ވާހަކަ

ކަރުނައިގެ އަގު

81.3%
6.3%
12.5%

( 24 މާރިޗު 2025 އާ ގުޅޭ )

ކޮޓަރިއާ ދިމާއަށް ރަހާ ހިނގައިގަތުމުން ޒަރަކް އަމިއްލަ ފުއްކިއްބައިގައި ޖަހާލަމުން ދެފަރާތަށް ބޯހޫރާލި އެވެ. އޭނާއަށް ދެންމެ އެވީ ގޮތުން ރަހާ ހިތަށް އަރާފާނެ އެއްޗަކާމެދު ޒަރަކް ކަންބޮޑުވި އެވެ. އެކަމަކު އޭނާއަށް ހުއްޓުން އެރީ ގަސްދަކާނުލަ އެވެ. ރަހާގެ އިނގިލިން އެ އަނގޮއްޓި ފެނުމުން ޒަރަކްއަށް އޭނާގެ ޟަމީރު ކަމެއް ހަނދާންކޮށްދިނީ އެވެ.

ސޯފާގެ ދިގަށް އޮށޯވެލައިގެން ޒަރަކް އޮތީ ބޯދަށަށް އެއް އަތް ލައްވާލައިގެން އަނެއް އަތް މޭމަތީ ބާއްވާލައިގެންނެވެ. ހުޅުވާފައި ހުރި ޓީވީއިން ދައްކަމުން ދިޔައީ ޖަނަވާރުންނާ ބެހޭ ޑޮކިއުމެންޓްރީ އެކެވެ. ސިޓިންރޫމަށް ވެރިވެފައި އޮތީ މަޑު އޮރެންޖު އައްޔެވެ. ޓީވީގެ އަޑު ހުރީ ކިރިޔާ އަޑު އިވޭނޭ ވަރަށް މަޑުކޮށްފަ އެވެ. ރަހާ ނިދަން ވަނީއްސުރެ ޒަރަކް އެ އޮންނަނީ އެތަނުގަ އެވެ. އޭނާގެ ލޮލާ ނިދި ވަކިވެފައިވާ ކަހަލަ އެވެ. ލޯ މަރާލާއިރަށް އޭނާއަށް ސިފަވަނީ ރަހާ އެވެ. އެކަމާ އަޖައިބުވާވަރުވެ އެވެ. އޭނާއަށް އެހާ ޚާއްޞަ ގޮތަކަށް ރަހާއާ މެދު ދެކެވެންވީ ސަބަބެއް ޒަރަކްއަށް ނުވިސްނެ އެވެ. އަނެއްކޮޅުން އޭނާގެ އަމިއްލަ ޟަމީރު ވިސްނައިދޭން މަސައްކަތް ކުރަމުން އައީ ރަހާއަކީ މީހެއްގެ ހައްޤެއް ކަމެވެ. ކައިވެންޏެއް ކޮށްގެން ހުރި މީހެއްގެ އަނތްބެކެވެ.

ފުންނޭވާއެއް ދޫކޮށްލާފައި ދެ އަތުން މޫނުގައި ޒަރަކް އަތް ހާކާލި އެވެ. ދެން އޭނާ ތެދުވެ ސޯފާގައި އިށީނެވެ. ދެ ކަކުލުގައި އަތް އަޅުވާލައިގެން ކުރިޔަށް ގުދުވެލައިގެން އިރުކޮޅަކު ވިސްނަން އޭނާއަށް އިނދެވުނެވެ. އެގޮތަށް އިނދެފައި އޭނާ ބަލާލީ އަތުކުރީ އޮތް ގަޑި އެވެ. މެންދަން ފާއިތުވެ ގަޑިތަކުން ތިނެއް ޖެހުމާ ކައިރިވެއްޖެ އެވެ. ޑިއުޓީގައި ނޫންގޮތަކަށް އެހާއިރު ވަންދެން ޒަރަކް ނުނިދާ ހުރި ރެޔެއް އަދި ނާދެ އެވެ. އޭނާ ސޯފާއިން ތެދުވެ ހިނގައިގަތެވެ. ހިތުގައި އުފެދުނު ޝައުގެއްގެ ސަބަބުންނެވެ. ޒަރަކް އައިސް މަޑުމަޑުން އޭނާގެ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އޭނާގެ ފިޔަވަޅު ވަގުތުން މަޑުޖެހުނެވެ. ކޮޓަރީގެ އެއްފަރާތެއްގައި ހުރި ރަހާ ފެނިގެންނެވެ. އޭނާގެ ހަރަކާތްތަކުން ޒަރަކްއަށް ރަހާ ނަމާދު ކުރަނީކަން އެނގުނެވެ.

"މި ގަޑީގައި ރަހާ ނަމާދުކުރަނީ ކީއްކުރަން؟." ޒަރަކްގެ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. އޭނާގެ ނަޒަރުގައި ރަހާއަށް އަރާމުކުރުން މާ މުހިންމެވެ. ރަހާ އިނީ އިޝާ ނަމާދު ވެސް ކޮށްގެންކަން ޒަރަކްއަށް އެނގެ އެވެ. ވީއިރު ދެން ރަހާ ކުރާން އޮންނާނީ ފަތިސް ނަމާދު ކަމުގައި ޒަރަކްއަށް ވިސްނުނެވެ. އެކަމަކު ފަތިސް ނަމާދަށް ގޮވަން އަދި ވަރަށް ގިނަ ވަގުތު އެބައޮތެވެ. ޒަރަކް ސުވާލު އުފެދުނީ އެހެންވެ އެވެ. އޭނާ އައިސް އެނދުގެ އަރިމަތީ އިށީންނަން އުޅުނެވެ. އޭނާއަށް ރަހާ ނޭފަތް ދަމާއަޑު ފާހަގަކުރެވުނީ ދެނެވެ. ފަރުވާތެރިކަމާއެކު ރަހާއަށް ޒަރަކް ބަލާލި އެވެ. ނަމާދުގައި ހުރެ ރަހާ ރޮނީކަން އެނގުނު ހިނދު ޒަރަކްގެ ހަށިގަނޑަށް ބަޔާންކުރާން ނޭނގޭ ފަދަ ފިންޏެއް ވެރިވެގެން ދިޔަ އެވެ. ކޮޓަރީގައި މަޑުކުރާކަށް ޒަރަކައަކަށް ނުކެރުނެވެ. އޭނާ ހަލުވިފިޔަވަޅުގައި ކޮޓަރިން ނުކުމެ ދޮރު ލައްޕާލީ އެވެ. އޭރު އޭނާގެ މޭ ތެރޭ ހިތް ބާރަށް ތެޅެމުންދިޔަ އެވެ.

"އަހަރެންނަށް ކީއްކުރެވެން މިއުޅުނީ." ދޮރުމަތީ މަޑުކޮށްލައިގެން ހުރި ޒަރަކްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

ރަހާއަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ހިލޭ އަންހެނެއްކަން އެނގި ހުރެ ގޭގައި މަޑުކުރުވީ ޒަރަކް އަމިއްލަ އަށެވެ. އެފަދައިން އޭނާ ކަންތައްކުރީ ހެޔޮ ނިޔަތުގަ އެވެ. ރަހާގެ ހާލާމެދު ހަޤީޤަތުގައި ވެސް ކަންބޮޑުވެ ހުރެ އެވެ. ނަމަވެސް އޭނާ އެ ދަންވަރު ރަހާ ނިދާފައިކަން އޮންނާނީ ޔަޤީންކޮށް އެ ކޮޓަރިއަށް ވަންނަން ދިޔައީ ރަނގަޅު ނިޔަތެއްގައެއްނޫނެވެ. އޭނާ އެ ކޮޓަރިއަށް ވެއްދީ ޝައިތާނާ އެވެ. ވަސްވާހުގައި ހިތް ޖެހުނީ އިޙްސާސްތަކުގެ މައްޗަށް ޖަޒުބާތުތައް ނުހިފެއްޓުނީތީ އެވެ. އޭނާ ދިޔައީ ރަހާގެ ގާތުގައި އިނދެ ހިތްހަމަޖެހޭންދެން އެ މޫނަށް ބަލާލުމުގެ ޝައުގުގަ އެވެ.

"ނަސީބެއް ރަހާ ނަމާދަށް ހުރިކަން. އެހެންނޫންނަމަ... ނޫން. ވާނޭ ގޮތަކާމެދު ވިސްނާކަށް ވެސް ބޭނުމެއްނޫން. ރަހާއާ ދިމާއަށް ބަލާލުމުގެ ހައްޤެއް ވެސް އަހަރެންނަށް ހަޤީޤަތުގައި ނެތް. އެކަމަކު ކީއްވެތަ؟. ކީއްވެތަ އަހަރެންނަށް އެ އަންހެންކުއްޖާ މިހާ ކަމުދާންވީ؟. އޭނާގެ މަޑުމައިތިރިކަން، އޭނާގެ ހިމޭންކަން... އެ އެކަނިވެރިކަން، އޭނާގެ ތަޤްވާވެރިކަން ވެސް މިރޭ ފެނިއްޖެ... އިތުރަށް އަހަރެންގެ ހިތް ފަތަޙަކުރުމުގައި ރަހާ ކުރި ހޯދައިފި. ކިހިނެއް؟... ހައި ޑިޑް އައި އެންޑް އަޕް ފޯލިންގް..." ނިތްކުރިއާއެކު ބޮލުގައި ޒަރަކް ދެ އަތް ހަކާލި އެވެ.

ރަހާ ދެ އަތް އުފުލައިގެން އިނދެ ދުޢާ ކުރި އެވެ. ފިރިމީހާ ދުރުގައި ހުރީތީ އޭނާގެ ހިތައް ނުބައި ވަސްވާސްތައް ވަނިޔަ ނުދެއްވުމަށް އެދި ﷲއަށް ދެންނެވި އެވެ. އޭނާ ކުރި އިސްތިޚާރާ ނަމާދުގެ ޖަވާބު ކޮންމެވެސް ސިފައެއްގައި އޭނާއަށް ދެއްވުމަށް އެދި ރަހާ އަނެއްކާ ވެސް ދެންނެވި އެވެ. އޭނާގެ ހިތާމަތަކަށް ލުޔެއްގެނެސްދީ ބައްޔަށް ޝިފާދެއްވުން އެދި ރޮމުން ގިސްލަމުން ރަހާ އެދެމުންދިޔަ އެވެ. މިއަދު އޭނާއަށް ވަކިން ބޮޑަށް ﷲގެ މަތިން ހަނދާންވެ އެވެ. ގޮތްހުސްވެ ނިކަމެތިވެފައިވާތީ އެވެ. އެކަލާނގެއަށް ނޫނީ އޭނާ ވެއްޓިފައިވާ އަނދިރިކަމުގެ ތެރެއިން ސަލާމަތް ނުކޮށްދެވޭނެކަން ރަހާއަށް އެނގޭތީ އެވެ. މި ނޫނީ އޭނާގެ ޢަމަލުތައް ސީދާކުރުމަށް މިހާ ބޮޑު ހިތްވަރެއް ލެވިފައެއް ވެސް ނެތެވެ. އިންސާނާ އޭނާގެ ވެރި ރަސްކަލާނގެއާ ގާތްކޮށްދޭ ކޮންމެ މުސީބާތަކީ އޭނާގެ މައްޗަށްވާ ރަޚުމަތެއްކަން ގައިމެވެ.

އަނެއް ދުވަހު ހެނދުނުގެ ނާސްތާ ކުރުމަށް ކާމޭޒުދޮށުގައި ޒަރަކްއާއި ރަހާ އެކުގައި ތިއްބެވެ. ދެ މީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކަ އެވެ. ޒަރަކްގެ މޫނުމަތިން ފެންނަ ވަރުބަލިކަން ރަހާއަށް ފާހަގަވި އެވެ. އޭނާ ހިތަށް އެރީ އެ ގޭގައި މަޑުކުރީތީ އޭނާއާ ހެދި ޒަރަކްއަށް އަރާމުކޮށްނުލެވުނީ އެވެ.

"އަހަރެން... ގެއަށް ދަންތަ؟. ހޮސްޕިޓަލަށް ދިއުމުގެ ކުރީން ހެދުން ބަދަލުކޮށްލަން ބޭނުން. ގޭގައި ހުންނާނީ ހުރިހާ ބޭހެއް ވެސް." ރަހާ ބުންޏެވެ.

"ހޫމް... އޯކޭ... އަހަރެން ގެންގޮސްދީފާނަން. ރަހާ ރެޑީވެފައި ބުނީމަ އަހަރެން ދާނަން ބަލާ ވެސް. މިއަދު ޓެސްޓްތައް ހަދަން ކުލިނިކަށް ތަންކޮޅެއް ކުރީން ދާންޖެހޭނެއެއްނު." ޒަރަކް ވާހަކަދެއްކީ ރަހާއާ ހަތަރުކަޅި ހަމަކޮށްލަން ނުކެރި އިނދެ އެވެ.

ރަހާ ވަކި އެއްޗެއް ނުބުންޏެވެ. ސައިބޮއެ ނިންމާފައި ރަހާ ނުކުމެ ސިޓިންރޫމުގައި މަޑުކޮށްލި އެވެ. ޒަރަކް އޭނާގެ ގާތަށް އައީ ގަޑިއެއްހާއިރު ފަހުންނެވެ. އައިސްފައިވާ ވެސް ބުނީ އޭނާ ތައްޔާރުވެލައިގެން ނުކުންނަންދެން މަޑުކޮށްލުމަށެވެ. އެކަމާ ރަހާ ޝަކުވާއެއް ނުކުރެ އެވެ. އޭނާ ޒަރަކް އަންނަންދެން އިންތިޒާރުގައި އިނީ ކެތްތެރިކަމާއެކު އެވެ. އިތުރު ގަޑިއެއްގެ އިރު ފާއިތުވީ ފަހުން ޒަރަކް ސިޓިންރޫމަށް ނުކުތެވެ. މީހާ ހުރީ ފެންވަރާ ތާޒާވެލައިގެންކަން ތަނުގައި ހިފާލި ސެންޓުގެ ވަހުން ވެސް އެނގޭހާވެ އެވެ. ފެހިކުލައިގެ އަތްކުރު ޓީޝާޓަކާއެކު ކަޅު ޖިންސުގައި ޒަރަކް ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.

"ރަހާމެންގޭ ތަޅުދަނޑި ހިފައިގެން އަހަރެން އައީ." އަތުގައި އޮތް ތަޅުދަނޑިފަތި ދިއްކޮށްލަމުން ޒަރަކް ބުންޏެވެ.

"ދާންވީ ދޯ." ރަހާ ސޯފާއިން ތެދުވެ ޒަރަކް ދިއްކޮށްލި ތަޅުދަނޑިފަތީގައި ހިފަމުން ބުނެލި އެވެ. އެއާއެކު ޒަރަކް އާނއެކޭ ބުނުމަށް ބޯޖަހާލީ އެވެ.

ކާރުގައި ރަހާ ގޮވައިގެން ޒަރަކް ދަތުރުފެށި އެވެ. ދެ ޒުވާނުންގެ ދެމެދަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަނޑުވާލީ ރަހާ އެވެ. ޒަރަކްގެ މޫނުމަތިން ތާޒާކަން ފާޅުވިޔަސް އޭނާގެ ދެ ލޮލުން ވަރުބަލިކަން އަދިވެސް ފެންނަމުން ދާތީ އެވެ.

"އަހަރެންނާ ހެދި އަމިއްލަ ގޭގައި ރަނގަޅަށް ނިދާ ވެސް ނުލެވުނު ދޯ. ސޮރީ ޒަރަކްއަށް އެހާ އުނދަގޫ ކުރެވޭތީ." ރަހާ ބުންޏެވެ.

"އެހެނެއްނޫން." ޒަރަކް ގަސްދުގައި ކުރު ޖަވާބެއް ދިނެވެ. ރަހާއަށް އޭނާގެ ހަޤީޤީ ހާލު ބަޔާންކޮށްދޭން ބޭނުންނުވާތީ އެވެ.

"ޑަކްޓަރ... ސޮރީ. ޒަރަކް. އަހަރެން ބޭނުން ޒަރަކްގެ ތި އެހީތެރިކަމަށް ޝުކުރު އަދާކުރަން. ކިހިނެއްވާނީ މެންދުރުގެ ކެއުމެއް އަހަރެންގެ ފަރާތުން ދިނިއްޔާ. ޒަރަކްގެ ފޭވަރިޓް ރެސްޓޯރެންޓަކީ ކޮބާ؟." ޒަރަކްގެ ހެޔޮކަމުގެ ބަދަލުގައި ކޮންމެވެސް ކަމެއްކޮށްދޭން ގަސްދުކޮށް ރަހާ ޚިޔާލު ފާޅުކުރި އެވެ.

"އެހެންފަހަރަކުން ދަމާ. މިވަގުތު އަހަރެންނަށް ކަމެއްކޮށްދެންޏާ ރަހާ ގެއަށް ގޮސް އަރާމުކުރޭ. ރަހާއަށް އެނގެއެއްނު ހަށިގަނޑަށް އަރާމަކީ ކިހާ މުހިންމު އެއްޗެއްކަން. ޚާއްޞަކޮށް މިހާރު ވަކިން ބަލަން ޖެހޭނެ." ޒަރަކް ބުންޏެވެ.

ރަހާ ގެއަށް ލައިދީފައި ޒަރަކް ދިޔައީ އެވެ. އެ ގެއަކަށް ނުވަދެ އެވެ. ރަހާ ވެސް ޒަރަކްއަށް ގެއަށް ވަންނާކަށް ދަޢުވަތެއް ނުދެ އެވެ. އަނެއްކޮޅުން ކުލިނިކަށް ދާންޖެހޭ ގަޑި ކައިރިވުމުން ވެސް ޒަރަކްއަށް ރަހާ ނުގުޅަ އެވެ. އޭނާއަށް އުނދަގޫކުރާން ރަހާ ބޭނުންނުވަނީ އެވެ. އެހެންވެ ރަހާ ކުލިނިކަށް ދިޔައީ ޓެކްސީއެއްގަ އެވެ. ޒަރަކްއަށް ރަހާ ފެނުނީ ކުލިނިކަށް ގޮސް ހުއްޓަ އެވެ. އެކަމާ ޒަރަކް ވެސް ރަހާއާ ސުވާލެއް ނުކުރެ އެވެ. ކުލިނިކުގެ ތެރޭން އޭގެ ދެ މީހުން ފެނިގެންދިޔައީ ޑަކްޓަރަކާއި ބަލިމީހެއްގެ ގޮތުގަ އެވެ. އެ ދެމެދުގައި އެކުވެރިކަން އޮތޭ އޭގެ ދެ މީހުން ފެންނަ މީހަކު ނުބުނާނެ އެވެ.

ތިން ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު ރަހާއަށް ކުލިނިކުން ޒަރަކް ފެންނަލެއް މަދުވި އެވެ. އޭނާ ކީމޯ ނަގަން ދާ ދުވަސްދުވަހު ވެސް ޒަރަކް އޭނާގެ ހާލު ބަލާލަން ނާންނަކަން ރަހާއަށް ފާހަގަވި އެވެ. ޒަރަކްގެ ނަންބަރަށް ރަހާ ގުޅާލީ އޭނާއަށް އަނެއްކާވެސް ކެއުމަށް ދަޢުވަތުދޭން ގަސްދުކޮށެވެ. ދެ ދުވަހަކު ގުޅާލުމުން ވެސް ޒަރަކް ފޯނެއް ނުނެގި އެވެ. ރަހާ "ހާއި." ޖަހާލާފައި މެސެޖުކޮށްލީމާ ވެސް ޒަރަކްގެ ފަރާތުން ޖަވާބެއް ނައެވެ.

"ޒަރަކް މާބޮޑަށް ބިޒީވީތަ؟. ނޫނީ އަހަރެން ގުޅީމަ ފޯނު ނަގަން ބޭނުންނުވަނީތަ؟. މާބޮޑަށް އުނދަގޫ ކުރެވެނީ ކަންނޭނގެ." އަތަށް ފޯނު ލައިގެން އެއަށް ބަލަން އިނދެ ރަހާއަށް ބުނެވުނެވެ. ސިޓިންރޫމު ސޯފާގައި ރަހާ އެގޮތަށް ފޯނު ހިފައިގެން ވިސްނަން އިނެވެ.

* * * * *

"ޔެސް ޒަރަކް." ކަންފަތުގައި ޖަހާފައިވާ އެއަރޕޮޑްއިން ޒަރަކްގެ ކޯލަށް ޖަވާބުދިން އަޑު އިވުނެވެ. އޭނާ ހުރީ ކުލިނިކުގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏާ ދިމާގައި މަޑުކޮށްލައިގެންނެވެ. މީހުންނާ ތަންކޮޅެއް އެކަހެރިވެ ހުރެ އެ ކޯލު ކުރުމުގެ ގަސްދުގަ އެވެ.

"މިގަޑީގައި ބިޒީތަ ދޮންބެ. ކަމަކު ކިޔަންވެގެން." ޒަރަކް އަހާލި އެވެ.

"ރަނގަޅަށްތަ މި އަޑުއިވުނީ؟. ޒަރަކް އަހަރެން ކައިރީ ކަމަކުކީ ދުވަހެއް ހަނދާނެއް ވެސް ނެތް. އަވަހަށް ބުނޭ... ކީއްކޮށްދޭންވީ؟." ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި މީހާގެ އަޑުގައިވީ ސަމާސާ ގޮތެވެ.

"އަހަރެންނަށް މީހަކާ ބެހޭ ގޮތުން ބަލާލަދޭންވީ. އެއީ ކޮންކަހަލަ މީހެއްތޯ. ވާނެތަ؟. މިކޮޅުގައި އުޅޭ ހުރިހާ ވިޔަފާރިވެރީންނެއް ކަހަލަ ގޮތަކަށް ދޮންބެއަށް އެނގޭނެތީ." ވަގުތު ބޭކާރުނުކޮށް ޒަރަކް ބޭނުންވާ މަޤްޞަދު ހާމަކުރި އެވެ.

"ކާކު؟." ވަގުތުން އަނެއްކޮޅުން ޒަރަކްއާ ސުވާލުކޮށްފި އެވެ.

"ވާކިފް... ވާކިފް ހުސެން މިއާދު." ޒަރަކް ނަން ބުނެލި އެވެ.

"ވާކިފްއޭ... އެމްބަރލައިންގެ ބޮޑުމީހާތަ؟. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީން އަހަރެމެން ބައްދަލުވީން. އޭނާއާއެކު ވޯކްކުރާން އަހަރެން ނިންމާފައި އޮތީ ވެސް. އުމުރުން ތިރީހުގެ އަހަރުތައް ގުނަމުން އެދަނީ. ޒުވާން ކާމިޔާބު ވިޔަފާރިވެރިއެއް. ގިނަބައެއްގެ ލޮލުގައި އަޅައިގެންނަ ގޮތެއް އޭނާގެ އެބަހުރި. ބަލާލަން ވެސް ރީތި މީހެއް." ސަމާސާ ރާގެއްގައި ޒަރަކްއަށް އޮޅުންފިލުވާލަ ދިނެވެ.

"އާން. އޭނަ. އެމްބަރލައިންގެ ސީއީއޯ. އޭނާގެ އަންހެނުން ކުލިނިކަށް ދައްކަން އަންނަތާ ދުވަސްކޮޅެއްވެއްޖެ. އެކަމަކު ދުވަހަކުވެސް އޭނާއެއް ނާދޭ." ޒަރަކް ބުންޏެވެ.

"ހެ ހެ ހެ... ވާކިފްގެ އަނތްބަކު އަދިވެސް އެބަހުރިތަ؟." ސަމާސާގެ ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ.

ޒަރަކް ގުޅައިގެން ހުރީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، ޒިދާންއަށެވެ. ވިޔަފާރީގެ ދުނިޔޭގައި އުހުގައި ވިދަމުން އަންނަ ވިޔަފާރިވެރިއަކަށް ޒިދާންވާނެ އެވެ. އޭނާއަށް ރާއްޖޭގެ ޒުވާން ވިޔަފާރިވެރީންގެ ތެރެއިން ނޭނގޭ މީހަކު ހުންނާނެހެން ހިޔެއްނުވެ އެވެ. ޒިދާންގެ މިޒާދުގައި ވެސް މީހުންނާ ގުޅޭ ފަދަ ސިފަތަކެއް ލިބިފައިވެ އެވެ. އޭނާއަށް އެހާ ފަސޭހައިން ޒަރަކްއަށް ޖަވާބުދޭން އެނގުނީ ވާކިފްއަކި ޚުދު އޭނާއަށް ވެސް ފާހަގަކޮށްލެވިފައިވާ ޒުވާނެއްވީމަ އެވެ.

"ކީއްވެ ދޮންބެ ތިހެން ތިބުނީ. ވާކިފްގެ އަނތްބަކު ނުހުރޭތަ؟." ޒަރަކްއަށް އަހާލެވުނީ ހައިރާންވެފައި ހުރެ އެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910