ހައިކޯޓް

ޔޫއޭއީ އެމްބަސީގެ ކުލީގެ މައްސަލަ ހައިކޯޓަށް

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދަން އެ އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޔޫއޭއީ އެމްބަސީއާ ދެކޮޅަށް ދައުވާކުރީ، ގ. ނިއުޝާ އާމިނަތު އަޙްމަދު ދީދީ ކިޔާ މީހެކެވެ.

އެއީ ޔޫއޭއީ އެމްބަސީ ހިންގަމުން އައި އިމާރާތުގެ ކުލީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ހޯދަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ.

މިމައްސަލަ ހައިކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.

މި މައްސަލާގައި ދައަވާކުރި ފަރާތުން ބުނެފައިވަނީ ޔޫއޭއީ އެމްބަސީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި 2020 އިން ފެށިގެން އޮކްޓޯބަރު 2022ގެ ނިޔަލަށް ހިންގިއިރު އެތަނުގެ ކުލި ދައްކާފައި ނުވާތީ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި އޭރު ކުއްޔަށް އެރި 92,000 އަށް ވުރެ ގިނަ ޑޮލަރު -- 1.4 މިލިއަން ރުފިޔާ ހޯދުމަށް އެ ދައުވާގައި ވަނީ އެދިފަ އެވެ.

މި މައްސަލަ ނިންމާ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެމްބަސީއަށް ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. ސަބަބެއް ކަމަށް ހުކުމްގައި ވަނީ އެމްބަސީތަކާއި ހައިކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަނަށް ވުމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ ނުކުރެވޭނެ ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.