ކެބިނެޓް

ގައުމިއްޔަތު ދިރުވުމަށް ތިން އިދާރާއެއް އުފެއްދުމަށް ނިންމަވައިފި

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ތިން އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މުއިއްޒު ނިންމަވާފައިވަނީ ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ގައުމީ ތަރިކައިގެ ކޮލެޖާއި، ދިވެހި ގައުމީ ޗާޕުޚާނާގެ ގޮތުގައި ތިން އިދާރާ އުފެއްދުމަށެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ބަޔާންކޮށްފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ.

މި ތިން އިދާރާ ހިންގާނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން އިލްމީ ގާބިލު ބަޔަކު އުފެއްދުމާއި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި، ދިވެހި އަމިއްލަވަންތަކަމުގެ އިލްމީ ގާބިލްކަން މީހުންގެ ކިބައިގައި އަށަގެންނެވުމެވެ.

ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ އިލްމެއް އުފަންކޮށް އިއާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. މިގޮތުން ދިވެހި ގައުމިއްޔަތު އިއާދަކުރުމަށް ބޭނުންވާ އީލްމީ މައުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް އިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިއުކުރުމާއި ގައުމިއްޔަތުގެ އިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ގައުމިއްޔަތުގެ އިލްމަށް ހޭލުންތެރިކުރުވުންވެސް ހިމެނެ އެވެ.

ދިވެހި ގައުމީ ޗާޕުހާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.