ހައިކޯޓް

ޔޫއޭއީ އެމްބަސީގެ ކުލީގެ މައްސަލަ ހައިކޯޓުންވެސް ބޭރުކޮށްލައިފި

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދަން އެ އެމްބަސީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައިކޯޓުންވެސް ބޭރުކޮށްލައިފި އެވެ.

ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދަން އެ އެމްބަސީއާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން، އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްލީ މިއަދު އެވެ.

ޔޫއޭއީ އެމްބަސީއާ ދެކޮޅަށް ދައުވާކުރީ ގ. ނިއުޝާ އާމިނަތު އަހްމަދު ދީދީ ކިޔާ މީހެކެވެ. އެއީ ޔޫއޭއީ އެމްބަސީ ހިންގަމުން އައި އިމާރާތުގެ ކުލީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ހޯދަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ.

މި މައްސަލާގައި ދައަވާކުރި ފަރާތުން ބުނެފައިވަނީ ޔޫއޭއީ އެމްބަސީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި 2020 އިން ފެށިގެން އޮކްޓޯބަރު 2022ގެ ނިޔަލަށް ހިންގިއިރު އެތަނުގެ ކުލި ދައްކާފައި ނުވާތީ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި އޭރު ކުއްޔަށް އެރި 92,000 އަށް ވުރެ ގިނަ ޑޮލަރު -- 1.4 މިލިއަން ރުފިޔާ ހޯދުމަށް އެ ދައުވާގައި ވަނީ އެދިފަ އެވެ.

މި މައްސަލަ ނިންމާ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެމްބަސީއަށް ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. ސަބަބެއް ކަމަށް ހުކުމްގައި ވަނީ އެމްބަސީތަކާއި ހައިކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަނަށް ވުމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ ނުކުރެވޭނެ ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.