އައިހެވަން

އިހަވަންދިއްޕޮޅު ތަަރައްގީކުރުން ސަރުކާރު ކުންފުންޏަކަށް

މެރިޓައިމް ހިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އިހަވަންދިއްޕޮޅުން މި މަޝްރޫއުށް ކަނޑައަޅާ ސަރަހައްދު ތަރައްގީކުރުމުގެ ހައްގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ވަނީ ދެއްވާފަ އެވެ.

މި މަޝްރޫއު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް މިއަދު ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތާއި ޓްރާންސްޝިޕްމަންޓް ބަނދަރުގެ ހިދުމަތް ދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓްރޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކުންފުންޏާއެކު ސޮއިކޮށްފައިވެ އެވެ. މިމަސައްކަތާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ކުރީ ސަރުކާރުން ނިންމި ބަނދަރު މަޝްރޫއުގެ މަސައްކަތާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ ގަތަރު ކުންފުންޏާއެކު ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން ނޫން ކަމަށާއި އެއްބަސްވުމުގައި ގަތަރުގެ އާބަކޮންއާއެކު ސޮއިކޮށްފައިވަނީ އެސްޓީއޯ އިން ކަމަށެވެ. އެސްޓީއޯއިން މައުލޫމާތު ސާފުކުރެއްވިއިރު އެއްބަސްވުން "އެކްޓިވް" ކަމަށްވެސް ވިދާޅުވި އެވެ.