ވާހަކަ

ކަރުނައިގެ އަގު

0%
0%
0%

( 21 މާރިޗު 2025 އާ ގުޅޭ )

"އަހަރެންނަކަށް ނުވިސްނުނު... ކިހިނެއް؟. ކީއްވެ؟. އަހަރެންގެ އިޙްސާސްތަކާއި ޖަޒުބާތުތައް ހިފަހައްޓަން ދަތިވެއްޖެ. މީ ހަމައެކަނި ހަމްދަރުދީއެއްނޫން... އަހަރެންނަށް ލޯބިވެވުނީތަ؟. މި އަންހެންކުއްޖާދެކެތަ؟. އެކަމަކު އެއީ މީހެއްގެ ހައްޤެއްނޫންތަ؟." ރަހާ ގޮވައިގެން އައިސް ކާރަށް އަރަންދެން ޒަރަކްގެ ޚިޔާލުތަކުގައިވި އެވެ. އޭނާގެ ހިތާއި ސިކުނޑި ކުރާ ޒުވާބުގައި އަމިއްލަ ޟަމީރު ވެސް ބައިވެރިވަމުން ދިޔަ އެވެ. ކާރު ދުއްވަމުންދިޔައިރު އިރުއިރުކޮޅުން ފަހަތު ސީޓުގައި ބާއްވާފައި އޮތް ރަހާއަށް ޒަރަކްއަށް ބަލާލެވެ އެވެ.

"އަހަރެން މިއުޅެނީ ކީއްކުރަން؟." ޒަރަކްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

އޭނާއަށް މިކުރެވެނީ ރަނގަޅުކަމެއްކަން ނިންމާކަށް ނޭނގެ އެވެ. އެހެންވިޔަސް މިވަގުތު ރަހާއަށް އޭނާގެ އެހީތެރިކަން ބޭނުންވާކަން ގައިމެވެ. އެ އަންހެންކުއްޖާއާ ހަމައަށް އޭނާއަށް އާދެވުނީ އެ މަޤްޞަދުގަ އެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއިން ރަހާއާ ހަމައަށް އޭނާއަށް އާދެވުނުކަން ނަސީބެކޭ ޒަރަކްގެ ހިތް ބުނެ އެވެ. އޭނާއަށް އެ ގޭތެރެއިން ރަހާއަށް އަޅާލައި އެހީތެރިވާނޭ ހަމައެކަކު ވެސް ނުފެނެ އެވެ. ކެންސަރު ފަދަ ބޮޑު ބައްޔަކާއި ހަނގުރާމަ ކުރަމުން ރަހާ އެދަނީ އެކަނިމާ އެކަނިކަން މިހާރު ޒަރަކްއަށް ޔަޤީންވެ އެވެ. އެކަމަކު އެއީ އެކަނިމާއެކަނި ކުރިމަތިލެވޭވަރުގެ ބައްޔެއްނޫންކަން ވެސް ޒަރަކް ދެނަހުއްޓެވެ.

* * * * *

އެސްފިޔަތައް ދުރުކޮށްލަމުން މަޑުމަޑުން ރަހާގެ ދެ ލޯ ހުޅުވާލި އެވެ. އޮވެވުނީ އަމިއްލަ ކޮޓަރީގައި ނޫންކަން ރަހާއަށް އެނގުނު ހިނދު އެނދުން ތެދުވި އެވެ. ހުދުކުލައާއި ނިކަން މަޑު ނޫކުލައެއް ފާރުތަކުގައި ލާފައިވާ އެ ކޮޓަރީގެ ތެރެއަށް ރަހާ ނަޒަރު ހިންގާލި އެވެ. އެއީ ތަނަވަސް ބޮޑު ކޮޓަރި އެކެވެ. ރަހާގެ ލޮލުގައި އަޅައިގަތީ އެކި ކަހަލަ ފޮތްތަކުން ފުރިފައި ހުރި ބިއްލޫރި ދޮރުފަތްލީ ފޮތް ކަބަޑެވެ. އަދި އެއާ ޖެހިގެން ހުރި ޝޯކޭސްގައި ވަނީ އެކި ކަހަލަގެ ކުދި ކާރެވެ.

"ޒަރަކް... މީ ޑަކްޓަރ ޒަރަކްގެ ކޮޓަރިތަ؟." އަމިއްލަ ހިތާ ރަހާއަށް ސުވާލުކޮށްލެވުނެވެ. އެހިނދު ކޮޓަރީގެ ބޭރުން ރަހާއަށް މީހެއްގެ ހިލަމެއްވެއްޖެ އެވެ. އޭނާގެ ނަޒަރު ދޮރާ ދިމާއަށް ދަތުރުކޮށްލި އެވެ.

"ޖިންޖަރ... ސްޓޮޕް އިޓް. ކޮޓަރިއަކަށް ނުވަންނާނެ." ހުޅުވުނު ދޮރުން އެތެރެއަށް ވަންނަމުން ޒަރަކް ވާހަކަދެއްކީ ތިރިއަށް ބަލަހައްޓައިގެން ހުރެ އެވެ. ޒަރަކް އުޅޭ ގޮތް ބަލަން އެނދުގައި ރަހާ އިނެވެ. އޭނާއަށް ދޮރު ދޭތެރެއިން ބޯ ދިއްކޮށްލި ކެހެރި ބޯ ބުޅާ ފެނުނީ ދެނެވެ. ޒަރަކް އެ ބުޅާ ކޮޓަރިއަށް ވަނަ ނުދޭން މަސައްކަތް ކުރަމުންދިޔަ އެވެ. އެ މަންޒަރު ބަލަން އިން ރަހާއަށް ހެވިއްޖެ އެވެ. އެއާއެކު ޒަރަކްގެ ސަމާލުކަން ރަހާއަށް ހުއްޓިއްޖެ އެވެ.

"ހޭލެވުނީތަ؟." ޒަރަކް ނިކަން އަވަހަށް އަހާލި އެވެ. ރަހާއަށް އޭރު ފެންނަމުން ދިޔައީ ކުލިނިކުން ރަސްމީ ހެދުމުގައި ފެންނަ ޒަރަކްއެއް ނޫނެވެ. އޭނާ ހުރީ އަޅިކުލައި އަތްކުރު ޓީޝާޓަކާއި ގަދަ ނޫކުލައަކަށްދާ ސްވެޓްޕޭންޓްސް އެއް ލައިގެންނެވެ. އިސްތަށިގަނޑުގައި ވެސް އެހެންޏާ ފެންނައިރު ހުންނަ ތަރުތީބުކަމާއި އޮމާންކަމެއް ނެތެވެ. ޒަރަކްގެ ވައަތްތިލަ މަތީ ކާތަށި އަތުރާފައިވާ ތަބަށް އޮތެވެ.

"ހޫމް... ހޭލެވުނީ." ރަހާ ބުންޏެވެ.

"އަނެއްކާ ބުޅާ ދެކެ ބިރުގަނޭތަ؟. ޖިންޖަރ ވަރަށް ބަސްއަހާނެ. ދަތްއަޅައި ވަކިއަޅައި ނުހަދާނެ. މީހުންނާ ވަރަށް އަވަހަށް ރައްޓެހިވާނެ." އެނދު ކައިރިއަށް ހިނގައިގަންނަމުން ޒަރަކް ބުންޏެވެ.

"ނުގަނޭ ބިރެއް. އަހަރެން ވެސް ބުޅާ ގެންގުޅޭ ހިތްވޭ. ވަރަށް ލޯބި." ދުވަމުން އައިސް ރަހާގެ ގާތަށް އެނދުމައްޗަށް ފުންމައިގެން އެރި ބުޅަލުގެ ބޮލުގައި ރަހާ ފިރުމާލި އެވެ. އަދި އެ ސޮރާ ކުޑަކޮށް ވާހަކަދައްކާލި އެވެ.

"ނަސީބެންނު... ހޭލިއްޔާ ހިނގާ އެއްޗެއް ކާލަމާ. ރަހާ ހޭލަންވާއިރަށް މިއައީ ކާއެއްޗެއް ތައްޔާރުކޮށްލައިގެން. އެންމެ ފަހުން ބެލިއިރު ހުން ވެސް ތަންކޮޅެއް މަޑުވެއްޖެ. ދެން ކެއީމަ ގައިގަ ވަރުޖެހިލާނީ ވެސް." ޒަރަކްގެ އަތުގައި އޮތް ތަބަށް ގެނެސް އެނދުގެ ކަނާއަތް ފަރާތު ސައިޑްޓޭބަލް މަތީ ބަހައްޓާލި އެވެ.

"ފާޚާނާއަށް ވަދެލަން ބޭނުން." ރަހާ ބުނެލި އެވެ. އެއާއެކު ޒަރަކް އޭނާއަށް އެ ކޮޓަރީގައި ހުރި ފާޚާނާ ދައްކައިފި އެވެ. ރަހާ ބޭނުންވާނޭ ބައެއް އެއްޗެހި ފާޚާނާއަށް ކުރީބައިގައި ލާދީފައި ހުރިކަން ޚުދު ރަހާއަށް ފާހަގަވި އެވެ.

ރަހާ ނުކުމެގެން އަންނަން ދެން ބުޅަލާއެކު ޒަރަކް ވަގުތު ހޭދަކުރި އެވެ. އެ ސޮރު ޒަރަކްގެ ސަކަރާތުގައި ބައިވެރިވަމުން އަޑު ލައްވަމުން ކައިރީގައި އެނބުރެނީ އެވެ. ރަހާ ފާޚާނާއިން ނުކުމެގެން އައިސް އެނދު އަރިމަތީގައި އިށީނެވެ. ތަބަކުގައި ހުރި ބޯތަށި ރަހާއަށް ޒަރަކް ދިއްކޮށްލީ ދެނެވެ.

"ނުބައެއްނުވާނެ. އެއްކޮށް ހުސްކޮށްލެވޭތޯ ވާނެ ޓްރައިކޮށްލަން. ޔޫ ނީޑް އެނާޖީ. ސޫޕެއް ތައްޔާރުކުރީ ހަރު އެއްޗެއް ކާން ރަހާއަށް އުނދަގޫވާނެތީ." ބޯތަށްޓަށް ބަލަން ރަހާ އިނުމުން ޒަރަކް ބުންޏެވެ.

"ސޮރީ ޑަކްޓަރ. ސޮރީ އެހާ އުނދަގޫ ކުރެވޭތީ. ޑަކްޓަރގެ ވެސް އަމިއްލަ ލައިފެއް އޮންނާނެކަން އެނގޭ. އަހަރެންނަށް ތިގޮތަށް އެހީވާން ހަދައިގެން ޑަކްޓަރގެ އަމިއްލަ ދިރިއުޅުމަށް ބުރޫއަރާފާނެތީ ކަންބޮޑުވޭ." ރަހާ ވާހަކަދައްކަން ފެށުމުން އެ ވާހަކަ ޒަރަކް ހުއްޓުވި އެވެ.

"އަހަރެން ބުނެފީމެންނު އަހަރެންނަށް އުނދަގުލެއްނުވެޔޭ. މިހާރު އަހަރެމެންނަކީ ރައްޓެހިންގެ ގޮތުގައި އަހަރެން ދެކެނީ. އެހެންވީމަ އަބަދު ޑަކްޓަރ ޑަކްޓަރ ނުކިޔަފާނަންތަ. އިޓް ފީލްސް އަ ލިޓްލް ވިއާޑް... އަހަރެންގެ ނަމުން ވާހަކަދައްކަފާނަންތަ. މީގެ ފަހުން ޒަރަކް ކިޔަންވާނީ. އަހަރެންނަށް ކަމަކާ އުނދަގޫވަންޏާ ބުނާނަން. ރަހާ ވޮރީ ނުވެބަލަ. އިނގޭ." ޒަރަކް ބުންޏެވެ.

"މައްސަލައެއްނެތް." އިރުކޮޅަކު ވިސްނަން އިނދެފައި ރަހާ ބުންޏެވެ.

"މިރޭ މިކޮޅުގައި މަޑުކުރަންވީނު. މާދަމާ ކުލިނިކަށް ދާން ޖެހެއެއްނު. ބައެއް ޓެސްޓްތައް ހަދަން އެބަހުއްޓެއްނު. އަހަރެން ރަހާ ގޮވައިގެން ކުލިނިކަށް ދާނަން. އެކޮޅުން ދެން ރަހާ ގެއަށްދާނީ." ޒަރަކް ބުންޏެވެ.

"އެކަމަކު އޭރުން... އެގޮތް ކަމަކު ނުދާނެ. އަހަރެން މިހާރު އޯކޭ. ގެއަށް ގޮސް ކުރަން ހުންނާނެ ކަންކަން." ރަހާ ބުންޏެވެ.

"އަހަރެން ކަންބޮޑުވަނީ އަނެއްކާ ވެސް ގެއަށް ދާފަހުން ރަހާގެ ހާލު ގޯސްވެދާނެތީ. މިތާ ހުރިއްޔާ އަހަރެންނަށް ރަހާގެ ހާލު ފެންނާނެ. ހުންގަދަވެއްޖެއްޔާ ދެން ކަންތައް ކުރަންވީ ކިހިނެއްކަން ވެސް އެނގޭނެ. ރޭގަ ރަހާގެ ހުން ހުރީ ހާދަ މަތީގައޭ. ނަސީބެއް ފިޓުޖެހިކަމެއްނުވިކަން. އަހަރެން ހުރީ ވަރަށް ހާސްވެފައި. އެހެންވީމަ ކިހިނެއް ކެރޭނީ އެކަނިމާއެކަނި ހުންނަން ގެއަށް ފޮނުވާކަށް." ޒަރަކް ބުންޏެވެ.

"އެހެނެއްނުވާނެ..." ރަހާ ދެކޮޅު ހަދަން އުޅުނެވެ. ނަމަވެސް އެ ފުރުޞަތެއް ޒަރަކް ނުދިނެވެ.

"ދެން ތަށިހިފައިގެން ތިހެން ނީނދެ އަވަހަށް ކާން ފަށާ. އެއްކޮށް ހިހޫވީމަ ކަމަކުނުދާނެ. ޑޯންޓް ޓެލް މީ. އާ ޔޫ ވެއިޓިން ފޯ މީ ޓު ފީޑް ޔޫ." ޒަރަކްގެ ފަހު ޖުމްލައިގައި ސަމާސާކަންވި އެވެ.

"ނޫން. އަދި އަމިއްލައަށް ކައިބޮއެ ހެދޭ." ނިކަން އަވަހަށް ރަހާ ބުންޏެވެ.

މަޑުމަޑުން ސަމްސަލަކަށްފަހު ސަމްސަލެއް ރަހާ އަނގަޔަށް ލަމުންދިޔަ އެވެ. ޒަރަކް ބުނިހެން އޭގައި ނުބައި ރަހައެއްނުލަ އެވެ. އަޅާފައި ހުރި އެއްޗެއްވިއްޔާ ހުރީ ހިމުންކޮށްފަ އެވެ. އެހެންވެ ދިރުވާކަށް ވެސް ރަހާއަށް އުނދަގުލެއްނޫނެވެ. އޭނާގެ ސަމާލުކަން އަނެއްކާވެސް ޒަރަކްއަށް ދެވުނީ ކުއްލިއަކަށް ޒަރަކް އެނދުގެ އަނެއްފަރާތަށް އަރާ އޮށޯތީމަ އެވެ.

"ޒަރަކް..." ރަހާއަށް ގޮވާލެވުނެވެ.

"މިބައިގައި ގެސްޓް ރޫމެއް ނުހުންނާނެ. ދެން ހުރި ކޮޓަރި އަހަރެން ޖިމްއަކަށް ހަދާފައި ހުންނާނީ. އެހެންވެ މި އެނދު އެކަނި ހުންނާނީ ޖައްސާލާނެ ތަނަކަށް." ޒަރަކް ފުރަގަސްދީގެން އޮވެ ބުންޏެވެ.

"އެހެންތަ." ހައިރާންކަމާއެކު ރަހާއަށް ބުނެވުނެވެ. އޭރު އެތައް ސުވާލެއް އޭނާގެ ހިތާއި ސިކުނޑީގައިވި އެވެ. ނިދާ ކޮޓަރިއަކަށް ހަމައެކަނި އެ ކޮޓަރި ހުރިއްޔާ ރޭގައި ޒަރަކް ނިދީ ކޮންތާކުބާއޭ ރަހާ ހިތަށް އެރި އެވެ. ނިދާނޭ ތަނެއް ނެތްއިރު ވެސް އެރޭ ރަހާ ގާތުގައި މަޑުކުރަން ޒަރަކް ބުނީތީ އެކަމާ ވެސް ރަހާ ސުވާލު އުފެދިފައިވެ އެވެ. އެހެންނަމަވެސް ޒަރަކް ހުރީ އޭނާ ދިޔަދޭ ގޮތަކަށްނޫންކަން ރަހާއަށް އެނގެ އެވެ.

ޒަރަކްގެ އޮފް ދުވަހަކީ ކަމެއް ނޫނީ ރަހާ ހުރީތީ އޭނާ އޮފް ނެގީކަމެއް ބުނާން ރަހާއަކަށް ނޭނގެ އެވެ. ދުވަހުގެ ހުރިހާ ވަގުތެއް ޒަރަކް ހޭދަކުރީ ރަހާއާއެކީ ގޭގަ އެވެ. ކާގަޑިތަކުގައި ރަހާއަށް ކެވޭނޭ ފަދަ ކާއެއްޗެހި ޒަރަކް ތައްޔާރު ކުރަނީ އަމިއްލައަށްކަން ރަހާއަށް ފާހަގަކުރެވުނެވެ. ދުވާލުގެ އަލިކަން ކެނޑި ރޭގަނޑާ ބައްދަލުވީއިރު ރަހާ ފޫހިވެ އެކަނިވާނޭ ވަގުތެއް ނުލިބެ އެވެ. ޒަރަކްއަކީ ތަފާތު ވައްތަރުގެ ފޮތް ކިޔާ މީހެއްކަން އޭނާގެ އަތުގައި ފޮތްތަކުން ރަހާއަށް އޮޅުންފިލި އެވެ. އަނެއްކޮޅުން ޒަރަކްގެ ބުޅާ "ޖިންޖަރ"ގެ ހަރަކާތްތަކުން ރަހާއަށް ތަފާތު ހިތްހަމަޖެހުމެއް ލިބުނެވެ.

ކާމޭޒު ދޮށުގައި ކާން އިން ރަހާއަށް ބަތްކޮޅެއް ކާންވުމުން އުނދަގޫވި އެވެ. ކަރުގައި އަޅާގޮތްވަނީ އެވެ. އެހެންނަމަވެސް ކާއެއްޗެހި އިސްރާފު ކުރާން ނުކެރުނީ ޒަރަކް ތައްޔާރުކޮށްފައި ހުރި އެއްޗިއްސަށްވީމަ އެވެ. ބަލިވީފަހުން އެންމެ ގިނައިން ކެވުނު ދުވަހަށް އެ ދުވަސްވާނޭކަން ރަހާއަށް އެނގެ އެވެ.

"ކާހިތްނުވަންޏާ ގަދަކަމުން ކާން ނޫޅެއްޗޭ. މިތަނުން މަސްކޮޅެއް ލައިގެން ސޫޕް ތަށި ހުސްކޮށްލެވޭތޯ ބަލާ." ޒަރަކްއަށް ރަހާގެ ހަރަކާތްތައް ފާހަގަވެ ނަގައިގަނެވުލެއް އަވަހެވެ. އެކަމާ ޚުދު ރަހާ ވެސް ހައިރާންވި އެވެ. އެއަށްވުރެ ބޮޑަށް އޭނާ އަންތަރީސްވީ އޭނާ ހާވަން އިން ބަތްކޮޅު ޒަރަކްގެ ތަށްޓަށް އަޅާލައި ކާންފެށިތަން ފެނިގެންނެވެ.

"ޒަރަކް..." ހިތާހިތުން ރަހާއަށް ޒަރަކްގެ ނަން ކިޔާލެވުނެވެ.

ރޭގަނޑުގެ ކެއި ތަށިތައް ސިންކަށް ލާފައި ހުއްޓާ އެ ތަށިތައް ދޮންނަން ރަހާ ސިންކާ ކައިރިވެލި އެވެ. އޭރު އޭނާގެ ޚިޔާލުގައިވީ ޒަރަކް އެވެ. އޭނާގެ ފުށުން ފެންނަ ގާތްކަމާމެދު ރަހާ ވަނީ ސުވާލު އުފެދިފަ އެވެ.

"ނޫން. އެހެނެއްނުވާނެ... އަހަރެން މީ ބަލި މީހެއް. އެކަނިވެރިއެއް... ޒަރަކް އަހަރެންނާމެދު ވިސްނިޔަސް ވިސްނާނީ އެހެން. އޭނާގެ ބެލުމުގެ ދަށުގައިވާ އޭނާގެ ޕޭޝަންޓެއް ގޮތަށް. އަހަރެންގެ ކޮން ޚާއްޞަކަމެއް ހުރީ. މިކަމާ މާބޮޑަށް ނުވިސްނިއްޔާ ރަނގަޅުވާނީ." ތަށިތައް ދޮންނަމުންދިޔަ ރަހާގެ ޚިޔާލުގެ ވާފަށް ބުރިކޮށްލީ ޒަރަކް އެވެ.

"ހޭ... ކީއްތިކުރަނީ؟. ތީ ރަހާ ކުރަންޖެހޭ ކަމެއްނޫނޭ... އަހަރެން ޖިންޖަރއަށް ކާން އަޅަން ދިޔަވަގުތު ބަލާފައި އަވަހަށް މަސައްކަތް ފަށައިގަތީ. ރަހާ ތީ އަހަރެންގެ މެހެމާނެކޭ. މެހެމާނަކު ލައްވާ ތަށިދޮއްވަން ވެދާނެތަ... އާ ޔޫ ޓްރައިން ޓު މޭކް މީ ފީލް ބޭޑް." ޒަރަކް ބުންޏެވެ.

"މީ އެވަރު ކަމެއްނޫނޭ." ރަހާ ބުންޏެވެ.

"އެހެންވިޔަސް ބަހައްޓާ. ރަހާގެ ގައިގާ ކިރިޔާ ވަރުޖެހިލާއިރަށް މަސައްކަތްތަކެއް ކުރާން އުޅޭނެކަމެއްނެތް." ޒަރަކް މިހެންބުނެ އައިސް ސިންކުގެ އިސްކުރު ބަންދުކޮށްލި އެވެ. އަދި އަތްފުހޭ ތުވާލިކޮޅު ނަގައި ރަހާގެ ފަހަރަކު އަތެއް ފުހެދޭން ފެށި އެވެ.

"ރިކަވާވާއިރު ރަހާ ވާނީ ނިކަން ބަލައިގެން އުޅެން. ވަރަށް ބޮޑަށް އަރާމުކުރަންވާނެ. ހުންއައިސް ރޯގާޖެހި އަލުން ހާލު ދަށަށް ގޮސްފިއްޔާ ކިހާ ދެރަ. ރަހާގެ ހަށިގަނޑު ވަރަށް ވީކްކަން އެނގެއެއްނު. ރަހާއަށް..." ވާހަކަދައްކަމުން ދިޔަ ޒަރަކްއަށް ހުއްޓުމެއް އައީ ރަހާގެ ވައަތްތިލަ ފުހެމުންދިޔަ ހިނދު އެ އަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮއްޓި ފެނިފަ އެވެ. އިނގިރޭސި "ވީ" އަކުރު ހިތެއްގެ ތެރޭގައި ޖަހާފައިވާ އެ ރަން އަނގޮއްޓި ރަމްޒުކޮށްދެނީ ކީކޭކަން ޒަރަކްއަށް ނަގައިގަންނަން ދައްޗެއްނުވި އެވެ.

"އަތް ހިކިއްޖެ." ރަހާގެ އަތުން ޒަރަކް ދޫކޮށްނުލުމުން އޭނާ އަތް ދަމައިގަންނަމުން ބުނެލި އެވެ. އެއާއެކު ޒަރަކްއަށް ވެސް އޭނާގެ އަމިއްލަ ޢަމަލްތަކާމެދު ވިސްނާލެވުނެވެ.

"ސޮރީ." ޒަރަކް އަވަސްއަވަހަށް މަޢާފަށް އެދުނެވެ.

ކޮޓަރިއާ ދިމާއަށް ރަހާ ހިނގައިގަތުމުން ޒަރަކް އަމިއްލަ ފުއްކިއްބައިގައި ޖަހާލަމުން ދެފަރާތަށް ބޯހޫރާލި އެވެ. އޭނާއަށް ދެންމެ އެވީ ގޮތުން ރަހާ ހިތަށް އަރާފާނެ އެއްޗަކާމެދު ޒަރަކް ކަންބޮޑުވި އެވެ. އެކަމަކު އޭނާއަށް ހުއްޓުން އެރީ ގަސްދަކާނުލަ އެވެ. ރަހާގެ އިނގިލިން އެ އަނގޮއްޓި ފެނުމުން ޒަރަކްއަށް އޭނާގެ ޟަމީރު ކަމެއް ހަނދާންކޮށްދިނީ އެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910