ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

0%
0%
0%

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް -- ލިވަޕޫލް އާއި އެމްއެމްޕީއާރްސީއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރާވަޑައިގެންފި އެވެ.

ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމްއެމްޕީއާރްސީ އިން އެކަން ހާމަކުރީ މިދިޔަ މާޗް 13 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލްވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަމަސް ދުވަހަށް ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ކެމްޕޭނެއްގެ ފެށުމެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ލިވަޕޫޕް ޕާޓްނަޝިޕްގެ ދަށުން އެމްއެމްޕީއާރްސީ އިން ވަނީ މާޗް 27 ވަނަ ދުވަހު، އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕޭނެއްވެސް ފަށާފަ އެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް މި ހަރަކާތް ކުރިއަށްދާއިރު އިނގިރޭސިވިލާތުގެ މުހިއްމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެ އެވެ. މި ކެމްޕޭނަށް ހާއްސަށް ބްރޭންޑް ކުރެވިފައިވާ 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓްތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަމާޒަކީ ރާއްޖޭގައިވެސް ހައި ޕާފޯމަންސް ޓްރެއިނިން ނުވަތަ މަތީ ފަންތީގެ ތަމުރީންތައް ހިންގޭނެ މަގު ތަނަވަސް ކުރުމެވެ. މީގެ އިތުރުން ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކޮށް، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވާނެ އެވެ. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި ރާއްޖެއާއި ލިވަޕޫލްއާ ދެމެދު އޮތް ޕާޓްނަޝިޕް އިތުރަށް ހަރުދަނާކުރުމަށް، ޖޮއިންޓް މާކެޓިން އިނީޝިއޭޓިވްސް ނުވަތަ ދެފާރާތް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއުއާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިނގިރޭސިވިލާތަށް ރައީސް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް ފަހެއްވާ ހޮނިހިރު ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910