ހަބަރު

ޔާމީންގެ މަރު: ރިޕޯޓްތައް ހެދި ފުލުހަށް މައުމޫންގެ ގިނަ ސުވާލުތަކެއް

ބްލޮގާ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއްދީ މަރާލި މައްސަލާގައި ހިމެނޭ މީހުންގެ ވީޑިއޯ އެނާލިސިސް ރިޕޯޓްތަކެއް ހެދި ފުލުހަކާ ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ގިނަ ސުވާލުތަކެއް މިއަދު ކުރިމަތި ކުރުވައިފިއެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅޭ ތަހުގީގަށް ފުލުހުންގެ އޮފިސަރެއް ކަމަށްވާ އާދަމް މުހައްމަދު ވަނީ ހަ ރިޕޯޓެއް އެކުލަވާލާފައެވެ. އެއީ މައްސަލާގައި ހިމެނޭ ހަ މީހުންގެ ފަސް މީހެއްގެ ސިފަތައް ފުލުހުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ މީހުންނާ ދިމާވާ ކަމަށް ބުނެ ހަދާފައިވާ ރިޕޯޓްތަކަކާއި ސައިކަލަކާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓެކެވެ.

މީގެތެރެއިން މިއަދު ހެކި ބަސް ނަގައި ވާހަކަ ދައްކާފައިވަނީ ތިން ރިޕޯޓަކާ ގުޅޭ ގޮތުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ސުވާލުތަކެއް އަމާޒުވީ މ. ތާއިފް، އިސްމާއީލް ރަޝީދުގެ ތިން ސިފައެއް ދިމާވާ ކަމަށް ބުނެ ހަދާފައިވާ ރިޕޯޓަށެވެ. އިސްމާއިލް ރަޝީދުގެ ފަރާތުން ސުވާލުތައް ކުރެއްވީ އޭނާގެ ދިފާއީ ވަކީލް މައުމޫން ހަމީދެވެ.

ދައުލަތުން އެންމެ ފުރަތަމަ ކުރި ސުވާލުތަކަށް ޖަވާބު ދެމުން އާދަމް މުހައްމަދު ބުނީ ފުލުހުން ނަގާފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ މީހަކާއި އިސްމާއިލް ރަޝީދުގެ ތިން ސިފައެއް އެއްގޮތްވާ ކަމަށެވެ. އެއީ ހަށިގަނޑު ބައްޓަމާއި ރޫފަ އަދި ތުނބުޅި ކަމަށެވެ. މައްސަލާގެ އައިއޯ އޭނާއާ ހަވާލުކުރީ ވަކި މަންޒަރުތަކެއް ފާހަގަކުރުމަށްފަހު އެ މަންޒަރުތަކުން ފެންނަ މީހާ އާއި އިސްމާއިލް ރަޝީދާ ކިހާ އެއްގޮތް ކަމެއް ހުރިތޯ ބެލުމަށް ކަމަށެވެ. އޭނާ އެ މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ ތަހުގީގުތަކަށް ބޭނުން ކުރާ ސޮފްޓްވެއާއެއްގެ އެހީގައެވެ.

މައުމޫން ހަމީދު އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ރިޕޯޓްގައި އޮތް ކުށެކެވެ. އެ ރިޕޯޓްގައި އޮތް ގޮތުން އަޅާ ކިޔާފައިވަނީ ވީޑިއޯއިން ފެންނަ މީހާ އާއި ދައުވާ ލިބޭ އިތުރު މީހެއް ކަމަށްވާ މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްއާއެވެ. އެގޮތަށް ޒަހީންގެ ނަން އިސްމާއިލް ރަޝީދުގެ ނަމުގެ ބަދަލުގައި ލިޔެވިފައިވަނީ އޮޅިގެން ކަމަށް އާދަމް ބުންޏެވެ. އަދި އެކަމަށް ބާރު ދިނުމަށް ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވެސް މަސައްކަތް ކުރެއްވިއެވެ. ނައުޝާދު ވިދާޅުވީ އެއީ ލިޔުމުގެ ކުށެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ޗެއިން އޮފް ކަސްޓަޑީއިން ވެސް އެ ރިޕޯޓަކީ އިސްމާއިލް ރަޝީދާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓެއްކަން ސާފުވާ ކަމަށެވެ.

ޗެއިން އޮފް ކަސްޓަޑީގައި މައްސަލަތަކެއް

ބާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ހަމީދު ދެން ސުވާލުތައް އަމާޒު ކުރެއްވީ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުންނެވެ. އާދަމް މުހައްމަދުއާ އެ ރިޕޯޓް ހެދުމަށް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްގައިވާ ތާރިހަކީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހެވެ. ނަމަވެސް ޗެއިން އޮފް ކަސްޓަޑީއިން ފެންނަން އޮތުގައި އިސްމާއިލް ރަޝީދާ ގުޅޭ ވީޑިއޯ އެވިޑެންސްއާ އޭނާ ހަވާލުވެފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެކަމާ ގުޅޭ ގޮތުން މައުމޫން ސުވާލު ކުރެއްވުމުން އާދަމް ބުނީ އެއީ އެހެން ކަމަކާ ގުޅޭ ގޮތުން އެ އެވިޑެންސްގެ ތަހުލީލަކަށް ހަވާލުވެފައި ކުރިން ވަނީ ކަމަށެވެ.

މައުމޫން ހަމީދު ދެން ވަނީ ޗެއިން އޮފް ކަސްޓަޑީގައި ބާކީ ހުރި ފަރާތްތައް ކިޔައިދެއްވާފައެވެ. ޗެއިން އޮފް ކަސްޓަޑީގައި އެންމެ ފަހަށް އޮތް އޮފިސަރުގެ ނަން ސާފެއް ނޫނެވެ. އެކަމަކު އެއީ އެވިޑެންސް ކޮންޓްރޯލާ ކަމަށް އާދަމް ބުނެއެވެ. އާދަމް ބުނާ ގޮތުން އެ އެވިޑެންސް އޭނާއާ ހަވާލުކުރީ އެވިޑެންސް ކޮންޓްރޯލާއެވެ. އެކަމަކު، އެކަން ޗެއިން އޮފް ކަސްޓަޑީގައި ފެންނަ ނެތުމުން އޭގެއިން ބައެއް މަދުވަނީތޯ މައުމޫން އެއްސެވި އެވެ.

އާދަމް ބުނީ ފަހަރުގައި އެއް ބައި މަދުވަނީ ކަމަށް ވެދާނެ ކަމަށެވެ. އިތުރަށް ހަމަ އެ ސުވާލު ތަކުރާރު ކުރުމުން އާދަމް ބުނީ އޭނާ ހަވާލުކުރި ކަމަށް ބަޔާންކުރާ ގޮޅި ހުށަހަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ލިޔުމުގައި ފެންނަން ނެތީ ކަމަށެވެ.

ޓެކްނިކަލް ސުވާލުތަކަށް ސީދާ ޖަވާބެއް ނެތް

އެ ސުވާލުތަކަށްފަހު މައުމޫން ހަމީދު ވަޑައިގެންނެވީ ސޮފްޓްވެއާ އާ ގުޅޭ ސުވާލުތަކަށެވެ. އެ ސޮފްޓްވެއާ ބޭނުން ކުރާ ގޮތާއި އުސޫލުތައް އޮޅުންފިލުއްވިއެވެ. އާދަމް ބުނި ގޮތުގައި ސޮފްޓްވެއާ ބޭނުން ކުރަނީ ވީޑިއޯގެ ފުޓޭޖްތައް "އެންހޭސްކުރުމަށާއި ކޮމްޕެއާ" ކުރުމަށެވެ. އެއަށްފަހު ސޮފްޓްވެއާއިން ރިޕޯޓެއް ޖެނަރޭޓްކޮށް ނަތީޖާތައް ލިބޭ ކަމަށެވެ.

މައުމޫން ދެން ސުވާލު ކުރެއްވީ އާދަމްގެ ތައުލީމާއި ތަޖުރިބާއާ ގުޅޭ ގޮތުންނެވެ. އޭނާ ވަނީ ވީޑިއޯ ސައިންސްގެ ޓްރެއިނިންއެއް ހަދާފައިވާ ކަމަށް ބުނެފައެވެ. އެ ޓްރެއިނިންއަކީ ފުލުހުން އިން ހައުސް ޓްރެއިނިންނެކެވެ. ތަމްރީނު ދީފައިވަނީ އެމެރިކާގެ ޓްރެއިނީއެކެވެ. އެއީ ވަކި މުއައްސަސާއަކުން ސެޓްފިކެޓް ދޭ ޓްރެއިނިންނެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އެއާ ވިއްދާ މައުމޫން ވަނީ އެ ދާއިރާގެ ގިނަ ޓެކްނިކަލް ސުވާލުތަކެއް އާދަމްއާ އަމާޒު ކުރައްވާފައެވެ. ޓްރެެއިނިންގައި ކިޔެވި ދާއިރާތަކާއި ކަންކަން އޭނާ އޮޅުންފިއްލެވުމަށް އިނގިރޭސި ބަހުން ގިނަ ޓާމްސްތަކެއް މައުމޫން ވިދާޅުވިއެވެ. ނަމަވެސް އެކަންކަން ކިޔެވި ކަމެއް ނޫން ކަމެއް ބުނެދޭކަށް އާދަމަކަށް ނޭނގުނެވެ. އަދި އިނގިރޭސި ބަހުން އެ ޓާމްސްތައް ބޭނުން ކުރުމުން ޖަވާބު ދޭން އުނދަގޫ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ ގިނަ ސުވާލުތަކެއް އެކި ގޮތްގޮތަށް މައުމޫން ހަމީދު ކުރެއްވުމުން ވެސް އާދަމް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭގެ ބަދަލުގައި އާދަމް ތަކުރާރުކޮށް ބުނަމުން ދިޔައީ ރިޕޯޓްގައި އޭނާ ހިމެނި ކަންކަމާއި އޭނާއާ ހަވާލުވި ކަންކަމެވެ. އާދަމް ބުނީ އޭނާއާ ހަވާލުކުރެވުނީ ހަމައެކަނި އިސްމާއިލް ރަޝީދާއި ވީޑިއޯއިން ފެންނަ މީހާ އަޅާ ކިޔުމަށް ކަމަށެވެ. އޭނާ ރިޕޯޓްގައި ހިމެނީ އެއްގޮތް ތިން ސިފައެއް ހިމެނޭކަން ކަމަށެވެ. އެއްގޮތް ސިފަތަކެއް ނުފެންނަ ނަމަ އެކަމެއް ހިމެނީސް ކަމަށެވެ.

މީގެކުރިން ފުލުސް އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ މައުމޫން ހަމީދު ދެން ސުވާލުތައް ކުރެއްވީ ސޮފްޓްވެއާ އުފެއްދި ކުންފުނިން ނެރެފައިވާ ބުކްލެޓްގައިވާ ކަންކަމާ ގުޅޭ ގޮތުންނެވެ. އެގޮތުން ބައެއް ފީޗާތަކާ ގުޅޭ ސުވާލު އަމާޒު ކުރެއްވިއެވެ. އެންމެ ބޮޑަށް ބާރު އެޅުއްވީ އަމިއްލައަށް ޖެނެރޭޓް ކުރާ ރިޕޯޓަށެވެ. އެ ބުކްލެޓްގައިވާ ގޮތުން އެ ރިޕޯޓަކީ ކޯޓުގެ ބޭނުމަށް ހުށަހެޅޭނެ ފެންވަރުގެ ރިޕޯޓަކަށް ވާނެއެވެ. އެހެންވީއިރު އެ ރިޕޯޓަށްވީ ކިހިނެއްތޯ މައުމޫން އެއްސެވިއެވެ.

އާދަމް ބުނީ އެ ރިޕޯޓް ރައްކާކޮށްފައިވާނެ ކަމަށާއި އޭނާގެ ރިޕޯޓް އެކުލަވާލީ އެ ރިޕޯޓްގެ މައްޗަށް ބިނާކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓް ޕީޖީ އޮފީހަށް ނޫނީ އައިއޯއާ ހަވާލުކުރިންތޯ މައުމޫން އެއްސެވުމުން އާދަމް ބުނީ ހިއްސާކޮށްފައިނުވާނެ ކަމަށެވެ. އަދި އެކަމަށް އައިއޯ އެދިފައި ނެތް ކަމަށެވެ. އޭނާއާ ހަވާލުކުރީ ސޮފްޓެވެއާގެ އެހީގައި އަމިއްލަ އެނާލިސިސް ރިޕޯޓެއް ތައްޔާރުކުރުމަށް ކަމަށް ބުންޏެވެ.

ނަމަވެސް އެކަމަށް ފާޑުވިދާޅުވަމުން މައުމޫން ހަމީދު ވަނީ އެ ރިޕޯޓް ވަންހަނާކޮށްގެން ގެންގުޅެނީ ކަމަށް ވިދާޅުވެފައެވެ. އެއީ ކޯޓުގައި ބޭނުން ކުރެވޭނެ ފަދަ ރިޕޯޓަކަށްވާއިރު އަދި އެ ރިޕޯޓްގައިވާ ކަންކަމުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ސީދާ އެ ރިޕޯޓެއް ހުށަހެޅުން ކަމަށް މައުމޫން ފާހަގަ ކުރެއްވިއެވެ. އެކަމަށް ދެކޮޅު ހަދަމުން އާދަމް ބުނީ ސޮފްޓްވެއާއިން ޖެނަރޭޓް ކުރާ ރިޕޯޓް ހުށަހެޅުމުގެ އުސޫލެއް ނެތް ކަމަށެވެ. އަދި ޝަރީއަތަށް ހުށަހަޅާނެ ތަކެތި ނިންމުމަކީ އޭނާގެ މަސައްކަތެއް ނޫން ކަމަށެވެ.

ދެން ވެސް މައުމޫން ހަމީދުގެ ސުވާލުތައް އަމާޒު ކުރެއްވީ ސޮފްޓްވެއާ އާ ގުޅޭ ގޮތުންނެވެ. އެގޮތުން އެ ސޮފްޓްވެއާއިން ކުރެވޭނެ ބައެއް އިތުރު ކަންކަން ފާހަގަ ކުރައްވަމުން ގެންދެވިއެވެ. އޭގެ ތެރެއިން އަމާޒު ކުރެއްވި ބައެއް ސުވާލުތަކަށް ދައުލަތުގެ ވަކީލް އިއުތިރާޒު ވެސް ކުރެއްވިއެވެ. ނަމަވެސް ޝަރީއަތުން އެ އިއުތިރާޒުތައް ބަލައިނުގަތުމުން މައުމޫން ހަމީދު ކުރިއަށް ވަޑައިގެންނެވިއެވެ. ބުކްލެޓްގައިވާ ގޮތުން އެ ސޮފްޓްވެއާއަކީ އިސްކޮޅު ބެލުމާއި އެހެން ވެސް މެޝަމެންޓްތައް ނެގުމުގެ ގާބިލްކަން ހުރި ސޮފްޓްވެއާއެކެވެ. އެހެންވެ މި މައްސަލާގައި އިސްމާއިލް ރަޝީދާއި ވީޑިއޯއިން ފެންނަ މީހާ އަޅާކީއިރު އެ ފީޗާގެ ބޭނުން ކުރިންތޯ މައުމޫން އެއްސެވިއެވެ.

ސުވާލު ތަކުރާރުކޮށް އެއްސެވުމުން އާދަމް ބުނީ މި ރިޕޯޓަށް އޭގެ ބޭނުންކޮށްފައިނުވާނެ ކަމަށެވެ. އެއީ އިސްމާއިލް ރަޝީދުގެ ހަށިގަނޑު ބައްޓަން އެއްގޮތްވުމުން އިސްކޮޅު ބެލުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކުނީ ކަމަށް އޭނާ ބުންޏެވެ. މައުމޫން ހަމީދު ދެން އެއްސެވީ ހަށިގަނޑުގެ ބައްޓަން އެއްގޮތްވީމަ، ދެން އިތުރަށް ޔަގީން ކުރުމަށް އިސްކޮޅު ބެލެން ވެސް އޮތްވައި އެއީ ހަމަ މުހިންމު ކަމަށް ނުވީތޯއެވެ. އާދަމްގެ ޖަވާބަކަށްވީ ތިން ސިފައެއް އެއްގޮތްވީމަ އިސްކޮޅު އަޅާ ނުކީ ކަމަށެވެ.

ދެން ސުވާލު އައީ ހަށިގަނޑުގެ ބައްޓަމާއި ތުނބުޅިއާ ގުޅޭ ގޮތުންނެެވެ. ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން ދިރިއުޅޭއިރު އެއް ބައްޓަމެއްގެ ނުވަތަ އެއް ވަރެއްގެ ތުނބުޅީގެ ކިތައް މީހުން އުޅޭނެތޯ މައުމޫން އެއްސެވިއެވެ. އަދި ފަސް ލައްކަ މީހުންގެ ބައްޓަންތައް ތަފާތުވާނެ ކަމުގެ އޮތީ ކޮން ދިރާސާއެއްތޯ ވެސް އެއްސެވިއެވެ. އިންސާނުންގެ ހަށިގަނޑުގެ ބައްޓަންތަކަކީ ކޮބައިތޯ އެއްސެވިއެވެ. އޭގެ ސައިންޓިފިކް އަސާސްއަކީ ކޮބައިތޯ ވެސް އެއްސެވިއެވެ. އާދަމް އެ ސުވާލުތަކަށް ވެސް ދިނީ ކުރިން ވެސް ދީފައިވާ ޖަވާބެކެވެ. އެއީ އޭނާއާ ހަވާލުކުރީ އިސްމާއިލް ރަޝީދާއި އެއްގޮތް ސިފަތަކެއް ހުރިތޯ ބެލުމަށް ކަމަށާއި އޭނާ ކުރީ އެކަން ކަމަށެވެ.

ޖޫން ހަ ވަނަ ދުވަހު، އޭނާ ރިޕޯޓް ހަދަން ހަވާލުކުރިއިރު، ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ފޮޓޯ، އައިއޯ އޭނާއާ ހަވާލުކޮށްފައިވަނީ އެ މަހުގެ 23 ވަނަ ދުވަހުއެވެ. އެހާ ދިގު މުއްދަތެއް އެ ދެމެދު ނެގީ ކީއްވެގެންތޯ މައުމޫން އެއްސެވިއެވެ. އާދަމް ބުނީ އެ ދެމެދު އޭނާ ވީޑިއޯތައް "އެންހޭސް" ކުރީ ކަމަށާއި 23 ވަނަ ދުވަހަކީ އައިއޯ ފޮޓޯތައް ދިން ދުވަސް ކަމަށެވެ. އެ ދުވަހަށް މަޑުޖެހުނީ ކީއްވެގެން ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. ފޮޓޯތައް ލިބުމާއެކު "ކޮންޕެއާ" ކުރަން ފެށި ކަމަށް އޭނާ ބުންޏެވެ.

އެ މުއްދަތު ނެގީ އިސްމާއިލް ރަޝީދުގެ ތުނބުޅި ވަކި ވަރަކަށް ދިގުވަންދެންތޯ ނޫނީ އޭނާގެ ތުނބުޅި ކުރު ނުކުރެވޭނެ ގޮތް ހެދުމަށް އާދަމް އެއްވެސް ފަރާތަކަށް އިރުޝާދު ދިންތޯ މައުމޫން އެއްސެވިއެވެ. އެ ސުވާލާއެކު ދައުލަތުގެ ވަކީލް ނައުޝާދު ވަނީ ހެކިވެރިޔާއަށް ތުހުމަތުތައް ކުރަނީ ކަމަށް ވިދާޅުވެ އެކަމަކަށް އިއުތިރާޒު ކުރައްވާފައެވެ. އެހެންވެ، ތުހުމަތުނުކޮށް ސުވާލު ކުރުމަށް ގާޒީ އަލީ ރަޝީދު އެންގެވިއެވެ. އެ ސުވާލު މައުމޫން ތަކުރާރު ކުރެއްވިއެވެ. އެއާއެކު އާދަމް ބުނީ އެފަދަ އިރުޝާދެއް އޭނާ ނުދޭ ކަމަށާއި އެފަދަ މައުލޫމާތެއް ވެސް ނެތް ކަމަށެވެ.

އޭގެއިތުރުން މައުމޫން ހަމީދު ވަނީ އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާ ފެންނަ ބައެއް ފްޓޭޖްތަކުގެ ސްކްރީންޝޮޓްތަކެއް ޕްރިންޓްކޮށްގެން ގެނެސް ސުވާލުތަކެއް ކުރައްވާފައެވެ. ގިނަ ފޮޓޯތަކެއް އޭގައި ހިމެނޭއިރު މައުމޫން ހަމީދު ސުވާލު ކުރައްވަން މަސައްކަތް ކުރެއްވީ އެ މަންޒަރުތައް ބަލައި އެނަލައިޒްކޮށްފައިވާނެތޯއެވެ. ނަމަވެސް އެއިން އެއްވެސް ޖަވާބަކަށް އާދަމް ޖަވާބެއް ނުދިނެވެ. އޭނާ ބުނީ އައިއޯ އެދުނު ރިކުއެސްޓް ފޯމްގައި އެދުނު މަންޒަރުތަކާއި ވަގުތު އެނގެން ހުންނާނެ ކަމަށެވެ. އެ ފޯމް އަތުގައި ނެތުމުން ސީދާ ބުނެދޭން ނޭނގޭ ކަމަށެވެ.

އިތުރު ދެ ރިޕޯޓަކާ ގުޅޭ ސުވާލުތައް

އިސްމާއިލް ރަޝީދުގެ ރިޕޯޓްގެ އިތުރުން ދެން މިއަދު ސުވާލު ކުރެވުނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދުއާ ގުޅޭ ރިޕޯޓާ ގުޅޭ ގޮތުންނެވެ. އާދަމް ހަދާފައިވާ އެ ރިޕޯޓްގައިވާ ގޮތުން ވީޑިއޯއިން ފެންނަ ހައިޝަމް ކަމަށް ތުހުމަތުވާ މީހާ އާއި ހައިޝަމްގެ އެއްގޮތް ފަސް ސިފައެއްވެއެވެ. އޭގެ ތެރޭގައި ހަށިގަނޑު ބައްޓަމާއި ރޫފަ، މަތިމަސް އަދި ނޭފަތުގެ ބައްޓަން ހިމެނެއެވެ. އެހެންވެ، ވީޑިއޯއިން ފެންނަ މީހާއަކީ ހައިޝަމް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައިވެއެވެ.

ހައިޝަމްގެ ވަކީލް ޔާމީން ވެސް ވަނީ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ރިޕޯޓް ތައްޔާރުކުރުމަށް ވީޑިއޯއިން ފެންނަ މަންޒަރުތަކުގައިވާ ތަންތަނަށް އަލުން ހައިޝަމް ގެންގޮސް ފޮޓޯ ނަގައި މިންތައް ނަގާފައިވޭތޯ އެއްސެވިއެވެ. އަދި ރިޕޯޓް ހެދުމަށް ބޭނުންކުރި ސޮފްޓްވެއާގެ ވޯކް ލޮގް ކޮބައިތޯ ވެސް ޔާމީން އެއްސެވިއެވެ. ޖަވާބުގައި އާދަމް ބުނީ ވީޑިއޯތަކުން ފެންނަ ތަންތަނަށް ގެންގޮސް މި މައްސަލާގައި އަލުން ފޮޓޯ ނަގާފައިނުވާނެ ކަމަށެވެ. އަދި ވޯކް ލޮގް ވެސް ހުށަހަޅާފައިނުވާނެ ކަމަށެވެ.

ދެން ސުވާލުކުރީ މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްއާ ގުޅޭ ރިޕޯޓަށެވެ. އާދަމް ތައްޔާރުކޮށްފައިވާ އެ ރިޕޯޓްގައިވާ ގޮތުން ވީޑިއޯއިން ފެންނަ ޒިހާން ކަމަށް ތުހުމަތުވާ މީހާ އާއި ޒިހާންގެ ފޮޓޯ އަޅާ ކިޔުމުން ތިން ސިފައެއް އެއްގޮތްވެފައިވެއެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވެސް ސުވާލުތައް އަމާޒު ކުރެއްވިއެވެ. އެގޮތުން ތިން ސިފަ އެއްގޮތް ކަމަށް ބުނާއިރު ވީޑިއޯއިން ފެންނަނީ ސީދާ ޒިހާން ކަމަށް ޔަގީންވޭތޯ ހަސީން އެއްސެވިއެވެ. ޖަވާބުގައި އާދަމް ބުނީ ރިޕޯޓްގައި ހިމެނީ ޒިހާންއާ އެއްގޮތް ސިފައެއް ވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ. ސިދާ ސުވާލަށް ޖަވާބު ދިނުމަށް ހަސީން އެދުމުން އާދަމް ބުނީ އެއްގޮތްވީ ތިން ސިފަ ކަމަށެވެ. އެއީ ސީދާ ޒިހާނަށް ވެދާނެ ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ނުބުނެއެވެ. އެހާ ހިސާބުން ހަސީންގެ ސުވާލުތައް ނިންމާލެއްވީއެވެ.

މިއަދުގެ އަޑުއެހުން ފެށީ 1:45 ހާއިރުއެވެ. އަޑުއެހުން 5:00 އާ ހަމައަަށް ދިގުލައިގެން ދިޔުމާއެކު ވަކީލުންގެ ވެސް އެދުމާއެކު ގާޒީ އަލީ ރަޝީދު ނިންމެވީ އާދަމްގެ ބާކީ ހެކި ބަސް ނެގުން އެހެން ދުވަހަކަށް ފަސްކުރުމަށެވެ. އެގޮތުން ދެން އޮތް ތިން ރިޕޯޓާ ގުޅޭ ގޮތުން އޭނާއާ ދެން ސުވާލު ކުރުމުގެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ. އެ ދުވަހު އިތުރު ތިން ފުލުސް އޮފިސަރެއް ވެސް ހެކި ބަސް ނެގުމަށް ހާޒިރު ކުރާނެ ކަމަށް ދައުލަތުގެ ވަކީލް މިއަދު ވިދާޅުވިއެވެ.

އާދަމްގެ ކުރިން މިއަދު އިތުރު ހެކިވެރިއެއްގެ ހެކި ބަސް ނެގިއެވެ. އެއީ ފުލުސް އޮފިސަރެކެެވެ. އޭނާއަކީ މައްސަލައާ ގުޅޭ ސައިކަލެއް ޓޯޔާޑަށް ގެންދިޔުމުން އޭގެ ފޮޓޯ ނަގައި ރިޕޯޓް ހެދި އިހުސާން މުހައްމަދެވެ. ދައުލަތުން ބުނާ ގޮތުގައި އެ ސައިކަލަކީ ދައުވާ ލިބޭ ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ ސައިިކަލެއް ކަމަށެވެ. އެއީ ރަތް ކުލައިގެ ޕީސީއެކްސް ސައިކަލެކެވެ. އެ ސައިކަލް ރިޕޯޓާ ގުޅޭ ގޮތުން އިހުސާން ބުނީ އޭނާ އެ ސައިކަލްގެ ފޮޓޯތައް ނެގި ކަމަށެވެ. އަދި ފާހަގަކުރެވުނު ހަމައެކަނި ކަމަކީ ސައިކަލްގައި ހުރި ކުދިކުދި ކޫރުންތައް އެކަނި ކަމަށެވެ. އެ ހެކިވެރިޔާ ސުވާލު ކުރުމަށް ދިފްރާންގެ ވަކީލަށް ފުރުސަތު ދިނުމުން ވިދާޅުވީ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އިތުރު އަޑުއެހުންތައް އޮންނާނެ ދުވަސްތަކުގެ ތާވަލު ވެސް ހެދުމަށްފަހުއެވެ. އެގޮތުން އަންނަ މަހުގެ ދެ ތާރީހެއް ކަނޑައެޅި އަދި އޮކްޓޯބަރު މަހަށް ވެސް ތާރީހުތަކެއް ކަނޑައެޅިއެވެ. މައްސަލަ އެންމެ ފުރަތަމަ ނިންމަން ކަނޑައެޅީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހަށެވެ. ނަމަވެސް ހެކިން ހާޒިރު ނުކުރެވިގެންނާއި ހެކި ބަސް ނެގުން ދިގުލައިގެން ގޮސްފައިވާތީ އެ ދުވަހަށް މިހާރު ޝަރީއަތް ނިންމާނުލެވޭނެ ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.