާޅުވި އެވެ.

ސެޓެލްމަންޓް ކޮމިޓީއާއެކު ބޮޑެތި ލުއިތަކަކާއެކު އެއްބަސްވި އެއްބަސްވުމަށް އަމަލުނުކޮށް އޮއްވާ، މިއަދު އެ މައްސަލާގައި ސިވިލް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް ސަރުކާރަށް އަންގައިފަ އެވެ.

ސިވިލް ކޯޓުގެ މި އެންގުމާ އެއްގޮތަށް ފެށޭ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން 116 މިލިއަން ރުފިޔާ ދީބާޖާއަށް ސަރުކާރުން ދައްކަން ޖެހޭނެ އެވެ. އެގޮތަށް ކޯޓުން އަންގާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަން ނުޖެހޭނެ ސަބަބެއް ނޫނީ އެކަމަށް އެހެން ހައްލެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ފަރާތުން ބަދަލުގެ އަދަދަށް ލުޔެއް ދޭން ނިންމީ، އެ ފައިސާއިން ގިނަ ދަރަނިތަކެއް ހަމަޖައްސަން ހުރުމުން ކަމަށާއި، އެ މައްސަލަ އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އަވަހަށް ފައިސާ ލިބި އަދި ސަރުކާރަށްވެސް ބޮޑު ލުޔެއް ލިބޭ ގޮތަށް ދެ ފަރާތުން އެއްބަސްވެ، ރައީސަށް ލަފާދޭން އެ ކޮމިޓީގައި ތިއްބެވި ތިން ބޭފުޅަކު ސޮއި ކުރެއްވީ. އެކަމަކު އޭގެ ފަހުން ވެސް ކިހާ ދުވަހެއް މި ދިޔައީ. ވަކި ގޮތެއް ނުނިނިމި ކޮމިޓީގެ ރެކަމެންޑޭޝަން އެގޮތަށް އޮއްވާ ކޯޓުން އެގޮތަށް އެ އެންގީ،" އޭނާ މައުލޫމާތު ދެއްވި އެވެ.