ހައިކޯޓް

އަހްސަން މަރާލި ކަމަށް ސުވާދާއި ޝަހުމުގެ މައްޗަށް ކުށް ސާބިތުވެއްޖެ

Oct 4, 2021
1

ސ. ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި، މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ތޫނު އެއްޗަކުން އަހްސަންގެ ކަރަށް ހަމަލާދީ މަރާލީ މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުން އޭނާ ހިނގާފައި ދަނިކޮށް މާޗް 16، 2011 ވަނަ އަހަރު އެވެ. އަހްސަނަށް ހަމަލާދިނުމުން އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރޭ މެންދަމު 3:30 ހާއިރު އެވެ.

އަހުސަން މަރާލި މައްސަލާގައި ދައުލަތުން ޝަހްމުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 20، 2014 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާ އެކު ޝިމާޒް ހުރީ ދޫކޮށްލާފަ އެވެ. އެހެންނަމަވެސް ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ޝިމާޒްގެ އަދަބާ މެދު ގޮތެއް ނިމެންދެން 10 ދުވަހަށް އޭނާ ބަންދުކުރުމަށް ވެސް އަމުރުކޮށްފަ އެވެ. މަރުގެ އެހެން މައްސަލައެއްގައި ކުށް ސާބިތުވެ ޝަހްމު މިހާރު ވެސް ގެންދަނީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ޔޫތް ސެންޓަރު ކައިރީގައިވާ ފުޓްބޯޅަ ދަނޑުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލަ ޝަހުމްގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ޝަހްމާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ހުކުމް ކުރި ނަމަވެސް އެ މީހުންނަށް އަދަބު ކަނޑައަޅާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމް އިއްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އަހުސަނަށް ހަމަލާދިނީ ޝަހުމް ކަމާއި ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔައީ ޝިމާޒް ކަމަށް ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. ހެކި ބަހުގައި ފުށުއެރުންތައް ހުރި ނަމަވެސް އެއީ މާބޮޑު ހިލާފުތަކެއް ހުރި ހެކި ބަސް ތަކެއް ނޫން ކަމަށެވެ.

މި މައްސަލަ ސާބިތުކުރުމުގައި އަހްސަން މަރު މަތީގައި ބުނި ބަސް މުހިއްމު ދައުރެއް އަދާކުރި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހޮސްޕިޓަލްގައި މަރު މަތީގައި އޮވެގެން ޝަހްމު ހަމަލާ ދިން ކަމަށް އަހްސަން ބުނި ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދީފައިވާ ކަމަށެވެ.

އެފަދަ ހެކިބަސް ޝަރުއީ ދާއިރާގައި ބޭނުންކުރަނީ އިވުނު އަޑުގެ ހެކިބަސް ނުވަތަ ހިއަސޭ އެވިޑެންސްގެ ގޮތުގަ އެވެ. އެކަން ފާހަގަކުރައްވާ ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެފަދަ ހެކި ބަހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަލައިގަނެ އަދި ރާއްޖޭގެ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭ ހެއްކެއް ކަމަށެވެ.

މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ނުވަތަ ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުކުރި ފުރަތަމަ ފަހަރެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.