ހަބަރު

އަރުހަމްގެ މަރު: ސިއްރު މައުލޫމާތުތަކެއް ޕީޖީއަށް ހާމަ ކުރެވިއްޖެ

ލޮރެންޒޯ ޕާކް ތެރޭގައި ހުއްޓާ 2012 ވަނަ އަހަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16، މަރާލި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ބޮޑު ގޯހެއް ހަދާފައިވާކަން ހައިކޯޓުން މިއަދު ހާމަކޮށްފި އެވެ.

އަރުހަމް މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާކުރި އެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ އެންމެ މީހަކަށެވެ. އެއީ ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމްގެ މައްޗަށެވެ. އޭނާ މަރަން ހުކުމްކުރިއިރު، ދެން ތިބި ތިން މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރި އެވެ.

ކުށް ސާބިތު ނުވެ ސަލާމަތްވީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު، އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އަދި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފެވެ. ޕީޖީގެ ފަރާތުން އެ ތިން މީހުންގެ ބައި ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ޕީޖީއިން ގަބޫލު ކުރެ އެވެ.

އެގޮތުން ހުށަހެޅި މައްސަލާގައި މިއަދު ހެނދުނު ވަނީ އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފަ އެވެ. ހައިކޯޓުގައި ބޭއްވި މިއީ މި މައްސަލާގެ ދެވަނަ އަޑުއެހުމެވެ. މީގެކުރިން ބޭއްވި އަޑުއެހުމަށް ތިން މީހުން ވެސް ވަކީލުންނާއެކު ހާޒިރު ނުވާތީ ވަކީލަކު ހޯދަން ފުރުސަތު ދިނެވެ. މިއަދު ތިން މީހުން އައީ ވަކީލަކާއެކު އެވެ. ތިން މީހުންގެ ވެސް ވަކީލަކީ ވަކީލް އަލީ ޝާހެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވަނީ ޕީޖީއަށް އިލްތިމާސް ކުރައްވާފަ އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި މައްސަލާގައި ގިނަ ސިއްރު މައުލޫމާތުތަކަކާއި ސިއްރު ހެކިތަކެއް ހިމެނޭއިރު އެ ސިއްރު މައުލޫމާތުތައް ހާމަ ކުރަން ނުޖެހޭ ގޮތަށް ހާމަކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސިއްރު ހެކިންގެ މައުލޫމާތުތައް އެނގޭ ގޮތަށް ދައުވާ ލިބޭ ފަރާތާ ވެސް ލިޔުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ސިއްރު ހެކިވެރިންގެ މައުލޫމާތުތައް އެނގޭ ގޮތަށް ކުރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދިޔައިރު ވެސް ޕީޖީއިން އަމަލުކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕީޖީއިން ހުށަހަޅާފައިވާ ހުލާސާ ބަޔާނުގައި ވެސް ސިއްރު މައުލޫމާތުތައް ހާމަކޮށްފައިވާކަން ފާހަގަވާ ކަމަށެވެ. އެ މައުލޫމާތުތައް ހާމަވެފައިވާތީ އޭގެ ޒިންމާ ކޯޓުން ނުނަގާނެ ކަމަށާއި އެފަދަ ކަންކަމުގައި އިތުރަށް ސަމާލުވުމަށް ފަނޑިޔާރު ޕީޖީއަށް އެންގެވި އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޖީގެ ފަރާތުން މިއަދު ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވި ވަކީލުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ދައުވާ ލިބޭ ތިން މީހުންގެ ވަކީލް އަލީ ޝާހް ވިދާޅުވީ އެ މައުލޫމާތުތައް އެނގޭ ގޮތަށް ލިޔުންތައް ހަވާލުކޮށްފައިވީ ނަމަވެސް އޭގެން އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ އެ ފަރާތުން ހިއްސާ ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ތިން މީހުން މެރުމަށް ހުކުމްކޮށް ދޭން އެދުނު

ޝަރީއަތް ކުރިއަށް ގެންދިޔުމުގެ ގޮތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ފަނޑިޔާރު ފުރުސަތު ދެއްވުމުން ޕީޖީގެ ވަކީލް އަބްދުﷲ ރާބިއު ވަނީ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލު ކުރެވޭ ތިން ނުކުތާއެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މި މައްސަލާގައި ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ވެސް ހުށަހެޅީ އެއް ހެކިތަކެއް ކަމާއި ނަމަވެސް އެ ހެކިތަކުގައި ފުށު އެރުންތަކެއް ހުރެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ތިން މީހެއްގެ މައްޗަށް ކަމަށެވެ. އަނެއް މީހާގެ މައްޗަށް ހަމަ އެ ހެކިތަކުން ކުށް ސާބިތުވި ކަމަށެވެ.

ރާބިއު ވަނީ މައްސަލާގައި ހެކި ބަސް ދީފައިވާ މީހުންގެ ވާހަކަތައް ވެސް ހުލާސާ ހުށަހަޅުއްވާފަ އެވެ. އެގޮތުން މައްސަލާގައި ސިއްރުން ހެކި ބަސް ދީފައިވާ ދެ މީހަކު ވަނީ އަރުހަމްއަށް ހަމަލާދިން މަންޒަރު ލޮލުން ފެނުނު ކަމަށް ބުނެފަ އެވެ. އަދި ވަޅި ހިފައިގެން ހުރި މަންޒަރާއި އަރުހަމްއަށް ހަމަލާދީ އެ ސަރަހައްދުގައި ހަތަރު މީހުން ވެސް އުޅުނު ތަން ފެނުނު ކަމަށް އެ ހެކިވެރިން ހެކި ބަސް ދީފައިވެ އެވެ. އޭގެ އިތުރަށް އަރުހަމަށް ހަމަލާދީ، މަރާލި ކަމަށް އެ ހަތަރު މީހުން ކިޔައިދިން ކަމާއި އެކަން ކުރި ގޮތާއި ސަބަބު ކިޔައިދިން ކަމަށް ވެސް އެމީހުންނާ ރަށްޓެހި މީހަކު، ސިއްރުން ހެކި ބަސް ދެމުން ބުނެފައިވެ އެވެ.

މީގެއިތުރުން ޑޮކްޓަރުގެ ހެކި ބަހާއި އެހެން ވެސް ފޮރެންސިކް ހެކިތަކުން ވެސް އަރުހަމް މަރުވީ އެމީހުން ދިން ހަމަލާތަކުގެ ސަބަބުންކަން ސާބިތުވާ ކަމަށް ރާބިއު ވިދާޅުވި އެވެ. ނަމަވެސް މި މައްސަލާގައި ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި މީހެއްގެ ހެކި ބަސް ނަގާފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ޝަރީއަތް ކުރިއަށްދިޔައިރު އޭނާ ހުރީ ބޭރުގައި ކިޔަވަން ކަމަށާއި ސްކައިޕް މެދުވެރިކޮށް ހެކި ބަސް ނަގައިދޭން އެދުމުން ވެސް ކުރިމިނަލް ކޯޓުން އެކަން ނުކޮށްދިން ކަމަށެވެ.

ވަކީލް ރާބިއު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ވެގެން މީހަކު މަރާލުމަށް ރާވައި، އެމީހާ މަރާލައިފިނަމަ އެ އެންމެންގެ މައްޗަށް ވެސް ގިސޯސް ހިފޭނެ ކަން ހުރިހާ މަޒުހަބުތަކަކުން ވެސް އެނގެން އޮންނަ ކަމަށެވެ. އެއީ ހިޔާލު ދިނުން ކަމަށް ވެސް ތަންފީޒު ކުރުން ކަމަށް ވިޔަސް އެތަނުގައި ދިޔުން ކަމުގައި ވިޔަސް މަރާލުމުގައި ބައިވެރިވުން ކަމުގައިވާނެ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކުން ތިން މީހުން ވެސް އަރުހަމް މަރާލުމުގައި ބައިވެރިވިކަން އެއްވެސް ޝައްކެއް ނެތް ގޮތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެމީހުންގެ މައްޗަށް ކުށް ކަނޑައަޅައިދިނުމަށް ރާބިއު ހައިކޯޓުގައި އެދިވަޑައިގެންނެވި އެވެ.

ވަކީލުން މަރުގެ މައްސަލަތަކާ ހަވާލުނުވާތީ ފަނޑިޔާރުގެ ނުރުހުން

ތިން މީހުންގެ ވަކީލް އަލީ ޝާހް ވަނީ މައްސަލާގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. މިއަދަށް އޭނާއަށް ޖަވާބު ތައްޔާރު ކުރެވިފައިނުވާ ކަމަށް ވިދާޅުވި އެވެ. އެއީ އޭނާއަށް މައްސަލާގެ ލިޔުންތައް ލިބުނީ އިއްޔެ ކަމަށާއި މައްސަލައާ ހަވާލުވެ ލިޔުން ކޯޓަށް ވެސް ހުށަހެޅީ މިއަދު ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. ވަކީލުން ހޯދަން އެހާ ގިނަ ދުވަސް ނެގީ ކީއްވެތޯ އާއި އެންމެ ވަކީލަކު އައްޔަންކުރީ ކީއްވެގެންތޯ އެއްސެވި އެވެ.

އެއަށް އަލީ ޝާހް ޖަވާބު ދެއްވި އެވެ. އަލީ ޝާހް ވިދާޅުވީ މައްސަލާގައި ތިން މީހުން ވެސް ވަކީލުން ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެއްވެސް ވަކީލަކު މައްސަލަ ނަގަން ބޭނުން ނުވުމުން އޭނާ މައްސަލައާ ހަވާލުވީ ކަމަށެވެ. އެއާއެކު، ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ވަކީލުން ނުވަނީ ކީއްތޯ އާއި މައްސަލައިގެ ބާވަތުން ވަކީލުން ނުވަނީ ކީއްވެތޯ އައްސަވާފަ އެވެ.

ޖަވާބުގައި އަލީ ޝާހް ވިދާޅުވީ މަރުގެ މައްސަލަތަކުގައި ވަކީލުން އުޅެން ބޭނުން ނުވާ ކަމަށެވެ. އެއީ މުޖުތަމައުގެ ހާލަތު އޮތް ގޮތުން ކަމަށް ވިދާޅުވި އެވެ. އެ ވާހަކައާ ވަރަށް ބޮޑަށް ނުރުހުންވެ ފަނޑިޔާރު ނިޔާޒު ވިދާޅުވީ ވަކީލުންނަކީ ވަކި ޕްރޮފެޝަނަކަށްވާއިރު މައްސަލައިގެ ބާވަތުން ވަކިވަކި މައްސަލަ ހޮވައިގެން ވަކީލުން ހަވާލުވުމަކީ މައްސަލައެއް ކަމަށެވެ. ވަކީލުން ވާން ޖެހެނީ ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މައްސަލަތަކާ ހަވާލުވެ އެމީހުންގެ ޒިންމާ އަދާ ކުރަން ޖެހޭނެ ބައެއް ކަމަށެވެ.

ފަނޑިޔާރުގެ އެ ވާހަކައަށް ޖަވާބު ދެއްވަމުން ވަކީލް އަލީ ޝާހް ވިދާޅުވީ ކަމުގެ ހޫނުކަން އެނގޭނީ އެކަން ކުރާ ބަޔަކަށް ކަމަށެވެ. މުޖުތަމައުގެ ހާލަތު އޮތް ގޮތުން މިފަދަ މަރުގެ މައްސަލަތަކުގައި މީހުންގެ ދިފާއުުގައި ވަކާލާތު ކުރުމަކީ އޭގެ ސަބަބުން މީހުންގެ ނުރުހުމާއި އިންޒާރުތަކާއި ފުރައްސާރަތައް ވަކީލުންނަށް ލިބޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވީ ވަކި މީހެއްގެ މޫނަކަށް ވަކީލުން ބަލައިގެން ނުވާނެ ކަމަށެވެ. އަލީ ޝާހް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތަށް ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ދެން ސުވާލު ކުރެއްވީ ދައުލަތުން ވަކީލުން ހަމަޖައްސައިދިނުމުގެ އުސޫލާ ގުޅޭ ގޮތުންނެވެ. ބަންޑާރަ ނައިބުގެ ފަރާތުން ގެންގުޅޭ ވަކީލުން މީހުންނަށް ފޯރުކޮށްދެނީ ކިހިނެއްތޯ ފަނޑިޔާރު ނިޔާޒު، ޕީޖީއާ ސުވާލު ކުރެއްވި އެވެ. ވަކީލް ރާބިއު ވިދާޅުވީ ދައުލަތުން ވަކީލުން ފޯރުކޮށްދިނުމުގައި އުސޫލުތަކެއް ހުންނަ ކަމަށެވެ. އަދި ހާއްސަކޮށް މަރުގެ މައްސަލަތަކުގައި ދައުލަތުން ވަކީލުން ހަމަޖައްސައިދޭން އިސްކަން ވެސް ދޭ ކަމަށެވެ. ނަމަވެސް މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު ދައުވާ ލިބޭ މީހުން އަމިއްލަ ވަކީލުން ގެންގުޅުނު ކަމަށެވެ. އެހެންވެ އެމީހުންނަކީ ވަކީލުން އައްޔަން ކުރުމުގެ ތަނަވަސްކަން ހުރި ބައެއްކަން އެނގޭ ކަމަށެވެ. އަދި ފަހުން ދައުލަތުގެ ވަކީލަކު އައްޔަން ކޮށް ދިނުމަށް ދައުވާ ލިބޭ މީހުން އެދިފައިނުވާކަން ވެސް ރާބިއު ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ވަނީ ދައުވާ ލިބޭ މީހުންނާ ސުވާލުކޮށްފަ އެވެ. އެމީހުން ވަކީލުން ހޯދަން ކުރި މަަސައްކަތާއި ދައުލަތުން ވަކީލުން ހަމަޖައްސައިދޭކަން އެނގޭތޯ ފަނޑިޔާރު އެއްސެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ސުފްޔާން އާއި އާތިފް ބުނީ ވަރަށް ގިނަ ވަކީލުންނާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެއްވެސް ވަކީލަކު އެއްބަސްނުވި ކަމަށެވެ. އަދި އަނެއް ވަކީލުންގެ އަގާއި ޑިމާންޑް ވެސް ވަރަށް ބޮޑު ކަމަށް އެމީހުން ބުންޏެވެ.

އޭގެ އިތުރުން ވަކީލަކު ނުލިބިގެން ދައުލަތުގެ ވަކީލެއް ހަމަޖައްސައިދޭން އެދެވެން އޮންނަ ކަމުގެ މައުލޫމާތު އެމީހުންނަށް ލިބިފައިނުވާ ކަމަށް ވެސް ބުންޏެވެ. އެ ދެ މީހުން އެހެން ބުނުމުން ފަނޑިޔާރު ނިޒާރު ވަނީ އެފަދަ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީ ފަސޭހައިން ލިބެން ހުންނާނެ ގޮތަކަށް ޕީޖީއިން ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މިއަދުގެ އަޑުއެހުން އެ ހިސާބުން ނިންމާލި އެވެ. މި މައްސަލާގެ ބެންޗުގައި ދެން އިންނަވަނީ އިސް ފަނޑިޔާރު ސުޖާއު އުސްމާނެވެ.