އެފްއެސްއެމް

ނައްތާލީ ގިނަ ދުވަސްތަކެއްވެ ހަލާކުވެފައި ހުރި ލިޔުންތަކެއް: އެފްއެސްއެމް

ނައްތާލި ލިޔުންތަކަކީ ގިނަ ދުވަސްތަކެއްވެ ހަލާކުވެފައި ހުރި ލިޔުންތަކެއް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބުނެފި އެވެ.

އެފްއެސްއެމް އިން މިހެން ބުނެފައި މިވަނީ އެކުންފުނީގެ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި އެ ކުންފުނީގެ މުވައްޒަފަކު އިއްޔެގެ ވަގުތެއްގައި ސަސްޕެންޑް ކުރުމުން ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެެވެ.

އެފްއެސްއެމް އިން މިއަދު މީޑިއާ އާއި ހިއްސާކުރި ކުރު މެސެޖެއްގައި ބުނީ ވީޑިއޯގައި ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކޮށްފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މުހިއްމު ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކުރެ އެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރީ އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހްމަދު އަނީސް އެވެ.

އަނީސް އާންމުކުރި ވީޑިއޯގައި ފެންނަނީ ތިލަފުށީގައި އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރަނިކޮށެވެ.

އަނީސް ބުނީ އެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރީ އެއީ ކުންފުނީގެ ލިޔެކިޔުން ނައްތާލަންޖެހޭ ގޮތް ކަމަށް ނުވާތީއާއި ލިޔުންތައް އެގޮތަށް ނައްތާލާނީ ގޯސްކޮށް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އެފްއެސްއެމްގައި މަސައްކަތް ކުރާތާ އަށް އަހަރުވީ އަނީސް ސަސްޕެންޑް ކުރީ އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓަށް ހާޒިރުކުރުމަށްފަހު އެވެ. ތިލަފުށީގައި މަސައްކަތް ކުރާ އަނީސް ސަސްޕެންޑް ކުރި ނަަމަވެސް ބަލަމުންދާ މައްސަލަ ސިޓީގައި ސާފުކޮށް ބުނެފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.