ހައިކޯޓް

އަހްސަންގެ މަރު: ޝަހުމް މަރަން ހުކުމްކޮށްފި

ސ. ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ތޫނު އެއްޗަކުން އަހްސަންގެ ކަރަށް ހަމަލާދީ މަރާލީ މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުން އޭނާ ހިނގާފައި ދަނިކޮށް މާޗް 16، 2011 ވަނަ އަހަރު އެވެ. އަހްސަނަށް ހަމަލާދިނުމުން އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރޭ މެންދަމު 3:30 ހާއިރު އެވެ.

އަހުސަން މަރާލި މައްސަލާގައި ދައުލަތުން ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 20، 2014 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އަހްސަން މަރައިލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ޝިމާޒް ޖަލަށްލާން ހުކުމްކޮށްފައި ވަނީ 15 އަހަރަށް ލުމަށެވެ. ޝިމާޒަކީ ހަމަލާދިން ތަނަށް ޝަހުމް ގޮވައިގެން ސައިކަލު ގޮސް އަދި ހަމަލާއަށްފަހު ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔަ މީހާ އެވެ.

މި މައްސަލައިގައި އަހުސަންގެ ހުރިހާ ވާރިސުން ވެސް ވަނީ މި ދެ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ކޯޓުގައި ބުނެފަ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކުމް އިއްވަމުން ވިދާޅުވީ ގަސްތުގައި މީހަކު މަރައިފިނަމަ އިސްލާމީ ޝަރީއަތުގައި އޮންނަނީ އެމީހެއްގެ ކިބައިން ގިސޯސް ހިފުން ނުވަތަ މަރަށް މަރު ހިފުން ކަމަށެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ގާނުލްއުގޫބާތުގެ ދަށުން ނަމަވެސް، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ކުރީގެ ގާނޫނާއި މިހާރުގެ ގާނޫނާ ތަފާތެއް ނެތް ކަމަށެވެ. އެހެންކަމުން ޔަގީނާ ގާތްކުރާ މިންވަރަށް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އޭނާ މެރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އަދި މަރުގެ އުގޫބާތް ތަންފީޒު ކުރެވެންދެން ބަންދުގައި ބަހައްޓަންޖެހޭ މުއްދަތު ގުނަންޖެހޭނީ އެހެން ކުށެއްގެ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާ ބަންދުގެ މުއްދަތު އެއްފަހަރާ ތަންފީޒު ނުވާނޭހެން ވަކިން ކަމަށް ވެސް އެ ހުކުމުގައި ބުނެ އެވެ.

މި މައްސަލަ ސާބިތުކުރުމުގައި އަހްސަން މަރު މަތީގައި ބުނި ބަސް މުހިއްމު ދައުރެއް އަދާކުރި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހޮސްޕިޓަލްގައި މަރު މަތީގައި އޮވެގެން ޝަހްމު ހަމަލާ ދިން ކަމަށް އަހްސަން ބުނި ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދީފައިވާ ކަމަށެވެ.

އެފަދަ ހެކިބަސް ޝަރުއީ ދާއިރާގައި ބޭނުންކުރަނީ އިވުނު އަޑުގެ ހެކިބަސް ނުވަތަ ހިއަސޭ އެވިޑެންސްގެ ގޮތުގަ އެވެ. އެކަން ފާހަގަކުރައްވާ ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެފަދަ ހެކި ބަހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަލައިގަނެ އަދި ރާއްޖޭގެ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭ ހެއްކެއް ކަމަށެވެ.

މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ނުވަތަ ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުކުރި ފުރަތަމަ ފަހަރެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.