ގާނޫނާ ހިލާފަށް ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ހައިކޯޓުން ހުއްޓުވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ނޮވެމްބަރު 25، 2013 ގައެވެ.
އަލީ ވަހީދު ވަޒީފާ އިން ވަކިކުރީ ސިފައިންގެ ހިދުމަތުގައި 30 އަހަރު އުޅުމަށްފަހު ރިޓަޔާވުމަށް ހުށަހެޅުމުންނެވެ.
މިމައްސަލަ އަލީ ވަހީދުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުންވެސް މީގެކުރިން ނިންމީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ބަދަލު ދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރުގައި އޭނާއަށް އަލުން ވަޒީފާ ދީފައިވެ އެވެ. އެކަމަކު އޭނާއަށް ވަޒީފާ ދިނުމަށްފަހު ބަދަލު ނުދީ އޮތުމުން އަލީ ވަހީދު ވަނީ 2.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ނަމަވެސް ސިވިލް ކޯޓުން ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރީ އަލީ ވަހީދު އެދުނު އަދަދަށް ވުރެ ކުޑަ އަދަދެއް ދިނުމަށެވެ. އެ މައްސަލައިގައި އޭނާއަށް އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން 1.8 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނިކޮށް، ހައިކޯޓުން ވަނީ އެ ހުކުމް ތަންފީޒު ކުރުން މަޑު ކުރުމަށް މިއަދު އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމްގައި ވަނީ އަލީ ވަހީދަށް ސިފައިންގެ ވަޒީފާ އަލުން ދިން ދުވަހާ ހަމައަށް ދޭންޖެހޭ މުސާރަ އާއި އެލަވަންސްތަކާއެކު 1.8 މިލިއަން ރުފިޔާ ދައުލަތުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ކަމަށެވެ. އެ ފައިސާ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ދޭން އަމުރު ކުރީ މިއަދު، ގަޒީ ސިނާން އަލީ އެވެ. އެކަމަކު ހައިކޯޓުގެ ތިން ފަނޑިޔާރުގެ އަމުރަކުން އެ ހުކުމް ތަންފީޒު ކުރުން މިއަދު ވަނީ ހުއްޓުވާފަ އެވެ.